ބަޖެޓަށް ބަހުސްކުރުން މިއަދު ނިންމާލަނީ

ބަޖެޓަށް ބަހުސްކުރުން މިއަދު ނިންމާލަނީ

Author
މުޙައްމަދު ޖިމީ
18 ނޮވެމްބަރ 2020 10:18
0

އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ ދައުލަތުގެ ބަޖެޓް ބަހުސްގައި، ވާހަކަފުޅު ދައްކަވަން އެދިވަޑައިގަންވާ މެންބަރުންނަށް ފުރުޞަތު އަރުވާ މިއަދު 13:30ގައި ވާހަކަފުޅު ދައްކަވަން އެދުމުގެ ފުރުޞަތު ބަންދުކުރުމަށް ނިންމައިފިއެވެ.

އަންނަ އަހަރަށް ލަފާކޮށް ދައުލަތުން މަޖިލީހަށް ހުށައަލާފައިވާ 34.7 ބިލިއަން ރުފިޔާގެ ބަޖެޓުގެ ބަހުސް މަރުހަލާ މިހާރު ކުރިއަށްދާއިރު ކޮންމެ މެންބަރަކަށް ވާހަކަފުޅު ދެއްކެވުމަށް 15 މިނެޓްގެ ފުރުޞަތެއް އެރުވުމަށް ނިންމާފައިވެއެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ، ބަހުސްކުރައްވަން އެދިވަޑައިގަތުމުގެ ފުރުޞަތު މިއަދު މެންދުރު 13:30އަށް ބަންދުކުރުމަށް ނިންމާފައިވާކަމަށާއި، އެހާތަނަށް އެދިވަޑައިގަންނަވާ ހުރިހާ މެންބަރުންނަށް ފުރުޞަތު ދެއްވާނެކަމަށެވެ. އަދި މިއަދު ކިތަންމެ ލަސްވިޔަސް އެހުރިހާ މެންބަރުންނަށް ފުރުޞަތުދީ ބަހުސް މަރުހަލާ ނިންމާލައްވަން ގަސްދުކުރައްވާކަމަށްވެސް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

މިރޭ މެންދަމާ ހަމައަށް ވިޔަސްވެސް، އަޅުގަނޑުމެން މިމަސައްކަތް ކުރިއަށް ގެންދާނަން.

މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވިއެވެ.

އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓުގެ ކޮމެޓީ މަރުހަލާގެ މަސައްކަތްތައް ނިންމައި މިހަތްފާގެ ބުރާސްފަތި ދުވަހު ތަޅުމަށް ހުށަހެޅުމަށް އަމާޒުވަނީ ހިފާފައެވެ. އަދި މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވަނީ މިމަހުގެ 26 ވަނަ ދުވަހު މަޖިލީހުން ބަޖެޓް ފާސްކުރުމަށް އަމާޒު ހިފާފައެވެ. އަންނަ އަހަރަށް ދައުލަތުން ލަފާ ކުރާ ބަޖެޓްގެ ގޮތުގައި މަޖިލީހަށް ހުށަހަޅާފަިއވަނީ 34,787,720,151 (ތިރީސް ހަތަރު ބިލިއަން ހަތް ސަތޭކަ އައްޑިހަ ހަތް މިލިއަން ހަތް ސަތޭކަ ވިހި ހާސް އެއް ސަތޭކަ ފަންސާސް އެއް ރުފިޔާ)ގެ ބަޖެޓެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.