މިނީ ބަހުގެ ޚިދުމަތަށް އަމީނީ މަގާއި މަޖީދީ މަގުގައި އިތުރު ޕާކިން ޒޯންތަކެއް ހަދަނީ

މިނީ ބަހުގެ ޚިދުމަތަށް އަމީނީ މަގާއި މަޖީދީ މަގުގައި އިތުރު ޕާކިން ޒޯންތަކެއް ހަދަނީ

މާލޭގައި މިނީ ބަހުގެ ޚިދުމަތް ފެށުމަށް ތައްޔާރުވެފައިވާތީ މަޖީދީ މަގާއި އަމީނީ މަގުގައި އިތުރު ޕާކިން ޒޯންތަކެއް ހެދުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ފަށައިފިއެވެ.

މާލޭގައި މިނީ ބަހުގެ ޚިދުމަތް ފެށުމަށް އަމީނީ މަގާއި މަޖީދީ މަގުގައި ޕާކްކުރުން ވަނީ މަނާކޮށްފައެވެ. މިކަމުގެ ސަބަބުން ކާރޫބާރު ބޮޑު އެ ދެމަގުގައި ޕާކްކުރުމަށް ދަތިވާނެތީ އިތުރު ޕާކޒިން ޒޯންތަކެއް ހެދުމުގެ މަސައްކަތް ސިޓީ ކައުންސިލުން ފެށީއެވެ.

ސިޓީ ކައުންސިލުން ބުނީ، މާލެގެ މިނީ ބަސް ޙިދުމަތް ފެއްޓުމަށްޓަކައި މާލެ ސިޓީ އެކި ސަރަހައްދުތަކުގަ ޕާކިންގ ޒޯންތައް ހެދުމުގެ މަސައްކަތުގެ ތެރެއިން އަމީނީމަގު ޓްރެފިކް ޕޮލިސް ކައިރިން ވަނީ ޕާރކިންގ ޒޯނެއް ހަދާ، އެ ސަރަހައްދެގެ ކޮންކުރީޓު މަސައްކަތް އެއްކޮށް ނިންމާފައިވާކަމަށެވެ.

އެމްޓީސީސީން އަންނަނީ ވީއެންމެ އަވަހަކަށް މާލޭގައި މިނީ ބަހުގެ ޚިދުމަތް ފެށުމަށް ތައްޔާރުވަމުންނެވެ. މިގޮތުން މިހާރު ކުރިއަށްދަނީ ބަސް ސްޓޮޕްތައް ތައްޔާރުކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. އަދި މިނީ ބަހުގެ ހިދުމަތް ފެށުމަށް މާލޭގެ ބައެއް މަގުތަކުގެ ޕާކިންގ ވަނީ ހުސްކޮށްފައެވެ.

އެމްޓީސީސީން ވަނީ މިނީ ބަހުގެ ޚިދުމަތް ފަށާއިރު ފުރަތަމަ 2 ހަފްތާގައި ހިލޭ ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖަައްސާނެކަމަށް ބުނެފައެވެ.

މާލޭގައި މިނީ ބަހުގެ ޚިދުމަތް ދިނުމަށް ސަރުކާރުން އެމް.ޓީ.ސީ.ސީއާއި ޙަވާލުކޮށްފައިވަނީ 2019 ވަނަ އަހަރުގެ ތެރޭގައެވެ. މާލެއާއި އަތޮޅުތަކުގައި މިނީ ބަހުގެ ޚިދުމަތް ދިނުމަށް ބޭނުންވާ 41 ބަހުގެ ތެރެއިން 36 ބަސް މިދިޔަމަހުގެ 16 ވަނަ ދުވަހު އެމް.ޓީ.ސީ.ސީން ރާއްޖެއަށް ވަނީ ގެނެސްފައެވެ. މީގެ ތެރެއިން މާލޭގައި މި ޚިދުމަތް ދިނުމަށް 12 ބަހެއް ބޭނުންކުރާނެއެވެ. އަދި ބާކީ 24 ބަސް، އަތޮޅުތަކުގައި އަންނަނީ ބޭނުން ކުރަމުންނެވެ.

އަލަށް ގެނައި މިނީ ބަސްތަކަކީ 20 މީހުންގެ ޖާގައިގެ ބަސްތަކެކެވެ. މި ބަސްތައް ފަރުމާކޮށްފައިވަނީ ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށްވެސް ފަސޭހައިން ބޭނުންކުރެވޭ ގޮތަށެވެ. އެގޮތުން ފުރޮޅުލީ ގޮނޑީގައިވެސް ފަސޭހައިން ބަހަށް އަރައި ފޭބޭނެއެވެ.

އެމް.ޓީ.ސީ.ސީން މިހާރު ވަނީ ލ.އަތޮޅާއި، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީގައި މިނީ ބަހުގެ ޚިދުމަތް ފަަށާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *