އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބަށް 120 މިލިޔަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅައިފިއެވެ.
އަންނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ވާންޖެހޭ ތައްޔާރީތައް ސިޔާސީ ޕާޓީތަކުން މިހާރު ވަނީ ވާން ފަށާފައެވެ. އިންތިޚާބުގައި ކެންޑިޑޭޓުން ނެރެން ނިންމައި ބައެއް ޕާޓީތަކުން މިހާރުވަނީ އެކަން ހާމަކޮށްފައެވެ. އަނެއްބައި ޕާޓީތަކުން، ޕާޓީގެ އެތެރޭގެ އިންތިޚާބުތަކާއި ޤައުމީ މަޖިލީސްތަކުގެ ބައްދަލުވުމަށްފަހު ކެނޑިޑޭޓުން ހާމަކުރުމަށް ނިންމައި އެމަސައްކަތްވަނީ ފަށާފައެވެ.
އިންތިޚާބަށް ޕާޓީތަކުން ތައްޔާރު ވަމުންދާއިރު، އިންތިޚާބު ބޭއްވުމަށްޓަކައި ބޭނުންވާ ބަޖެޓް އެކުލަވާލުވުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން ދަނީ ކުރަމުންނެވެ. އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ ބަޖެޓް އެކުލަވާލުމުގެ މަސައްކަތް މިހާރު ނިމިފައިވާކަމަށެވެ. އެގޮތުން ފިނޭންސް މިނިސްޓްރީއާއި، ކަމާއި ގުޅުންހުރި އެހެން އިދަރާތަކާއި މަޝްވަރާކޮށް ބަޖެޓް ފައިނަލް ކުކުރެވިފައިވާކަމަށެވެ.
އިންތިޚާބަށް އިލެކްޝަނުން ލަފާކުރަނީ 120 މިލިޔަން ރުފިޔާގެ ޚަރަދެއް ހިނގާނެކަމަށެވެ. އިލެކްޝަނުން ބަޖެޓް ކަނޑައަޅާފައިވަނީ އިންތިޚާބުގައި ދެބުރު ބާއްވަން ޖެހިއްޖެ ހާލަތުގައި އެކަމަށްވެސް ބެލުމަށްފަހުއެވެ. އެގޮތުން އިންތިޚާބުގެ ފުރަތަމަ ބުރަށް 95 މިލިޔަން ރުފިޔާ އަދި ދެވަނަ ބުރެއް ބާއްވަން ޖެހިއްޖެނަމަ 25 މިލިޔަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅާފައެވެ. އިންތިޚާބަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި ބަޖެޓް މިއަދު ފިނޭންސް މިނިސްޓްރީއަށް ފޮނުވާނެކަމަށް އިލެކްޝަނުން ވިދާޅުވިއެވެ.
އިންތިޚާބަށް އިލެކްޝަނުން އެންމެ ބޮޑު ޚަރަދެއް ކުރަން ޖެހެނީ ދަތުރުފަތުރަށް ކަމަށް އިލެކްޝަނުން ވިދާޅުވިއެވެ. އެގޮތުން އަތޮޅު ތެރެއަށާއި، ރާއްޖެއިން ބޭރުގެ ޤައުމުތަކަސް ކުރަންޖެހޭ ދަތުރު ތަކަކީ ހިނގާނެ އެންމެ ބޮޑު ޚަރަދުތަކުގެ ގޮތުގައި އިލެކްޝަނުން ވިދާޅުވިއެވެ.
ކޮންމެ 5 އަހަރަކުން އެއް އަހަރު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަކު ހޮވުމަށް ބާއްވާ ރިޔާސީ އިންތިޚާބަކީ ރާއްޖޭގައި ބާއްވާ އެންމެ މުހިންމު އިންތިޚާބެވެ. އެއީ ރައްޔިތުންގެ ބަސް އިއްވައި ދައުލަތުގެ އެންމެ އިސްވެރިޔާ ހޮވުމަށް ރައްޔިތުންނަށް ފުރުސަތުލިބޭ އިންތިޚާބެވެ.
ކޮމެންޓު ފޮނުވާ