ތަކުރާރުކޮށް ކުށްކުރާ މީހުން މުޖުތަމައުއަށް ދޫވެފައި ތިބިގެން ނުވާނެ: ނާޒިމް

ތަކުރާރުކޮށް ކުށްކުރާ މީހުން މުޖުތަމައުއަށް ދޫވެފައި ތިބިގެން ނުވާނެ: ނާޒިމް

Author
މުޙައްމަދު ޝަޒައިމް
23 އޮގަސްޓް 2022 09:07
0

ތަކުރާރުކޮށް ކުށްކުރާ މީހުން މުޖުތަމައުއަށް ދޫވެފައި ތިބިގެން ނުވާނެ ކަމުގައި އެމްއެންޕީގެ ލީޑަރު ކާނަލް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ނާޒިމް މިހެން ވިދާޅުވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ ޢަލީ ޞާލިޙަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލުމާއި ގުޅިގެން އެކަން ކުށްވެރި ކުރައްވައި ކުރެއްވި ޓުވީޓެއްގައެވެ. އޭނާއަށް ހަމަލާދީފައިވަނީ މީގެ ކުރިންވެސް ތަކުރާރުކޮށް މިފަދަ ކުށްތަކަށް އަރައި ގަނަން މީހެކެވެ.

ނާޒިމް ވިދާޅުވީ ރާއްޖޭގެ އަމާންކަން ގާއިމް ކުރުމަށްޓަކައި ގާނޫނީ ހުކޫމަތު ނަގަހައްޓަން ޖެހޭކަމަށެވެ. ރައްޔިތުންގެ ސަލާމަތަށް ނުރައްކާތެރި މީހުންނާއި ތަކުރާރުކޮށް ކުށްކުރާ މީހުން މުޖުތަމައުއަށް ދޫވެފައި ތިބިގެން ނުވާނެކަމަށް ނާޒިމް ވިދާޅުވިއެވެ. ރައްޔިތުންގެ ހަމަޖެހުމާއި ސުލްހަމަ މަސަލަސްކަން ގާއިމް ކުރުމަކީ ސަރުކާރުން ކުރަންޖެހޭ ކަމެއްކަމަށް ނާޒިމް ވިދާޅުވިއެވެ.

ސްޓޭޓް މިނިސްޓަރު އަލީ ސޯލިހަށް ދިން ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކުރަން. ރައްޔިތުންގެ ސަލާމަތަށް ނުރައްކާތެރި މީހުންނާއި ތަކުރާރުކޮށް ކުށްކުރާ މީހުން މުޖުތަމައުއަށް ދޫވެފައި ތިބިގެން ނުވާނެ. ރައްޔިތުންނަށް އަމާންކަން ކަށަވަރުކޮށްދީ ގާނުނުގެ ހުކުމް ނަގަހައްޓަން ޖެހޭ.

– ނާޒިމް ވިދާޅުވިއެވެ.

އަލީ ޞާލިހް ވިދާޅުވީ މިހަމަލާދީފައިވަނީ ހުޅުމާލެ މަގުމަތިން ސައިކަލްގައި ދަނިކޮށް ސައިކަލް ކުރިމައްޗަށް އަރާ ހުއްޓުވުމަށްފަހުއެވެ. ހަމަލާދިން މީހާވަނީ އަލީ ޞާލިހަކީ ސަރުކާރަށް ނިސްބަތްވާ ސިޔާސީ މީހެއް ކަމަށާއި ދީނީ މީހުން ހައްޔަރުކޮށްގެން ތިހެން ނުތިބެވޭނެ ކަމަށް ބުނެ ޖީބުން ކަޓަރެއް ނެގުމަށްފަހު އަލީ ޞާލިހް ހަމަލާދީފައި ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ދެވަނަ ފަހަރަށްވެސް ހަމަލާދިނުމަށް އޭނާ މަސައްކަތް ކުރުމުން ސައިކަލް ދޫކޮށްލުމަށްފަހު މަގުމަތިން ދިޔަ ޕިކަޕެއްގެ އެހީގައި އަލީ ޞާލިހް ހޮސްޕިޓަލަށް ދިޔަ ކަމަށް އޭނާ ވިދާޅުވިއެވެ.

މިހަމަލާގައި އަލީ ޞާލިހްގެ އަތުން 4 އިންޗިހާ ފުންމިނުގައި ތަނެއް ކަނޑައިގެން ގޮސްފައިވާ ކަމަށާއި މިޒަޚަމަށް ހުޅުމާލެ ހޮސްޕިޓަލުން ފަރުވާ ހޯއްދަވާފައިވާ ކަމަށްވެސް އަލީ ޞާލިހް ވިދާޅުވިއެވެ.

މިމައްސަލައާ ގުޅިގެން ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ހާމަކުރެއެވެ. އަދި މިމައްސަލަ ފުލުހުންދަނީ ތަހްޤީގުކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.