ރާއްޖޭގައި ދުރާލައި ރޭވިގެން އިންތިޒާމު ވެގެން ހިންގަމުންދާ ކަރުކަށި ފިކުރުތަކުގެ ހަމަލަތާތައް ހުއްޓުވަން ޖެހޭކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ ޢަލީ ޞާލިޙަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލުމާއި ގުޅިގެން އެކަން ކުށްވެރި ކުރައްވައި ރައީސް ނަޝީދު ވިދާޅުވީ ރޭވިގެން އިންތިޒާމުވެގެން ރާއްޖޭގައި ހަރުކަށި ފިކުރުތަކުގެ ޢަމަލުތައް ހިންގަމުންދާކަމަށެވެ.
އަލީ ޞާލިހަށްވެސް ދީފައިވަނީ މިފަދަ ނުރައްކާތެރި ހަމަލާއެއް ކަމަށާއި، މިކަންކަން ހުއްޓުވުމަސް އިންތިޒާމީ ގޮތެއްގައި ރައްޔިތުންގެ އިތުބާރު ހިފޭނެ ފަދަ ގޮތަކަށް ސަރުކާރުން މަސައްކަތް ކުރަންޖެހޭ ކަމުގައި މަޖިލިސް ރައީސް ވިދާޅުވިއެވެ.
ޖުމްހޫރީ ޕާޓީގެ ތަރުޖަމާނު އަލީ ޞާލިހުއަށް ދިން ނުރައްކާތެރި ހަމަލާ އިންތިހާއަށް ކުށްވެރިކުރަން. ރާއްޖޭގައި އިންތިޒާމުވެގެން ހިންގާ ހަރުކަށި ފިކުރުގެ ޢަމަލުތައް ހުއްޓުވުމަށް ކުރާ މަސައްކަތް މާބޮޑަށް ހަރުދަނާވެ އިތުބާރު ހިފެންޖެހޭ.
– ރައީސް ނަޝީދު ވިދާޅުވިއެވެ.
އަލީ ޞާލިހް ވިދާޅުވީ މިހަމަލާދީފައިވަނީ ހުޅުމާލެ މަގުމަތިން ސައިކަލްގައި ދަނިކޮށް ސައިކަލް ކުރިމައްޗަށް އަރާ ހުއްޓުވުމަށްފަހުއެވެ. ހަމަލާދިން މީހާވަނީ އަލީ ޞާލިހަކީ ސަރުކާރަށް ނިސްބަތްވާ ސިޔާސީ މީހެއް ކަމަށާއި ދީނީ މީހުން ހައްޔަރުކޮށްގެން ތިހެން ނުތިބެވޭނެ ކަމަށް ބުނެ ޖީބުން ކަޓަރެއް ނެގުމަށްފަހު އަލީ ޞާލިހް ހަމަލާދީފައި ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ދެވަނަ ފަހަރަށްވެސް ހަމަލާދިނުމަށް އޭނާ މަސައްކަތް ކުރުމުން ސައިކަލް ދޫކޮށްލުމަށްފަހު މަގުމަތިން ދިޔަ ޕިކަޕެއްގެ އެހީގައި އަލީ ޞާލިހް ހޮސްޕިޓަލަށް ދިޔަ ކަމަށް އޭނާ ވިދާޅުވިއެވެ.
މިހަމަލާގައި އަލީ ޞާލިހްގެ އަތުން 4 އިންޗިހާ ފުންމިނުގައި ތަނެއް ކަނޑައިގެން ގޮސްފައިވާ ކަމަށާއި މިޒަޚަމަށް ހުޅުމާލެ ހޮސްޕިޓަލުން ފަރުވާ ހޯއްދަވާފައިވާ ކަމަށްވެސް އަލީ ޞާލިހް ވިދާޅުވިއެވެ.
މިމައްސަލައާ ގުޅިގެން ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ހާމަކުރެއެވެ. އަދި މިމައްސަލަ ފުލުހުންދަނީ ތަހްޤީގުކުރަމުންނެވެ.