2023ގެ ރިޔާސީ އިންތިޚާބަށް ރައްޔިތުން އެންމެ ބަލައިގަންނަ އެއްޗެއް ވިއްކަނީ ކޮން ޕާޓީއެއްގެ ކެނޑިޑޭޓެއްތޯ ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ރައީސް އަދި މިސަރުކާރުގެ ހޯމް މިނިސްޓަރ އިމްރާން ސުވާލުކުރައްވައިފިއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ރާއްޖޭގައި ހަރަކާތްތެރިވާ ގިނަ ސިޔާސީ ޕާޓީތަކުން ކެނޑިޑޭޓުން ނެރޭނަކަން އިއުލާންކޮށްވައިވާއިރު އަދާލަތު ޕާޓީން އަދި ވަކިގޮތެއް ހާމަކޮށްފައެއް ނުވެއެވެ. ކޯލިޝަނަކާއެކު ކުރިއަށްދާނީކަމެއް ނުވަތަ ކެނޑިޑޭޓަކު ނެރޭނީކަމެއް ހާމަކޮށްފައެއްނުވެއެވެ. މިހާތަނަށް އަދާލަތުން ރިޔާސީ ކެނޑިޑޭޓަކު ނެރެފައެއް ނުވެއެވެ.
އިމްރާން ވިދާޅުވީ 2023 ގެ މަންޒަރުގައި މަޑު މަޑުން ކުލަޖެހެން ފެށީކަމަށެވެ. އެކި ޕާޓީތަކުން ވިއްކަނީ އެކި އެއްޗެހިކަން ރައްޔިތުންނަށް އެނގޭކަމަށް އިމްރާން ވިދާޅުވިއެވެ. އޭނާ ވަނީ އެންމެ ގިނަ ރައްޔިތުން ބަލައިގަންނަ އެއްޗެއް ވިއްކަނީ ކޮން ޕާޓީއަކުން ކޮން ކެނޑިޑޭޓެއްތޯވެސް ސުވާލުކުރައްވާފައެވެ.
2023 ge manzarugai madu madun kula jehen feshee’eve.eki party thakun vikkanee eki ehchethikan rayyithunnah enge’eve.enme gina rayyithun balaiganna ehcheh vikkenee kon party akun kon candidate akah heyyeve?
— Imran Abdulla (@ShimranAb) August 21, 2022
އަދާލަތުން ކެނޑިޑޭޓަކު އިއުލާން ނުކުރިނަމަވެސް ރައީސް ޞާލިޙަށް ތާއީދުކުރައްވާ އަދާލަތުގެ އިސް ބޭފުޅުން ގެންދަވަނީ ޓްވީޓް ކުރައްވަމުންނެވެ. ސަރުކާރު ކޯލިޝަންގައި އަދާލަތު ހިމެނުނުނަމަވެސް، މަޖިލިސް އިންތިޚާބުގައި ވާދަކޮށްގެން އެޕާޓީއަށް އެންމެ ގޮނޑިއެއްވެސްކާމިޔާޞު ކުރެވިފައިނުވާތީ އެމްޑީޕީގެ މެންބަރުން ވަނީ އަދާލަތު ޕާޓީ ކޯލިޝަންގައި ބޭއްވުމާއި ގުޅޭގޮތުން ސުވާލު އުފައްދަވާ ފާޑުވިދާޅުވެފައެވެ.
އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރާނެކަން އިއުލާންކޮށްފައިވަނީ ޕީޕީއެމްގެ ކެނޑިޑޭޓް ރައީސް ޔާމިނާއި، އެމްޑީއޭގެ ރައީސް އަހްމަދު ސިޔާމް މުޙައްމަދާއި، ޑީއާރުޕީގެ ރައީސް ޖާބިރެވެ. މީގެ އިތުރުން އެމްއެންޕީ އިންވެސް ކެނޑިޑޭޓެއް ނެރޭކަން އިއުލާންކޮށްފައިވެއެވެ. ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުވެސް ވަނީ އިންތިޚާބުގައި ވާދަކުރާނެކަމަށް ވިދާޅުވެފައެވެ.
ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީން ބުނީ ރިޔާސީ ކެނޑިޑޭޓެއް ކަނޑައެޅުމަށް ވަރަށް އަވަހަށް ޕްރައިމަރީއެއް ބާއްވާނެކަމަށެވެ.