އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އާއި ނިއުކާސަލް ޔުނައިޓެޑް 3-3 އިން އެއްވަރުވެއްޖެއެވެ.
ސިޓީން ވަނީ ފަސް ވަނަ މިނިޓްގައި ބެނާޑޯ ސިލްވާ ދިން ބޯޅައަކުން އިލްކާއި ގުންޑޮގާން ޖެހި ގޯލުން ލީޑުނަގައިފައެވެ. ފުލުފުލުގައި ނިއުކާސަލް އިން އެޓޭކްކޮށް، ގޯލެއް ޖަހަން ކުރި މަސައްކަތް ކާމިޔާބުވީ މެޗުގެ 28 ވަނަ މިނިޓްގައެވެ. ނިއުކާސަލްގެ އެލާން ސެއިން މެކްސިމައިން ނެގި ހުރަހަކުން އޭރިއާތެރެއަށް ވެއްޓިގެންފައި މި ގޯލު ޖެހީ މިގޭލް އަލްމިރޯންއެވެ. އަލްމިރޯން މި ގޯލު ޖެހިއިރު، އަތުގައި ބޯޅަ ޖެހުނުތޯ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) މެދުވެރިކޮށް ވަނީ ކަށަވަރުކޮށްފައެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން ނިއުކާސަލުން ވަނީ ނަތީޖާ އަނބުރާލައިފައެވެ. މެޗުގެ 39 ވަަނަ މިނިޓްގައި ސެއިން މެކްސިމައިން މި ފަހަރު ދިން ބޯޅަ، ކަލުމް ވިލްސަން ވަނީ ހަމަޖެހިލާފައި ގޯލަށް ފޮނުވާލައިފައެވެ.
ފުރަތަމަ ހާފް 1-2 ގެ ނަތީޖާއަކުން ސިޓީގެ މައްޗަށް ނިއުކާސަލް ކުރީގައި އޮވެގެން ނިމިފައިވާއިރު، ދެވަނަ ހާފް ފެށިގެން ކިއެރެން ޓްރިޕިއާގެ ލަނޑުން ނިއުކާސަލް އިން ވަނީ ލީޑު އިތުރަށް ފުޅާ ކޮށްފައެވެ.
ނަމަވެސް ސިޓީން ވަނީ މެޗުގެ ފަހު 30 މިނެޓު ތެރޭގައި މޮޅު ކުޅުމެއް ދައްކާ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މިގޮތުން 60 ވަނަ މިނެޓުގައި ހާލަންޑް ސިޓީއަށް ނަތީޖާގެ ފަރަގު ކުޑަ ކޮށްދިން އިރު، އޭގެ ހަތަރު މިނެޓު ފަހުން ބެނާޑޯ ސިލްވާ ވަނީ ސިޓީއަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.
މި ނަތީޖާއާއެކު ސިޓީ އޮތީ ކުޅުނު ތިން މެޗުން ލިބުނު ހަތް ޕޮއިންޓާއެކު ލަނޑުގެ ތަފާތުން ދެވަނައިގައެވެ. ނިއުކާސަލް އޮތީ ކުޅުނު ތިން މެޗުން ލިބުނު ފަސް ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ހަ ވަނައިގައި ލަނޑުގެ ތަފާތުންނެވެ.