14 ވަނަ ވޯލްޑް ލަގްޒަރީ ހޮޓެލްސް އެވޯޑްގެ ފާގަހަކޮށްލެވޭ އެވޯޑް ތަކެއް ކްރޮސް ރޯޑްސް މޯލްޑިވްސްގައި ހިންގާ ރިސޯޓްތަކަށް ލިބިއްޖެއެވެ.
ކްރޮސް ރޯޑްސްގެ މައި 2 ރިސޯޓު ހާޑްރޮކް ހޮޓެލް އާއި ސައި ލެގޫން މޯލްޑިވްސް ވަނީ ވޯލްޑް ލަގްޒަރީ ހޮޓެލްސް އެވޯޑްގެ އެންމެ ޝަރަފްވެރި އެވޯޑު ކަމަށް ވާ "ލަގްޒަރީ ބްރޭންޑް" އެވޯޑް ހޯދާފައެވެ. ހާޑްރޮކް ހޮޓެލް އަށް މި އެވޯޑު ލިބުނީ މުޅި ދުނިޔެއާ ވާދަކޮށް ގްލޯބަލް ކެޓަގަރީންނެވެ. އަދި ސައި ލެގޫނުން އެވޯޑު ހޯދީ ކޮންޓިނެންޓަލް ކެޓަގަރީންނެވެ.
މީގެ އިތުރުން "ލަގްޒަރީ ސްޕާ ރިޓްރީޓް" އެވޯޑް ކޮންޓިނެންޓަލް ކެޓަގަރީން ހާޑްރޮކް ހޮޓެލް މޯލްޑިވްސްގެ ރޮކް ސްޕާ ހޯދިއިރު، ރީޖަނަލް ކެޓަގަރީން މި އެވޯޑު ހޯދީ ދަ މެރީނާގެ ލެެން ބީ ވެލް އެވެ.
"ލަގްޒަރީ ރިސޯޓް ރެސްޓޯރަންޓް" އެވޯޑު ކޮންޓިނެންޓަލް ކެޓަގަރީން ހޯދީ ހާޑްރޮކް ހޮޓެލް މޯލްޑިވްސްގެ ދި އެލެފެންޓް އެންޑް ބަޓަފްލައި އިން ނެވެ. މީގެ އިތުރުން ކޮންޓިނެންޓަލް ކެޓަގަރީން "މެޑިޓްރޭނިއަން ކުސިން" އެވޯޑް ހޯދީ ސައި ލެގޫން މޯލްޑިވްސްގައި ހުންނަ މިސް އޮލިވް އޮޔެލް ރެސްޓޯރަންޓުން ނެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް އިންޓަގްރޭޓެޑް ޓޫރިޒަމް އުސޫލުން ވުޖޫދައްގެނައި ކްރޮސް ރޯޑްސް މޯލްޑިވްސް އަކީ ދިވެހިންނަށް ވެސް ފަސޭހައިން އެތަނަށް ޒިޔާރަތް ކޮށްލެވޭ ގޮތަށް މާލެ ކައިރީގައި ތަރައްގީ ކޮށްފައިވާ ލަގްޒަރީ ޓޫރިސްޓް ފެސިލިޓީއެކެވެ. 2019 ވަނަ އަހަރު މިތަން ހުޅުވީ 2 ލައިފް ސްޓައިލް ހޮޓެލް ކަމަށްވާ ހާޑްރޮކް ހޮޓެލް މޯލްޑިވްސް އާއި ހިލްޓަންގެ ސައި ލެގޫން މޯލްޑިވްސް އާ އެކުއެވެ.