އެމެރިކާގެ ގިނަ އަދަދެއްގެ ސިފައިން އަފްއާނިސްތާނާއި އިރާގުން ފޭބުމަށް ހަމަޖެހިފައިވާކަން އެގައުމުގެ ދިފާއީ ވުޒާރާ ޕެންޓަގަން އިން ހާމަކޮށްފިއެވެ.
އެމެރިކާގަ ރައީސްގެ މިނިންމެވުން ތަންފީޒުކުރުނަށް ނިންމާފައިވާކަން މިޑީއާތަކަށް ޔަގީން ކޮށްދެމުން، ޕެންޓަގަންއިން ހާމަކޮށްފައިވާ ގޮތުގައި އިރާގާއި އަފްއާނިސްތާނުގައި މިވަގުތު އެމެރިކާ ސިފައިންގެ ތެރެއިން ޖުމްލަ2500 ސިފައިން ޓަރަމްޕްގެ ދައުރު2021 ވަނަ އަހަރުގެ20 ވަނަ ދުވަހުން ހަމަވުމުގެ ކުރިން މިދެގައުމުން ފައިވާނެއެވެ.
އެމެރިކާ ރައީސް މީގެކުރިން ވަނީ މިދެގައުމުގައި އެމެރިކާގެ ސިފައިންގެ އަދަދު މަދު ކުރައްވާނެކަމަށް ވައުދު ވެވަަޑައިގެންފައެވެ.
އެހެންނަމަވެސް އެމެރިކާގެ މިނިންމެވުމަށް ފާޑު ވިދާޅުވަމުން ނޭޓޯގެ ސެކެޓްރީ ޖެނެރަލް ޖެންސް ސްޓެލްޓެންބާޖް ވިދާޅުވެފައިވަނީ އެމެރިކާއާއި އަދި ގުޅިފައިވާ ގައުމުތަކުގެ ސިފައިންގެ އަދަދު އަފްއާނިސްތާނުގައި މާއަވަހަށް މަދު ކޮށްފިނަމަ ހީވެސް ނުކުރާފަދަ ބޮޑު އަގެއް މިފަދަ ނިންމުމެއްގެ ސަބަބުން ދައްކަން ޖެހިދާނެ ކަމަށެވެ. އަދި ވިދާޅުވީ މިފަދަ ހާލަތެއްގައި އަފްއާނިސްތާނަކީ އަލުން ހަގުރާމަވެރިން ތަމްރީންކޮށް އަދި ހަމަލާތައް އުފައްދާ ގައުމަމަކަށް ވެގެން ދިއުމުގެ ފުރުސަތު ވަރަށް ބޮޑުކަމުގައެވެ.
ނޭޓޯއަކީ މިވަގުތު އަފްއާނިސްތާނުގެ ދިފާއީ ބާރު ތަމްރީންކުރުމުގެ ޒިންމާ އަދާކުރާ އެންމެ އިސްފަރާތެވެ. އަދި2003 އިން ފެށިގެން 2014 ވަނަ އަހަރުގެ ނިޔަލަށް ނޭޓޯއިން ވަނީ އަފްއާނިސްތާނުގައި އެގައުމުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ ޒިންމާވެސް އަދާކޮށްފައެވެ. މިމުއްދަތުގެ ތެރޭގައި އެންމެ ނޭޓޯ ސިފައިންގެ އަދަދު އެގައުމުގައި އެންމެ ގިނައިން ތިބި ފަހަރު130.000 ނޭޓޯ ސިފައިން އަފްއާނިސްތާނުގައި ހަރަކާތްތެރި ވެފައިވެއެވެ.
ޓްރަމްޕްގެ މި ނިންމެވުމާއެކު، އިރާގުގައި ތިބި އެެމެރިކާ ސިފައިންގެ އަދަދު500 އާއި2500 އާއި ދެމެދުގެ އަދަކުން މަދު ކުރެވިގެން ދާނެއެވެ. އަދި އަފްއާނިސްތާނުގައި މިހާރު ތިބި އެމެރިކާ ސިފައިންގެ އަދަދު4500 އިން2500 އަށް ދަށްވެގެން ދާނެއެވެ.
އެމެރިކާގެ ޑިފެންސް ސެކެޓްރީކަމާ ވަގުތީގޮތުން ހަވާލުވެ ހުންނެވި ކްރިސް މިލާ ވިދާޅުވިގޮތުގައި، މިއީ އެމެރިކާއިން އަފްއާސިންތާނާއި އިރާގުގައި ކުރަމުންދާ ހަގުރާމައަށް ފުރިހަމަ ނިމުމެއް ގެނައުމަށާއި އަދި މި ދެގައުމުގައި ތިބި އެމެރިކާގެ ސިފައިން އެބުރި ގައުމަށް ގެނައުމަށް އެމެރިކާގެ ރައީސް ކަޑައަޅުއްވާފައިވާ ސިޔާސަތުގެ ފުރިހަމަކަން ރަމްޒު ކޮށްދޭނެ ނިންމެވުމަކަށް ވެގެންދާނެއެވެ.
ޕެންޓަގަންގެ މި ނިންމުން އިއުލާން ކުރުމާއެކު، އިރާގުގެ ބަޢުދާދުގައި އެމެރިކާ ސިފައިން ތިބޭ ގްރީން ޒޯނަށް ވަނީ ރޮކެޓްގެ ހަމަކާތަކެއް އަމާޒުކޮށްފައެވެ. މިރޮކެޓްތައް ވެއްޓިފައިވަނީ އިރާގުގައި ހުންނަ އެމެރިކާގެ އެމްބަސީގެ ކައިރިއަށެވެ. މިއީ އިރާގުގައި ހަރަކާތްތެރިވާ އިރާނަށް ތާއީދުކުރާ ހަތިޔާރުއެޅި ފަރާތްތަކުން ބަޢުދާދުގައި ހުންނެ އެމެރިކާގެ އެމްބަސީއަށް ރޮކެޓް ހަމަލާދިނުން ހުއްޓާލުމަށް އެއްބަސްވިފަހުން އެމެރިކާގެ އެންބަސީއަށް އަމާޒުކޮށް ދީފައިވާ ރޮކެޓްގެ ފުރަތަމަ ހަމަލާއެވެ. މިހަލަމާގެ ސަބަބުން އެއްވެސް މީހަކަށް ގެއްލުން ލިބުނުކަމުގެ މައުލޫމާތެއް ލިބިފައެއް ނުވެއެވެ.