ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމަށް، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އިސް ނަންގަވައިގެން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި، ފޮރިންގ މިނިސްޓަރ، އަދި ޔޫއެންގެ އާންމު މަޖިލިހުގެ ރައީސް ޝާހިދު ދެކޮޅު ހައްދަވައިފިއެވެ.
ރާއްޖޭގައި ވެރިކަން ކުރަމުންދާ ރިޔާސީ ނިޒާމު އުވާލާ، ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަށް ނަޝީދު އެމްޑީޕީގެ ކުރިޔަށް އޮތް ކޮންގްރެސްއަށް ގަރާރެއް ހުށަހަޅުއްވާ، އަދި މިމަސައްކަތަށް ތާއީދު ހޯދުމަށް އެމްޑީޕީގެ ހަރުގޭގައި ޖަލްސާތައްވެސް ބާއްވަން ފަށާފައި ވަނިކޮށް، ޝާހިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ތާއީދުކުރައްވާނީ ރައްޔިތުންގެސީދާ ވޯޓަކުން ދައުލަތާއި ސަރުކާރުގެ ވެރިޔާ ހޮވުމަށް ކަމަށެވެ.
ޝާހިދުގެ ޓުވީޓގައި އިތުރަށް ވިދާޅުވެފައިވަނީ، ތާއީދު ކުރައްވަނީ ޤާނޫނު ހެދުމުގެބާރާއި ސަރުކާރު ޒިންމާދާރުކުރުވުން ރައްޔިތުންގެ މަޖިލީހުގައި އޮތުމަށް ކަމަށާއި، އަދުލުއިންސާފު ގާއިމްކުރުން ފަނޑިޔާރު ގޭގައި އޮތުމަށް ކަމަށެވެ. އަދި ޤާނޫނަށް ބޯލެނބުމުގެ ސިފަ ވެރިންގެ ކިބައިގައި ދެމެހެއްޓޭނީވެސް ވެރިކަން ރިޔާސީ ނިޒާމެއްގައި ދެމިއޮވެގެން ކަމުގައިވެސް ޝާހިދު ވިދާޅުވެފައި ވެއެވެ.
އަޅުގަނޑު ތާއީދުކުރަނީ ރައްޔިތުންގެސީދާ ވޯޓަކުން ދައުލަތާއި ސަރުކާރުގެވެރިޔާހޮވުމަށް. ޤާނޫނު ހެދުމުގެބާރާއި ސަރުކާރު ޒިންމާދާރުކުރުވުން ރައްޔިތުންގެ މަޖިލީހުގައި އޮތުމަށް. އަދުލުއިންސާފު ގާއިމްކުރުން ފަނޑިޔާރު ގޭގައި އޮތުމަށް. ޤާނޫނަށް ބޯލެނބުމުގެ ސިފަ ވެރިންގެ ކިބައިގައިހުރުމަށް
— Abdulla Shahid (@abdulla_shahid) August 16, 2022
ވެރިކަމުގެ ނިޒާމް ބަދަލު ކުރުމާއި ފޮރިންގ މިނިސްޓަރު ޝާހިދު ދެކޮޅު ހައްދަވާފައި ވާއިރު، ރައީސް ސާލިހު މިއަދުވަނީ، ބަރުލަމާނީ ނިޒާމެއް ގެނައުމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހަޅުއްވާފައިވާ ގަރާރު ފާސްނުވާނެ ކަމަށް ވިދާޅުވެ، އެގަރާރު އަބުރާ ގެންދިއުމަށް ނަޝީދަށް ގޮވާލައްވާފައެވެ.
ރައީސް ސޯލިހް މިއަދު ވިދާޅުވީ ބަރުލަމާނީ ނިޒާމަށް އެމަނިކުފާނު ތާއީދު ނުކުރައްވާ ކަމަށާއި ވެރިކަމުގެ ނިޒާމުގެ މައްސަލައެއް އޮތް ކަމަށްވެސް ގަބޫލުނުކުރައްވާ ކަމަށެވެ. އަދި ރައީސް ނަޝީދު ހުށަހަޅުއްވާފައިވާ ގަރާރު އެމްޑީޕީގެ ކޮންގްރެސްގައި ފާސްނުވާނެ ކަމުގެ ޔަގީންކަމެއްވެސް ދެއްވެވިއެވެ. ބަރުލަމާނީ ގަރާރު ފާސްވެއްޖެނަމަ އެކަމާ ގުޅޭ މަސައްކަތްތައް ފެށޭނީ އެ މައްސަލަ މަޖިލީހަށް ހުށަހަޅާ ގާނޫނުއަސާސީ އިސްލާހުކޮށްގެން ކަމަށްވާތީ މަޖިލީހުގައި އެކަމުގެ ބަހުސްތައް ކުރަންޖެހޭނެ ކަމުގައިވެސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ނިޒާމުގެ މައްސަލައެއް ކަމަށް ބުނެ ބަރުލަމާނީ ނިޒާމު ގެނައުމަށް މަސައްކަތް ކުރުމަކީ އެންމެ ރަނގަޅު ގޮތް ނޫންކަމަށެވެ. އެމަނިކުފާނުވަނީ މިކަމުގެ ތަފްސީލް ހާމަކުރައްވާ މިހާރުވެސް ވެރިކަން ކުރާ ރިޔާސީ ނިޒާމުގެ ތެރެއިން ކޯލިޝަންގެ ތެރެއިން ގިނަ ކަންތައްތަކެއް ހާސިލް ކުރަމުންދާކަމަށް ވިދާޅުވެފައެވެ. އަދި ގުޅިގެން ހޯދަމުންދާ ކާމިޔާބީތައް އެމަނިކުފާނު ވަނީ ފާހަގަކޮށްފައެވެ.
ބަރުލަމާނީ ނިޒާމަކަށް ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލު ކުުރުމަށް ނަޝީދު ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ނިޒާމު ބަދަލުކުރުމަށް އެމްޑީޕީގެ ކޮންގްރެސްގެ ތާއީދު ހޯއްދުވުމަށް ނަޝީދުވަނީ ކުރިޔަށް އޮތް ކޮންގްރެސްއަށް ގަރާރެއް ހުށަހަޅުއްވާފައެވެ.
މިގަރާރުގައި ނަޝީދު ހިމަނުއްވާފައިވަނީ، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް އެމްޑީޕީގެ ކޮމްގްރެސް އިގުރާރު ވުމަށެވެ.
އަދި މިގޮތަށް އެމްޑީޕީގެ ކޮންގަރެސްއިން ފާސް ވެއްޖެނަމަ، ރައްޔިތުންގެ މަޖިލިހުގެ އަދަދު 87 މެމްބަރުންނަށްވުރެ އިތުރު ނުކުރުމަށާއި އޭގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު 5 އަށް ހަމަޖެއްސުމަށް ގާނޫނޫނު އަސާސީއަށް ބަދަލު ގެނައުމަށް އިގުރާރުވުންވެސް މި ގަރާރުގައި ހިމަނުއްވާފައި ވެއެވެ.
އެއަށްފަހު އިއްޔެ ބޭއްވެވި ނޫސްވެރިންގެ ބައްދަލު ވުމެއްގައި، ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށް، ބޮޑުވަޒީރު ސަރުކާރު ހިންގައި، ރައީސުލްޖުމްހޫރިއްޔާ ދައުލަތުގެ އެންމެ އިސް ވެރިއެއްގެ ގޮތުގައި ހުންނެވުމަށް ނަޝީދު ބޭނުންފުޅުވާ އިސްލާހު ވަނީ އާންމު ކުރައްވާފައެވެ.
ނަޝީދު އާންމު ކުރެއްވި އިސްލާހުގައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުންނަވާ ބޭފުޅަކަށް ލިބިވަޑައިގަންނަވާނެ ބާރުތައް ތަފްސީލްކޮށް ދެއްވާފައެވެ. އެގޮތުން ރައީސްއަށް ލިބިވަޑައިގަންނަވާ ބާރުތަކުގެ ތެރޭގައި މިނިވަން މުއައްސަސާތަކަށް ބޭފުޅުން އައްޔަން ކުރެއްވުމާއި، އަސްކަރިއްޔާގެ އެންމެ އިސްވެރިޔާގެ މަޤާމު ރައީސްއަށް ދެއްވުން ހިމެނެއެވެ.
ކޮމެންޓު ފޮނުވާ