ހ. ޝީރީންވިލާގައި އަނިޔާވެރިގޮތަކަށް މަރާލާފައި އޮއްވާ ހޮނިހިރު ދުވަހުގެ ރޭ ފެނުނު ޝިއާއު މުހައްމަދު ސައީދުގެ މަރާއި ޅޭ އެއްވެސް ފޮޓޯއެއް ފުލުހުންގެ ތެރެއިން ލީކުވެފައިވާކަމަށް ނުބެލެވޭކަމަށް ފުލުހުން ބުނެފިއެވެ.
ޝިއާއު މަރާލައިފައި އޮއްވާ ފެނުނީ މިމަހުގެ ހަވަނަ ދުވަހުގެ ރޭ ހ. ޝީރީންވިލާ އިންނެވެ. ފެނުނު އިރު ޝިއާއުގެ ހަތަރެސްފަޔާއި އަދި ބޯ ބުރިކޮށްލާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އެކަމަކު ފުލުހުން އެ ތަފްސީލްތަކެއް ހާމަކޮށްފައެއް ނުވެއެވެ. ޝިއާއު މަރާލާފައި އޮތް ވަގުތު ނަގާފައިވާ ކަމަށް ބުނާ ދެތީން ފޮޓޯ ރެއިން ފެށިގެން ދަނީ ދައުރުވަމުންނެވެ. އެއީ އަސްލު ފޮޓޯތަކެއް ކަމަށްވެސް ބައެއް ރިޕޯޓްތަކުގައި ބުނެއެވެ.
ޝިއާއުގެ ހަށިގަނޑުގެ ފޮޓޯތަކެއް މީސްމީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ދައުރުވަމުންދާތީ ފުލުހުން ބުނެފައިވަނީ އެ ފޮޓޯތަކަކީ ފުލުހުންގެ ތެރެއިން ލީކުވެފައިވާ ފޮޓޯތަކެއް ކަމަށް ބައެއް މީޑިއާތަކުން ބުނި ނަމަވެސް، އެފަދަ އެއްވެސް ފޮޓޯއެއް ފުލުހުންގެ ތެރެއިން ލީކުވެފައިވާކަމަށް ނުބެލެވޭކަމަށެވެ.
އަދި އެ ފޮޓޯ ތަކަކީ ފުލުހުންގެ ތަހުގީގަށް ނަގައި، ތަހުގީގުގައި ބޭނުންކުރަމުން ގެންދާ ފޮޓޯތަކެއް ނޫން. ނަމަވެސް، ކުށުގެ ވެއްޓަށް ވަދެފައިވާ އެއްވެސް ފަރާތަކުން އެފަދަ ފޮޓޯއެއް ނަގައި، ލީކު ކޮށްފައިވޭތޯ މި ޚިދުމަތުން އިތުރަށް މި ގެންދަނީ ބަލަމުން. އެ ފޮޓޯ ތަކަކީ އަނިޔާވެރިކަން ފެންނަ، ގިނަ ބަޔަކަށް އެކަމުން އަސަރު ކުރުވާނެފަދަ ފޮޓޯތަކަކަށް ވުމާއެކު، އެކަކު އަނެކަކަށް އެ ފޮޓޯތައް ފޮނުވައި އެކި ވަސީލަތްތައް މެދުވެރިކޮށް ދައުރު ނުކުރުމަށް މި ފުރުސަތުގައި ދަންނަވަން.
– ފުލުހުން ބުނެފައިވެއެވެ.
ޝިއާއު މަރުވި ސަބަބު ހޯދަން ހަށިގަނޑުގެ ޕޯސްޓްމޯޓަމްއެއް ހަދަން އިންޑިއާ އަށް ފުލުހުން ފޮނުވިއެވެ. އަދި ހަށިގަނޑު ރާއްޖެ ގެނެސް ހޯމަ ދުވަހުގެ ރޭ އިޝާ ނަމާދުގެ ފަހުން ފުވައްމުލަކުގައި ވަނީ ވަޅުލާފައެވެ. ޝިއާއުގެ މަރުގެ ތުހުމަތުގައި ހައްޔަރު ކޮށްފައި ވަނީ ފ. ނިލަންދޫ، ފިނިފެންމާގެ، އަލީ ޝާހިލްއެވެ.
ކޮމެންޓު ފޮނުވާ