އިންތިހާބުތަކުން ބަލިވީމަ ހަޖަމްކުރަން ދަސްކުރަން ޖެހޭކަމަށް ޔޫތު މިނިސްޓާރ އަޙްމަދު މަޚްލޫފް ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ ގާދިއްފުށި އަދި ދިއްގަރު ދާއިރާގެ ބައި އިލެކްޝަން އެމްޑީޕީން ކާމިޔާބުކުރުމާއި ގުޅިގެން އަދިކޮޅު ޕީއެންސީގެ ނާއިބު ރައީސް އިބްރާހީމް ޝުޖާޢު ފާޑުވިދާލުވުމާއި ގުޅިގެންނެވެ.
ތ.ގާދިއްފުއްޓާއި މ.ދިއްގަރު ދާއިރާގެ ބައި އިލެކްޝަން އެމްޑީޕީން ކާމިޔާބު ކުރެވުމާއި ގުޅިގެން މިނިސްޓަރ މަޚްލޫފް ވަނީ ލާދީނީއަށް ގޮވާ، ފާހިޝް ކަންކަން ފަތުރާ ބަޔަކަށްހަދާ އަދި ތަފާތު ގިނަ އިލްޒާމުތައް އެބައިމީހުން ގެންދަނީ އަޅުވަމުންކަމަށާއި، އެއީ ސިޔާސީ ބޭނުމުގަ ދައްކާވާހަކަކަން ރައްޔިތުންނަށް މިއަދު ސާފުކަމަށް ވިދާޅުވެފައެވެ.
އެ ވާހަކަފުޅަށް ރައްދު ދެއްވާ ޝުޖާޢު ވިދާޅުވީ، އެމްޑީޕީއަކީ ލާދީނީ ކަންކަމަށް ހިތްވަރުދޭ ޕާޓީއެއް ކަން ރައްޔިތުންގެ ކުރިމަތީ ދަނީ ފެންނަމުންކަމަށެވެ. އިންތިޚާބަށް 2 ދުވަސްތެރޭ 15 ސިޔާސީ ވަޒީފާ އުފައްދައި، އިންތިޚާބަށް ނުފޫޒު ފޯރުވައިގެންވެސް ދިއްގަރުން ފަރަގު ކުރަން ބޭނުންވި 150 ވޯޓް ފަރަގު ކުރެވުނުތޯ ޝުޖާ ސުވާލުކުރެއްވިއެވެ. އަދި ގާދިއްފުށި ލިބުނީ ހަމަ ކިރިޔާކަމަށާއި، ނަތީޖާއިން މޮޅުވި ނަމަވެސް މާޒީގެ ތަފާސް އަށް ބަލާއިރު ލާދީނީ ކަމާއި،ފާހިޝް އަމަލުތަކަށް އެމްޑީޕީން ދިން ތަރުހީބުން ރައްޔިތުންގެ ތާއީދު ދިޔައީ ދަށަށްކަމަށް ޝުޖާޢު ވިދާޅުވިއެވެ.
ޝުޖާޢުގެ އެ ވާހަކަތަކަށް އަނެއްކާވެސް ރައްދު ދެއްވައި މިނިސްޓަރ މަހްލޫފް ވިދާޅުވީ، އިންތިހާބުތަކުން ބަލިވީމަ ހަޖަމްކުރަން ދަސްކުރަން އެބަޖެހޭކަމަށެވެ. އެކަމާ ރުޅިއައިސް ހިތްހަމަނުޖެހިގެން ވޯޓު ދިން ރައްޔިތުންނަށް ވަގަށް ،ލާދީނީއަށް ގޮވުމަކީ ދެރަކަމެއްކަމަށާއި، ދެން ވޯޓެއްލިޔަސް އެމްޑީޕީން ކާމިޔާބުކުރާނެކަމަށް މަހްލޫފް ވިދާޅުވިއެވެ. އަދި އިންގިލާބީ ތަރައްގީ ރައްޔިތުން ބަލައިގެންފިކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
އިންތިހާބުތަކުން ބަލިވީމަ ހަޖަމްކުރަން ދަސްކުރަން އެބަޖެހޭ.
އެކަމާ ރުޅިއައިސް ހިތްހަމަނުޖެހިގެން ވޯޓު ދިން ރައްޔިތުންނަށް ވަގަށް،ލާދީނީއަށް ގޮވުމަކީ ދެރަކަމެއް.
ދެން ވޯޓެއްލިޔަސް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކާމިޔާބު ކުރާނަން. އިންގިލާބީ ތަރައްގީ ރައްޔިތުން ބަލައިގެންފި.🙌🏾
— Ahmed Mahloof (@AhmedMahloof) August 14, 2022
އިންގިލާބީ ތަރައްގީ ރައްޔިތުން ބަލައިގެންފި
ދެ ބައި އިލެކްޝަންގެ ކެމްޕެއިންގައި އިސްކޮށް އެމްޑީޕީން އުޅުއްވީ ޔޫތު މިނިސްޓަރ އަޙްމަދު މަޚްލޫފެވެ.
ބައި އިލެކްޝަންގައި ތ. ގާދިއްފުށީ ކައުންސިލްގެ ގޮނޑި ކާމިޔާބު ކޮށްފައިވަނީ އެމްޑީޕީގެ ޓިކެޓްގައި ވާދަކުރި ޒުލައިޚާ އަހުމަދެވެ. އޭނާއަށް 210 ވޯޓު ލިބުނުއިރު އޭނާއި އެންމެ ގާތުން ވާދަކުރި ހައްވާ އަބުދުލް ހާދީއަށް ލިބިފައިވަނީ 201 ވޯޓެވެ.
މ. ދިއްގަރު ކަންސިލުން ހުސްވެފައިވާ ގޮނޑީގެ ބައި އިލެކްޝަން އެމްޑީޕީން ވާދަކުރި ކެނޑިޑޭޓް އަބުދުﷲ އާރިފް ކާމިޔާބު ކޮށްފައިވަނީ 375 ވޯޓުންނެވެ. އޭނާއި ވާދަކުރި ޕީޕިއެމްގެ އަބުދުލް ހަންނާން އަހުމަދަށް ލިބުނޫ 325 ވޯޓެވެ.
ކޮމެންޓު ފޮނުވާ