ބޯންމަތު ބަލިކޮށް ޗެމްޕިއަން ސިޓީ އެއްވަނައަށް

ބޯންމަތު ބަލިކޮށް ޗެމްޕިއަން ސިޓީ އެއްވަނައަށް

Author
މުޙައްމަދު ޝަޒައިމް
14 އޮގަސްޓް 2022 12:16
0

އިނގިރޭސި ޕްރިމިއާ ލީގުގައި ބޯންމަތު ބަލިކޮށް ތާވަލުގެ އެއްވަނައަށް އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ ޖެހިލައިފިއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗު ސިޓީން ކާމިޔާބުކުރީ 4-0 ގެ ނަތީޖާއަކުންނެވެ. ސިޓީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ 19 ވަނަ މިނެޓުގައި އާލިން ބްރައުޓް ހާލަންޑް ތަނަވަސްކޮށްދިން ފުރުސަތެއްގައި ކެޕްޓަން އިލްކާއި ގުންޑޮގާން ވަނީ ލަނޑެއް ޖަހައި، އެ ޓީމަށް ލީޑު ނަގައިދީފައެވެ. އަދި މެޗުގެ 31 ވަނަ މިނެޓުގައި ސިޓީގެ ލީޑު ފުޅާކޮށްދިނީ ކެވިން ޑި ބްރެއިނާއެވެ.

މި މެޗުގައި ސިޓީިއިން ޖެހި ތިންވަނަ ލަނޑު މެޗުގެ 37 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ފިލް ފޯޑެންއެވެ. އަދި މެޗުގައި ސިޓީއިން ކާމިޔާބުކުރި ފަހު ލަނޑަކީ މެޗުގެ 79 ވަނަ މިނެޓުގައި ބޯންމަތުގެ ޖެފެސަން ލާމާ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މި މެޗުގައި ހާލަންޑުގެ ފަރާތުން ލަނޑެއް ފެންނާނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރި ނަމަވެސް މި މެޗުގައި އޭނާއަށް އެންމެ އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ.

މި މޮޅާއެކު ސިޓީ މިހާރު ވަނީ ކުޅުނު ދެ މެޗުންވެސް މޮޅުވެ ލިބިފައިވާ ހަ ޕޮއިންޓާއެކު ތާވަލުގެ އެއްވަނައަށް ޖެހިލާފައެވެ. މިއީ ސިޓީގެ ކޯޗުގެ މަގާމާ ޕެޕް ގާޑިއޯލާ ހަވާލުވި ފަހުން، ސީޒަނުގެ ފުރަތަމަ ދެ މެޗުން އެ ޓީމު މޮޅުވި ފުރަތަމަ ފަހަރެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.