ޔުނައިޓެސް ސްޓޭޓްސް އާރމީ އިންޑޯ ޕެސިފިކް ކޮމާންޑް އިން އިންތިޒާމުކޮށްގެން ބޭއްވި 44 ވަނަ އިންޑޯ ޕެސިފިކް އާމީ މެނޭޖްމަންޓް ސެމިނާ އާއި 6 ވަނަ ސީނިއަރ އެންލިސްޓެޑް ލީޑަރސް ފޯރަމް (ސެލްފް) ގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ވާހަކަފުޅު ދައްކަވައިފިއެވެ.
މިމަހު 17 އިން 18 އަށް ވާޗުއަލްކޮށް ބޭއްވި މި ސެމިނާގައި ވާހަކަފުޅު ދައްކަވަމުން ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ވަނީ މިފަދަ ޒަމާނީ ދުވަސްވަރެއްގައި އަސްކަރިއްޔާތަކުން ހަރަކާތްތެރިވާނެ ގޮތްތަކާއި އަދި ދިވެހި އަސްކަރިއްޔާއިން ގެންގުޅޭ އުސޫލުތަކާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވާފައެވެ. މި ސެމިނާގައި 24 ޤައުމެއްގެ އަސްކަރިއްޔާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންފައިވެއެވެ. އަދި މި ސެމިނާގެ ޕެނަލިސްޓުންގެ ގޮތުގައި ވާހަކަފުޅުދައްކަވާފައިވަނީ އަސްކަރިއްޔާތަކުގެ ޖެނެރަލުންނާއި މި ދާއިރާ އާގުޅޭ ފުންނާބު އުސް، ޕްރޮފެސަރުންނެވެ.
44 ވަނަ އިންޑޯ ޕެސިފިކް އާމީ މެނޭޖްމަންޓް ސެމިނާ ހޯސްޓްކޮށްފައިވަނީ ޔުނައިޓެސް ސްޓޭޓްސް އާރމީ އިންޑޯ ޕެސިފިކް ކޮމާންޑް ގެ ފަރާތުންނެވެ. އަދި ކޯ ހޯސްޓްކޮށްފައިވަނީ ފިލިޕީންސް އާރމީގެ ފަރާތުންނެވެ. މި ސެމިނާގެ ބައިވެރިންގެ ގޮތުގައި އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑަރ ކާނަލް އަޙްމަދު ޣިޔާސް އާއި އެމްއެންޑީއެފް އެޖުޓަންޓް ޖެނެރަލް ކާނަލް މުޙައްމަދު އިބްރާހީމް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ސީނިއަރ އެންލިސްޓެޑް ލީޑަރެއްގެ ގޮތުގައި ކޮމާންޑަރ ސާޖަންޓް މޭޖަރ ޙަސަން ފަޔާޒްވެސް މި ސެމިނާގައި ބައިވެރިވެލެއްވިއެވެ.
އިންޑޯ ޕެސިފިކް އާމީ މެނޭޖްމަންޓް ސެމިނާ އަކީ އިންޑޯ ޕެސިފިކް ސަރަޙައްދުގައި ހިމެނޭ ޤައުމުތަކުގެ އަސްކަރިއްޔާތަކުގެ މެދުގައި އޮންނަ ގުޅުންތައް ވަރުގަދަ ކުރުމާއި މި ސަރަޙައްދުގައި ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބޭއްވޭ ބައްދަލުވުމެކެވެ.
ކޮމެންޓު ފޮނުވާ