ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ޤައުމު ޗައިނާއިން ގެންގުޅެނީ ދުނިޔެ ދަންނަ އިސާފެއް ނޫންކަމަށް ވިދާޅުވެ އެމްޑީޕީގެ ރައީސް، މުހައްމަދު ނަޝީދުގެ ބޮޑެތި ފާޑުކިޔުންތަކެއް ޗައިނާއަށް އަމާޒުކޮށްފިއެވެ.
ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރަށް ދެއަހަރު ފުރުމުގެ މުނާސަބަތުގައި އެމްޑީޕީގެ ހަރުގޭގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރާއްޖެ މިއަދު މިހާތަލަތުގައި އޮތީ ޗައިނާގެ ސަބަބުންކަމަށެވެ. ރައީސް ޔާމީންގެ ސަރުކާރުގައި ޗައިނާއިން ނަގާފައިވާ ލޯނުތަކާއި، ދަރަނިތައް ހޯދަން މިއަދު ކެނޑިނޭޅި އެޤައުމުން މަސައްކަތް ކުރަމުންދާއިރު، އެބޭފުޅުން ދުނިޔެ މިހާރު އޮތް ހާލަތަށްވެސް ނުބައްލަވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ރައީސް ނަޝީދު ވިދާވީ މިސަރުކާރުން މިއަހަރުގެ ބާކީ އޮތްބާގައި ދަރަނީގެ ގޮތުގައި ޗައިނާއަށް 86 މިލިޔަން ޑޮލަރު ދައްކަންޖެހޭކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ ޗައިނާއިން ގެންގުޅެނީ ދުނިޔޭގެ އެއްވެސް ޤައުމެއް ނުދަންނަ ބީރައްޓެހި ސިޔާސަތެއް ކަމަށާއި، ދަރަނި ފަސްކުރުމަށް އެދުމުންވެސް އެކަމަށް ޗައިނާ އެއްބަސްވެފައި ނުވާކަމަށެވެ. ނަމަވެސް ކިތަންމެ ވަރަކަށް އެފައިސާ ހޯދަން އައިކަމުގައި ވީނަމަވެސް ނެތް އެއްޗެއް ނުދެވޭނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ޗައިނާ އެހެރަ ތަނަވަސް ގައުމު އެއޮތް ކުރިއަރަމުން އަންނަ ގައުމު، ދުނިޔޭގެ ވެރިކަމަށް އަންނަން ފައިވިއްދާފައިވާ ޤާއުމު އުޅޭ ވައްތަރު ނިކަން ދެކިބަލަ. އާބާދީގައި 4 ލައްކައެއްހާ މީހުން އުޅޭ ކުޑަކުޑަ ޤައުމެއް ދުނިޔެ ބޮޑު ޕެންޑަމިކެއްގައި އޮއްވާ ތިމަންނާމެންގެ ބޭންކުތަކަށް ލާރު ވައްދާށޭ ބުނަމުން އެދަނީ. އެއްވެސް ލުޔެއްނެތް. ޗައިނަ ސަރުކާރަށާއި، ރައީސަށް ދަންނަވަން އޮތީ އާދޭހޭ، އާދޭހޭ ތިހެން ނުހައްދަވާށޭ. މިއީ ދުނިޔެ ދަންނަ އިންސާފާއްނޫން.
– ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ އަންނަ އަހަރަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓް ހުތު އެއްޗެއްގެ ގޮތުގައި ފެންނަނީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ޤައުމު ދަރުވާލާފައިވާތީކަމަށެވެ. ބަޖެޓުން އެކަނި އަންނަ އަހަރު ރައީސް ޔާމީން ނަގާފައިވާ ދަރަންޏަށް 5 ބިލިޔަން ރުފިޔާ ދައްކަންޖެހޭކަމަށެވެ. ނަމަވެސް މިދަރަނި ދެއްކުމުގައި މިސަރުކާރުން ކާމިޔާބް ހޯދާނެކަމަށާއި، އެމްޑީޕީ ވެރިކަމުގައި އޮއްވާ ރާއްޖެ ދަރަނިވެރި ވިޔަ ނުދެއްވާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި އޭރުގެ ވެރިކަމުގައި ދުނިޔޭގެ އެތަން މިތަނުން ނަގާފަިއވާ ދަރަނި ބަލާ އަޔަސް އެދަރަނި ދައްކާނެ ގޮތެއްނެތި ދަރަނި އަދާނުކުރެވޭނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސްގެ މަސައްކަތަކަށްވާނީ މިބަޖެޓް ދެކޮޅު ޖައްސާފައި ތަންފީޒުކުރުން. ބަޖެޓް ފެންނަން އޮތް ގޮތް ކިތަންމެހާވެސް ހުތުރު، މިހުތުރަކީ ބަޔަކު ގެނައި ހުތުރެއް. އެބޭފުޅުން ނެންގެވި ދަރަނި ދައްކަން އަމިއްލަ ފައްޓަރުބައި ވިއްކާލަން އުޅެނީ. ރާއްޖޭގެ މާލިއްޔަތު އެމްޑިޕީގެ އުގުގައި އޮވެ ގެއްލުމެއް ނުލިބޭނެ. ރާއްޖޭގެ އިޤްތިޞާދަށް ގެއްލުމެއް ނުލިބޭނެ. އަޅުގަނޑު ދަންނަވާލަން އޮތީ ޗައިނާއަށްވެސް އެހެން ޤައުމުތަކަށްވެސް ނެތް އެއްޗެއް ނުދެވޭނެއޭ. ނެތް އެއްޗެއް ބަލާވެސް އަންނާނެ ކަމެއްނެތޭ. އަޔަސް ނުދެވޭނެއޭ.
– ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ މިސަރުކާރު އަދި ރައީސް ޞާލިހުގެ ސަރުކާރެއް ފެއިލް ނުވާނެކަމަށެވެ. އަދި މިއީ ރައްޔިތުން އުންމީދު ނަގާލައި ނާއުންމީދު ވާންވީ ވަގުތު ނޫންކަމަށާއި، ރައްޔިތުންނަށް އުފާފާގަތިކަމާއި އުންމީދީ ދުވަސްތަކެއް މިސަރުކާރުން ހޯދައި ދެއްވާނެކަމަށެވެ.
ކޮމެންޓު ފޮނުވާ