ފްރެންކްފާޓްގެ މައްޗަށް 1-2 ގެ ނަތީޖާއަކުން ކުރިހޯދައި ރެއާލް މެޑްރިޑް އިން ޔުއެފާ ސުޕަ ކަޕް ކާމިޔާބުކޮށްފިއެވެ.
މިއީ 14 ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިވާ ރެއާލުން ސުޕަ ކަޕް ކާމިޔާބުކުރި ފަސް ވަނަ ފަހަރެވެ. އެ ފަސް ފަހަރުގެ ތެރެއިން ދެ ފަހަރު މުބާރާތުގެ ތަށި އުފުލާލީ ކާލޯ އަންޗެލޮޓީގެ ކޯޗުކަމުގައެވެ. މީގެ ކުރިން އަންޗެލޮޓީ ވަނީ ރެއާލާ އެކު 2014 ވަނަ އަހަރުގެ ސުޕަ ކަޕް ވެސް ހޯދައިފަ އެވެ. ދެން، ރެއާލުން ސުޕަ ކަޕް ހޯދީ 2002، 2016، 2017 އަދި މި އަހަރުއެވެ.
ރެއާލްގެ މި ކާމިޔާބީއާ އެކު އެޓީމު ވަނީ، ޔޫއެފާ ޗެމްޕިއަންސް ލީގުގައި އެ ޓީމުގެ ކުރީގެ ވާދަވެރިޔާ އޭސީ މިލާނާއި ޑޮނެސްޓިކް ވާދަވެރި ބާސެލޯނާއާ އެއްވަރު ކޮށްފައެވެ. މިލާން އަދި ބާސާ ވެސް ވަނަީ ފަސް ފަހަރަށް ސުޕަ ކަޕް ކާމިޔާބު ކޮށްފައެވެ.
ފިންލޭންޑްގެ ހެލްސިންކީ އޮލިމްޕިކް ސްޓޭޑިއަމްގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށްގެން ފުރަތަމަ ކުޅެމުންދިޔައީ ފްރެންކްފާޓް އިންނެވެ. މިގޮތުން އެޓީމުން ދިޔައީ ރެއާލްގެ ހާފަށް ބާރުބޮޑު ކުރުމަށް މަސައްކަތް ކޮށް، ހަމަލާތައްވެސް މަދުން އުފައްދަމުންނެވެ.
ނަމަވެސް ފުރަތަމަ ހާފްގެ ވަކި ހިސާބަކުން ރެއާލް އިން ވަނީ މެޗުގެ ކޮންޓްރޯލް ހޯދައި، ފްރެންކްފާޓްގެ ހާފަށް ބާރުބޮޑުކޮށް ހަމަލާތައް އުފައްދާފައެވެ. މިގޮތުން 37 ވަނަ މިނެޓުގައި ޑޭވިޑް އަލަބާގެ ލަނޑުން ރެއާލް އިން ވަޏީ މެޗުގެ ލީޑު ނަގާފައެވެ.
މިއާއެކު ފުރަތަމަ ހާފް ނިމިފައި ވަނީ 0-1 ގެ ނަތީޖާއަކުން ފްރެންކްފާޓްގެ މައްޗަށް ރެއާލް ކުރީގައި އޮވެގެންނެވެ. ރެއާލް އިން މެޗުގެ ލީޑު ފުޅާކުރީ 65 ވަނަ މިނެޓުގައެވެ. މި ލަނޑު ވިނީސިއަސް ޖޫނިއާގެ އެހީތެރިކަމާއެކު ކާމިޔާބުކުރީ ކަރިމް ބެންޒެމާއެވެ. މި ލަނޑަށްފަހު ވެސް ރެއާލްއަށް ވަނީ މެޗުގައި ލީޑު ފުޅާކުރަން އިތުރު ފުރުސަތުތައް ލިބި ބޭކާރުވެފައެވެ.
ރެއާލް އިން ސްޕެނިޝް ލީގުގައި އެޓީމުގެ ފުރަތަމަ މެޗުގައި އާދިއްތަ ދުވަހުގެ ރޭ ޔޫޑީ އަލްމޭރިއާއާ ދެކޮޅަށް ނުކުންނާނެއެވެ.
ކޮމެންޓު ފޮނުވާ