ޘަގާފަތާއި ތަރިކަ އަކީވެސް އާމްދަނީ އިތުރުކުރެވޭނެ މުހިންމު ވަސީލަތެއް: ރައީސް

ޘަގާފަތާއި ތަރިކަ އަކީވެސް އާމްދަނީ އިތުރުކުރެވޭނެ މުހިންމު ވަސީލަތެއް: ރައީސް

Author
މުޙައްމަދު ޖިމީ
17 ނޮވެމްބަރ 2020 12:17
0

ޘަގާފަތާއި ތަރިކަ އަކީ އިޤްތިޞާދީ މުހިންމު ވަސީލަތެއްކަމަށާއި، އެކަމަށްޓަކައި އާމްދަނި އިތުރުކުރެވޭނެ ވަސީލަތްތަކެއްކަމަށް ދެކިގެން ތަރިކަ ހިމާޔަތްކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިލްތިމާސްކުރައްވައިފިއެވެ. އެމަނިކުފަނު މިކަމަށް އިލްތިމާސްކުރެއްވީ ކަޅުވަކަރު މިސްކިތް އަލުން ރާވާ ބެހެއްޓުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

.ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ކަޅުވަކަރު މިސްކިތަކީ ރާއްޖޭގެ ސަގާފީ ތަރިކައިގެ ތެރެއިންވެސް ވަރަށް މުއްސަނދި ތަރިކައެއްކަަމަށާއި، އެމިސްކިތަކީ ތާރިޚާއި ސަގާފަތާއި ފަންނުވެރިކަމާއި ގުޅި ލާމެހިފައިވާ މިސްކިތެއްކަމަށެވެ. ކަޅުވަކަރުު މިސްކިތަކީ އެއްތަނުން އަނެއްތަނަށް ބަދަލުވަމުން އައިސްފައިވާ މިސްކިތެއްކަން ފާހަގަކުރައްވަމުން އެމަނިކުފާނު ވިދާޅުވީ، އެއީ އަޅުގަނޑުމެންގެ އަތްތަކުން އެތައް ގެއްލުންތަކެއް ދިނުމުންވެސް އަޅުގަނޑުމެންނާއި ވަކިވާން ބޭނުންނުވި މިސްކިތެއްކަމަށް ސިފަކުރެއްވިއެވެ. ދިވެހިންގެ އަމިއްލަ ވަންތަ އެތައް ސިފަތަކެއް ޖަމާވެ ރައްކާތެރިކުރެވިފައިވާ ތާރީޚީ ޚަޒާނާއެއްގެ ގޮތުގައި ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެ މިސްކިތް ޤާއިމްވެ ހުންނާނެ ގޯއްޗެއް ނުވަތަ ބިމެއް ކަށަވަރުނުވެ 230 އަހަރަށްވުރެ ގިނަދުވަސް ވަންދެން މާލޭގެ ރައްޔިތުންނާއެކު އެމިސްކިތް އުޅެމުންދިޔަކަށް ރައީސް ވިދާޅުވިއެވެ.

އަޅުގަނޑު އުއްމީދު ކުރަނީ މިސަރުކާރުން ކަޅުވަކަރު މިސްކިތަށް މިހަމަޖައްސައިދިން މިބިމަކީ މިސްކިތުގެ ދާއިމީ ވަޒަންކަމުގައި ވެގެންދާނެކަމަށް. ވާނުވާ ނޭނގޭ އަނދިރިކަމެއްގެ ތެރޭގައިވަނިކޮށް ސަރުކާރުން އަލުން މި މިސްކިތް މިބިނާކުރީ ޤާނޫނީގޮތުންވެސް ފުރިހަމަ ހިމާޔަތާއި ރައްކާތެރިކަން ކަށަވަރުކޮށްދީފަ. މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހު ޢަމަލުކުރަންފެށި ސަގާފީ ތަރިކައިގެ ޤާނޫނު ބުނާގޮތުން މިފަދަ ތަންތަން ހިމާޔަތްކޮށް ރައްކާތެރިކުރުމަކީ ދައުލަތާއި ރައްޔިތުންގެވެސް ޒިންމާއެއް. މިދެންނެވި ޤާނޫނުގައި 4 ބާވަތެއްގެ ސަގާފީ ތަރިކަ ބަޔާންކޮށްދީފައިވޭ. އެއީ އުފުލޭ ސަގާފީ ތަރިކައާއި، އާސާރީ ބިނާތަކާއި، އާސާރީ ސަރަހައްދުތަކާއި މާނަވީ ސަގާފީ ތަރިކަ. މިނިދެންނެވި ބާވަތްތައް މިޤާނޫނުގައި މާނަކޮށްދީފައިވާ ގޮތަށް ބަލާއިރު ކަޅުވަކަރު މިސްކިތަކީ މިދެންނެވި 4 ބާވަތުގެ ތަރިކައިގެ ގޮތުގައިވެސް ހިމެނޭ ބިނާއެއް. މިސަބަބުތަކަށްޓަކައި ކާބަފައިންގެ ފަރާތުން ވާރުތަވެފައިވާ މިތަރިކަތައް ހިމާޔަތްކޮށް ރައްކާތެރިކުރުމަކީ އަޅުގަނޑުމެން ކޮންމެ މީހެއްގެ ޒިންމާއެއް. އަދި މަސްއޫލިއްޔަތެއް.

-ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް.

ރައީސްގެ ވާހަކަފުޅުގައި ކަޅުވަކަރު މިސްކިތް ދިވެހިންގެ ތާރީޚުގައި ޚާއްޞަވަނީ ހަމައެެކަނި އެވޭލާ ޒަމާނުގެ މިސްކިތަކަށްވަތީއެއް ނޫންކަމަށް ވިދާޅުވިއެވެ. އެގޮތުން އެއީ ޢިމާރަތްކުރުމުގެ ފަންނުވެރިކަމާއި، މިމިސްކިތް ބިނާކުރުމަށް ބޭނުންކުރެވިފައިވާ ތަކެއްޗަށް ބެލިނަމަވެސް އެއީ ވަރަށް ނާދިރު މިސްކިތެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ވަނީ ރާއްޖޭގައި ކަޅުވަކަރުން ޢިމާރާތްކޮށްފައިވާ މިހާރު ފެންނަންހުރި ހަމައެކަނި މިސްކިތަކީ އެމިސްކިތްކަމަށްވެސް ވިދާޅުވެފައެވެ.

ވަކިން ޚާއްޞާކޮށް މިމިސްކިތަކީ ރާއްޖޭގެ ބަހަވީ ތަރިކައާއިވެސް ވަރަށް ބޮޑަށް ގުޅިފައިވާ އާސާރީ ބިނާއެއް. މިސްކިތަށް ވަންނަ ދޮރުގެ ކަނާތް ފަރާތުގައި ބިންވަޅު ނަގާފައި އެހަރަ ރީތި ނިޝަނަކީ އައްސުލްޠާން ޙަސަން ނޫރައްދީން އެކެއްގެ ސިއްކަފުޅާ އެއްގޮތަށް މުސްކުޅި ތާނައަކުރުން ލިޔެފައިވާ މާނަފުން ރަމްޒެއް. މުސްކުޅި ތާނަ އަކުރަކީ މިހާރު އަޅުގަނޑުމެން މި ބޭނުންކުރާ ތާނަ އަކުރުގެ އަސްލު އުފެދުނުއިރު އަކުތައްހުރި ބަށްޓަމާއި ސިފަތައް އަންގައިދޭ ތާނައިގެ މާދަރީ އަކުރު. މިއީ ތާނައަކުރުން ލިޔެފައިވާ ދުވަސްވީ ލިޔުމަކަށްވާތީ ދިވެހިންގެ ލިޔެކިއުމާއި ތާނައަކުރާ ވަރަށް ބޮޑަށް ގުޅިފައިވާ ތަރިކައެއް. ދިވެހިންގެ ފަންނުވެރިކަމާއި މަސައްކަތްތެރިކަމުގެ އެތައް ބާވަތެއް މި މިސްކިތުން އަޅުގަނޑުމެންނަށް އެބަފެނޭ. އެއްކަމަކީ ގަލު ވަޑާމުގެ މަސައްކަތް. ދެންފެންނަނީ ލަކުޑީގައި ކޯށްފައިވާ ތެދުއި ވަޑާމުގެ މަސައްކަތާއި ހިރިގަލުގައި ކަނޑާނަގެން ކުރެހުމާ ލިޔުން. އޭގެއިތުރުން ލަކުޑީގައި ބިންވަޅު ނަގައިގެން ކުރެހުމާއި ލިޔުމާއި ލާފެންކުރުމުގެ މަސައްކަތްވެސް މި މިސްކިތުން ފެނިގެންދޭ. ދިވެހި ވަންތަ ސިފަތައް މި މިސްކިތުން ފެނިގެންދޭ.

–ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް.

ރައީސްގެ ވާހަކަފުޅުގައި ރާއްޖޭގެ ތާރީޚީ ދިރާސާތަކަށްޓަކައިވެސް ތާރީޚީ މިފަދަ ތަންތަން ހިމާޔަތްކުރަންޖެހޭކަމަށް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ، ކަޅުވަކަރު މިސްކިތް އުފެދިގެން އައިގޮތަކީ ރާއްޖޭގެ ސިޔާސީ ހަޔާތާއި ވަރަށް ބޮޑަށް ގުޅިފައިވާ ތަނެއްކަމަށްވެސް ވިދާޅުވިއެވެ.

މި މިސްކިތް އުފަންވެގެން އައީ ދިވެހި ރަސްކަން ދިޔަމިގިލީ ދަރިކޮޅުން ހުރާ ދަރިކޮޅަށް ފުރޮޅިގެން ދިޔަ ޙާދިސާގެ ތެރެއިން. އާދެ އެވާދަވެރިކަމުގެ ތެރޭގައި ތިމަންނައަށް ރަސްކަން ލިބިއްޖެނަމަ އޭރުހުރި ގަނޑުވަރު ރޫޅާލާފަ މިސްކިތެއް ބިނަކުރާނެކަމަށް ވީ ނަދުރެއްގެ ގޮތުން ފެށްޓޭވި މަސައްކަތެއް. މި މިސްކިތް ބިނާކުރުމަށް ފެށްޓެވީ މުހައްމަދު ސަމްޝުއްދީން 2 ގެ ވެރިކަމުގައި. 16 އަހަރު މިސްކިތް ބިނާކުރުމަށް ހޭދަވީއިރު، މިސްކިތް ނިންމާލެވުނީ ޙަސަން ނޫރައްދީން 1 ގެ ވެރިކަމުގައި 1789 ވަނަ އަހަރު.

-ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް.

މިމިސްކިތަކީ އެއްތަނުން އަނެއްތަނަށް އެތައް ފަހަރަކު ބަދަލުކުރެވިފައިވާ މިސްކިތެއްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، އެންމެ ފުރަތަމަ މިސްކިތް ބިނާކުރެވުނީ ޗާންދަނީ މަގުގައިކަމަށް ލިޔުންތަކުން އެނގޭކަމަށެވެ. އެއަށްފަހު ހީނާމާގެ ދެކުނުން ކަރަންކާ މަގާ މަޖީދީމަގާ ގުޅުނުތަނަށް މިސްކިތް ބަދަލުވެގެން ދިޔަކަމަށާއި، އިބްރާހީމް ނާސިރުގެ ވެރިކަމުގައި މިސްކިތް ނީލަންކިޔާ ކްލަބްމެޑް ފަރުކޮޅުފުށްޓަށް އެމިސްކިތް ބަދަލުކުރެވިގެންދިޔަކަށް ރައީސް ވިދާޅުވިއެވެ. އަދި ރައީސް މައުމޫން ވެރިކަމާ ހަވާލުވެ އެންމެ ފުރަތަމަ ފެށްޓެވީ މިސްކިތް އަނބުރާ މާލެއަށް ގެނައުންކަމަށާއި، ސަލްޓަން ޕާކް އިރުދެކުނު ކަންމަތީގައި ރައީސް މައުމޫންގެ ވެރިކަމުގައި އެމިސްކިތް ބެހެއްޓެވިކަމަސް ރައީސް ވިދާޅުވިއެވެ. އަދި ރައީސް ނަޝީދުގެ ވެރިކަމަމުގައި އާބާތުރަ ފިލުވުނުކަމަށާއި، ނަމަވެސް 2016 ރައީސް ޔާމީންގެ ވެރިމމަގުގައި ވިންޓަ ޕާކް ތަރައްޤިކުރަން އެ މިސްކިތް ރޫޅާލެވުނުކަން ރައީސް ފާހަގަކުރެއްވިއެވެ. އެކަމާއި ދެކޮޅަށް ކޯޓަށްވެސް ބައެއް ފަރާތްތަކުން ވަޑައިގަތްކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ، ތަރިކަ އަކީ އިޤްތިޞާދީ މުހިންމު ވަސީލަތެއްކަމަށާއި، ތަރިކަ އަކީ ފަތުރުވެރިމުގައި ދުނިޔޭގެ ގިނަ ޤައުމުތަކުގައި ބޭނުންކުރާ އެންމެ މުހިންމު ވަސީލަތްކަމަށެވެ. ފަތުރުވެރިކަން އިޝްތިހާރުކުރުމަށްވެސް ތަރިކައާއި ސަގާފަތް ގުޅުވުމަކީ އެކަމުގެ ފައިދާ ކުރާނެކަމެއްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، އެކަމަށްޓަކައި ތަރިކަ ރައްކާތެރިކޮށް ދަމަހައްޓަންވީ އިޤްތިޞާދު ކުރިއަރުވާ އާމްދަނީ އިތުރުކޮށްދޭ ވަސީލަތެއްކަންވެސް ދެކިގެންކަމަށެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ކޯވިޑް-19ގެސަބަބުން ކުރިމަތިވި އިޤްތިޞާދީ ހީނަރުކަން ސަލާމްތްވުމަށްޓަކައި އަންނަ އަހަރު އިޤްތީޞާދީ ދާއިރާތައް އިތުރުކުރުމަށް ސަރުކާރުން ނިންމާފައިވާއިރު ރާއްޖޭގައި ސަގާފީ ފަތުރުވެރިކަމެއް އާލާކުރެވޭނެގޮތަށް ވިސްނުން ބެހެއްޓުމަކީ މުހިންމުކަމެއްކްމަށްވެސް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.