ގދ. ރަތަފަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށަން ތައްޔާރުވެއްޖެއެވެ.
މިމަޝްރޫއުގެ މަސައްކަތުގެ ކޮންޓްރެކްޓަރ އެމްޓީސީސީން ބުނީ އަމަލީ މަސައްކަތް ފެށުމަށް ބޭނުންވާ ޕްރޮޖެކްޓް ސައިޓް މިހާރު މޮބިލައިޒްކޮށްފައިވާކަމަށެވެ.
ގދ.ރަތަފަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ތެރޭގައި 461 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 240 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި 6600 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުމުގެ މަސައްކަތް ހިމެނެއެވެ. އެމްޓީސީސީގެ އަމާޒަކީ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދަށުން ރަތަފަންދޫ ރައްޔިތުންނަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލަ ވީހާ އަވަހަކަށް ހައްލުކޮށްދިނުން ކަމަށް އެ ކުންފުނިން ބުނެއެވެ. ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މިމަޝްރޫއުގެ އަގަކީ 27.8 މިލިއަން ރުފިޔާއެވެ.
ގދ. ރަތަފަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމަށްޓަކައި ޕްރޮޖެކްޓް ސައިޓް މޮބިލައިޒްކޮށްފި
ޕްރެސް ރިލީޒް:https://t.co/5OAzRcYECD pic.twitter.com/1GOxsWi5Cs
— MTCC Plc (@MTCCPlc) August 8, 2022
ގދ. ރަތަފަންދޫގެ 1385 ރައްޔިތުން ރަށްގިރުމުގެ ހިތްދަތިކަން ތަހައްމަލު ކުރަމުންދާތާ ވަނީ އެތައް އަހަރެއްވެފައެވެ. ރަށްގިރުމާއި ހުޅަނގުގައި އުދަ އެރުމުގެ ސަބަބުން ރަށުގެ ގޮނޑުދޮށުގެ ބޮޑުބައެއް ގިރައި ރަށުގެ އެތެރޭގެ ބޮޑުބަޔަކަށްވަނީ އުދައެރުމުގެ މައްސަލަ ކުރިމަތިވެފައެވެ. އަދި އުދައެރުމުގެ ސަބަބުން ދަނޑުބިންތަކަށާއި މީހުން ދިރުއުޅޭ ގޯތިތަކަށްވެސް ވަނީ އެކިވަރުގެ ގެއްލުން ލިބިފައެވެ.