މެދުތެރޭ ޔޫކުރެއިންގައި ހުންނަ ޒެޕްރިއްޒިޔާ ނުކުލިއަރ ޕްލާންޓަށް ދެމުންދާ ރޮކެޓް ހަމަލާތަކަކީ އަމިއްލައަށް ޖާނުން ފިދާވުންފަދަ ކަމެއް ކަމަށާއި، މިހަމަލާތަކުގެ ސަބަބުން ނިއުކުލިއަރ ކާރިސާއެއް ހިގައިދުއުމުގެ ބިރު އެބައޮތް ކަމުގައި ޔޫއެންގެ ސެކެޓްރީޖެނެރަލް އެންޓޯނިއޯ ގުޓަރޭސް ވިދާޅުވެއްޖެއެވެ.
ޔޫކުރެއިންގައި ހުރި ޒެޕްރިއްޒިޔާ ނިައުކުލިއަރ ޕްލާންޓަކީ ޔޫރަޕްގައި ހުންނަ ނިއުކުލިއަރ ހަކަތަ އުފައްދާ އެންމެ ބޮޑު ޕްލާންޓެވެ.
"ނިއުކުލިއަރ ޕްލާންޓަށް ދޭ ކޮންމެ ހަމަލާއަކީ އަމިއްލައަށް ޖާނުންފިދާވުން ފަދަ ކަމެއް،" ރިޕޯޓަރުންނާއި ވާހަކަ ދައްކަވަމުން ޖަޕާނުގެ ޓޯކިޔޯގައި ގުޓަރޭސް ވިދާޅުވެފައި ވެއެވެ. "އަހަރެން އުއްމީދު ކުރަނީ މިހަމަލާތައް ދިނުން ހުއްޓާލާނޭ ކަމަށް."
ގުޓާރޭސްވަނީ، ނުއުކުލިއަރ ހަކަތައާއިބެހޭ ބައިނަލް އަގުވާމީ ޖަމިއްޔާ (IAEA)އަށް މި ނިއުކުލިއަރ ޕްލާންޓަށް ޒިޔާރަތްކުރުމުގެ ފުރުސަތު ދިނުމަށްވެސް ގޮވާލައްވާފައެވެ.
ޒެޕްރިއްޒިޔާ ނިއުކުލިއަރ ޕްލާންޓު ހުންނަނީ ޔޫކުރެއިންގެ ޑީނިޕްރޯ ކޯރު ހިމެނޭ ބިޔަ ސަރަހައްދުގައެވެ. މިއަހަރުގެ މާރޗްމަހުގެ ކުރީކޮޅު ރަޝިއާއިން މި ޕްލާންޓި ހިފުމާއެކު، މި ޕްލާންޓް ހިނގަމުންދަނީ އޭގެ ކެޕޭސިޓީއަށްވުރެ ވަރަށް ބޮޑުތަނުން ދަށްކޮށެވެ. އެހެންނަމަވެސް ޕްލާންޓުގައި މަސައްކަތް ކުރަމުންދަނީ ކުރިންވެސް ޕްލާންޓުގައި މަސައްކަތް ކުރަމުންދިޔަ ޔޫކުރެއިންގެ ޓެކްނީޝަނުންނެވެ.
ޔޫކުރެއިންގެ ސްޓޭޓް އެނާޖީ ކޮމްޕެނީ އެނާގޯއެޓޮމްއިން މިހަފްތާގެ އާދީއްތަދުވަހު ބުނެފައިވަނީ ހޮނިހިރު ދުވަހު ރަޝިއާއިން މި ޕްލާންޓް ހިމެނޭ ސަރަހަދަށް ދިން ރޮކެޓް ހަމަލާތަކުގައި ޕްލާންޓުގައި މަސައްކަތްކުރާ މުވައްޒަފަކަށް އަނިޔާވެފައި ވާކަމުގައެވެ.
އެނާގޯއެޓޮމްއިން ބުނެފައިވާ ގޮތުގައި ރަޝިއާގެ ހަމަލާތަކުގެ ސަބަބުން މި ޕްލާންޓުގައި ހުރި، ރޭޑިއޭޝަން މޮނިޓަރކުރާ ސެންސަރުތަކަށް ގެއްލުން ލިބިފައި ވާކަމުގައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން، ބޭނުން ކޮށްފައި ހުންނަ ނިއުކުލިއަރ މައުދަނުން ރޭޑިއޭޝަން ބޭރުވާން ފަށައިފި ހާލަތެއްގައި ނުވަތަ ރޭޑިއޭޝަންގެ މިންވަރު މަތިވާން ފަށައިފި ހާލަތެއްގައި އޭގެ މިންވަރު ދެނެގަނެ އެކަށިގެންވާ ފިޔަވަޅު އެޅުމަކީ މިހާރު ކުރެވޭނެ ކަމެއް ނޫންކަމުގައެވެ.
"މިފަހަރު މިވަނީ ނިއުކުލިއަރ ކާރިސާއެއް ހިގުން ހުއްޓިވިފައި، އެހެންނަމަވެސް މިއީ ކޮންމެ ފަހަރަކު ކުރެވޭނެ ކަމެއް ނޫން،" އެނާގޯއެޓޮމްއިން ބުނެފައި ވެއެވެ.
ރަޝިއާއިން ބުނެފައިވަނީ މި ޕްލާންޓަށް އަމާޒުވެފައިވަނީ ޔޫކުރެއިންގެ މިސައިލެއް ކަމުގައެވެ.
ކޮމެންޓު ފޮނުވާ