ޔޯގާ ދުވަސް ފާހަގަކުރުމަށް ބޭއްވި ޔޯގާ ހަރަކާތަށް ހުރަސްއަޅައި ހަމަނުޖެހުން ހިންގިކަމުގެ ތުހުމަތުގައި ހައްޔަރުކުރި އައްޝައިހް ފަޟްލޫން މުހައްމަދު ހައްޔަރުކުރީ ރަނގަޅަށްކަމަށް ހައި ކޯޓުން ޙުކުމްކޮށްފިއެވެ.
ގަލޮޅު ދަނޑުގައި ޔޯގާ ހަރަކާތް ބޭއްވީ ޔޫތު މިނިސްޓްރީއާއި އިންޑިއަން ކަލްޗްރަލް ސެންޓަރު ގުޅިގެން ބޭއްވި ހަރަކާތަށް ހުރަސްއަޅައި ހަމަނުޖެހުން ހިންގިކަމުގެ ތުހުމަތުގައ ޝައިޚް ފަޟްލޫން ހައްޔަރުކޮށް އެކިފަހަރު މަތިން ބަންދުގެމުއްދަތު އިތުރުކޮށްފައިވެއެވެ. އަދި މަހެއްހާ ދުވަހު ބަންދުގައި ބެހެއްޓުމަށްފަހު ބަންދުން ދޫކޮށްލީ ޖުލައި މަހުގެ 21ގައެވެ.
ޝައިޚް ފަޟްލޫން ބަންދުގައ ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ކުރި ޢަމުރު އޭނަގެ ފަރާތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން ކުރި ހުކުމުގައިވަނީ އޭނާއާއި ދެކޮޅަށް އިންޓެލިޖެންސް ރިޕޯޓާއި، ވީޑިއޯ ސްނެޕްޝޮޓްތަކާއި ފުލުހުންގެ ބަޔާން ދައުލަތުން ހުށަހަޅާފައިވާކަމަށް ބުނެފައެވެ. އަދި ތުހުމަތު ކުރެވޭ ހެކި ފަޒްލޫނާ ދެކޮޅަށް ހުށަހަޅާފައިވާ ކަމަށް ކްރިމިނަލް ކޯޓުގެ ޢަމުރުން އެނގޭކަމަށްވެސް ހައިކޯޓުގެ ނިންމުމުގައިވެއެވެ.
ފަޟްލޫން ބަންދުކުރި މައްސަލަ ހައި ކޯޓުން ބެއްލެވީ ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އާއި އިސް ފަނޑިޔާރު ހާތިފް ހިލްމީ އަދި ފަނޑިޔާރު ފާތިމަތު ފަރުހީޒާ އެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ޝުއައިބެވެ.
ޔޯގާ ހަމަނުޖެހުންތަކާއި ގުޅިގެން ޝައިޚޤ ފަޟްލޫންގެ އިތުރުން ޝައިޚް ނިޝާންއާއި އިތުރު ބަޔަކުވެސް ހައްޔަރުކުރިއެވެ. އޭގެ ތެރެއިން ގިނަ މީހުން މިހާރު ވަނީ ދޫކޮށްލާފައެވެ.
ކޮމެންޓު ފޮނުވާ