ފުލުހުން އެދިގެން ޝާހިލުގެ ބަންދު އަޑުއެހުން ސިއްރުކޮށްފި

ފުލުހުން އެދިގެން ޝާހިލުގެ ބަންދު އަޑުއެހުން ސިއްރުކޮށްފި

Author
މުޙައްމަދު ޝަޒައިމް
07 އޮގަސްޓް 2022 12:10
0

ހ. ޝީރީންވިލާގައި ރޭ އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ޏ. ފުވައްމުލަކު ޝިއާއު މުހައްމަދު ސައީދުގެ މަރުގެ މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވާ ފ. ނިލަންދޫ، ފިނިފެންމާގެ، އަލީ ޝާހިލްގެ ބަންދާ މެދު ގޮތެއް ނިންމުމަށް ބާއްވާ އަޑުއެހުން ސިއްރުކޮށްފިއެވެ.

ރޭގެ ދަންވަރު ޝިއާއު މަރާލާފައިވަނީ އަނިޔާވެރި ގޮތެއްގައެވެ. އެގޮތުން އޭނާގެ ބޯ ހަށިގަނޑާ ވަކިކޮށްފައިވާއިރު، އަތްފައިވެސް ބުރިކޮށްފައިވާކަމަށް ކުށް ހިނގި ތަނަށް ފުރަތަމަ ދިޔަ ފުލުހެއް ނަން ނުޖަހާ ގޮތަށް "ދިޔަރެސް"އަށް މައުލޫމާތު ދެއްވިއެވެ.

މި މައްސަލާގައި ފުލުހުން ހައްޔަރުކުރި ޝާހިލަކީ ރާއްޖޭގައި މިހާރު ކުރިއަރަމުން އަންނަ މަޝްހޫރު ޒުވާން ސްކޭޓަރެކެވެ. މި މައްސަލައިގައި ޝާހިލް ހައްޔަރުކޮށްފައިވަނީ ކުށުގެ ވެށިންނެވެ. އެކަމަކު، މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކުރިކަން ފިޔަވާ އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ޝާހިލްގެ ބަންދާ މެދުގައި ގޮތެއް ނިންމުމަށް ބާއްވާ އަޑުއެހުން މިއަދު ބޭއްވުމަށް ހަމަޖެއްސި ނަމަވެސް، ފުލުހުން އެދުމުން ކްރިމިނަލް ކޯޓުން މިހާރު ވަނީ އެ އަޑުއެހުން ސިއްރު ކުރަން ނިންމާފައެވެ. އަޑުއެހުން ސިއްރުކުރި ސަބަބާއި ގުޅޭ ގޮތުން ވެސް ފުލުހުން ވަކި އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.

ޝިއާއުގެ ހަށިގަނޑަށް ދީފައި ހުރި ގެއްލުންތަކަށް ބަލާއިރު އޭނާގެ ހަށިގަނޑު ނައްތާލަން ޝާހިލް މަސައްކަތް ކޮށްފައިވާ ކަމަށް ބެލެވޭ ކަމުގައި ބައެއް މީހުން ބުނެއެވެ. އެކަމަކު، އެކަން ވެސް އަދި ރަސްމީ ފަރާތަކުން ކަށަވަރުކޮށެއް ނުދެއެވެ.

އުމުރުން 23 އަހަރުގެ ޝާހިލް އަކީ ގައުމީ ފެންވަރުގެ ސްކޭޓަރެކެވެ. އޭނާ ވަނީ 2017 ވަނަ އަހަރު އިންޑިއާގައި ބޭއްވި އިންޓަނޭޝަނަލް ސްކޭޓިން ކޮމްޕެޓިޝަނުގައި އެއްވަނަ ވެސް ހޯދާފައެވެ. ބައެއް މީހުން ބުނާ ގޮތުން މިއީ ހިތާވެގެން އުޅުނު ދެ މީހުންގެ މެދުގައި ޖެހުނު މައްސަލައަކާއި ގުޅިގެން ހިނގާދިޔަ މާރާމާރީ އެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.