މިސަރުކާރުން އިންޑިއާ ރުއްސުމަށްޓަކައި، ކުޅެން އުޅޭ ކުޅިގަނޑު ކާމިޔާބު ނުވާނެކަމަށް ސަލަފް ޖަމްއިއްޔާގެ މެމްބަރު އަލީ ރަމީޒު ވިދާޅުވެއްޖެއެވެ.
ޢަލީ ރަމީޒު މިހެން ވިދާޅުވީ ބައިނަލްއަގްވާމީ ޔޯގާ ދުވަހު ހިންގި ހަމަނުޖެހުންތަކުގައި އިސްކޮށް އުޅުނު ކަމަށް ތުހުމަތުކޮށް ހައްޔަރުކޮށްފައިވާ އައްޝައިހް އާދަމް ނިޝާން އާއިމެދު ސަރުކާރުން އަމަލު ކުރަމުންދާ ގޮތަށް ފާޑުވިދާޅުވެ ކުރެއްވި ޓުވީޓެއްގައެވެ.
އަލީ ރަމީޒު ވިދާޅުވީ، ޝައިޚު ނިޝަނަކީ ބޮޑު ޓެރެރިސްޓަކަށް ހަދައިގެން، ސަރުކާރުން އިންޑިއާ ރުއްސުމަށްޓަކައިމ ކުޅެން އުޅޭ ކުޅިގަނޑު ކާމިޔާބު ނުވާނެކަމަށެވެ. ޝައިޚު އާދަމް ނިޝާން އަކީ ބޮޑު ޓެރެރިސްޓަކަށް ހަދައި، ރާޢްޖޭގައި މިހާރު މިއޮތް އިންޑިއާގެ ޕަޕެޓް ސަރުކާރުން، އިންޑިއާ ރުއްސުމަށްޓަކައި ކުޅެން ބޭނުންވާ ކުޅިގަނޑު ކާމިޔާބު ނުވާނެ. އަލީ ރަމީޒު ވިދާޅުވިއެވެ.
ބައިނަލްއަގްވާމީ ޔޯގާ ދުވަހު ހިންގި ހަމަނުޖެހުންތަކުގައި އިސްކޮށް އުޅުނު ކަމަށް ތުހުމަތުކޮށް ހައްޔަރުކޮށްފައިވާ އައްޝައިހް އާދަމް ނިޝާން ބަންދުގައި ބެހެއްޓުމަށް ނެރުނު އަމުރު ބާތިލް ކުރަންޖެހޭ ޝަރުއީ އަދި ގާނޫނީ ސަބަބެއް ނެތް ކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރަން ވަނީ ނިންމާފައެވެ.
ނިޝާން ބަންދުކުރަން ފުލުހުން އެދުނީ އެކަށީގެންވާ ކޮންމެވެސް މިންވަރަކަށް ހެކި ހުރި ކަމަށް ބުނެ އެވެ. އެގޮތުން އިންޓެލިޖެންސް ރިޕޯޓާއި އެދުވަހު ވީޑިއޯ ސްނެޕްޝޮޓްތަކެއް ހިމެނެއެވެ. އެކަމަކު ނިޝާންގެ ފަރާތުން ހައިކޯޓުގައި ބުނެފައިވަނީ އޭނާ ބަންދުކޮށްފައިވަނީ ހެކި ނެތި ކަމަށެވެ. އަދި އިންޓެލިޖެންސް ރިޕޯޓުގައި ވެސް ޝަރުތު ހަމަނުވާ ކަމަށެވެ.
މި ހެކިތަކަށް ބަލާއިރު އެދުވަހު ޖިނާއީ ކުށެއްގައި ނިޝާން ބައިވެރިވެފައިވާކަން އެނގޭ ކަމަށާއި މި މައްސަލައަކީ ވެސް ޖިނާއީ ބޮޑު ކުށެއް ކަމަށް ހުކުމުގައި ފާހަގަކޮށްފައިވެއެވެ. އަދި ނިޝާން ހިންގި އަމަލުގެ ނަތީޖާއަކީ މުޖުތަމައަށް ނުރައްކާ އޮތުމާއި އާންމު މަސްލަހަތު ނަގައިލައި މީހުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދިގެން ދިއުން ކަމަށްވާތީ އޭނާ ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ނެރުނު ކޯޓު އަމުރަކީ ސައްހަ އަމުރެއް ކަމަށް ކަނޑައަޅާފައިވެއެވެ.
ނިޝާންގެ ބަންދުގެ އަމުރު ދެމެހެއްޓިއިރު އިތުރު ތިން ކޯޓު އަމުރެއް ވެސް ހައިކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ. އެ އަމުރުތަކާ ގުޅޭ އަޑުއެހުންތައް ހައިކޯޓުން ނިންމާލައިފައިވާއިރު ދެން އޮންނާނީ ހުކުމްކުރުމެވެ. މިދިޔަ ބުރާސްފަތި ދުވަހު ކޯޓުން ވަނީ އަނެއްކާ ވެސް ނިޝާންގެ ބަންދަށް އިތުރު ތިން ދުވަސް ދީފައެވެ.
ކޮމެންޓު ފޮނުވާ