ޔޯގާ ހަމަނުޖެހުމާއި ގުޅިގެން އިތުރު ދެ މީހަކު ހައްޔަރުކޮށްފި

ޔޯގާ ހަމަނުޖެހުމާއި ގުޅިގެން އިތުރު ދެ މީހަކު ހައްޔަރުކޮށްފި

Author
މުޙައްމަދު ޝަޒައިމް
05 އޮގަސްޓް 2022 02:05
0

މިއަހަރުގެ ޖޫން 21 ވަނަ ދުވަހު ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރުމުގެ ތެރެއިން ގަލޮޅު ދަނޑުގައި ހިންގި ހަމަނުޖެހުމާ ގުޅިގެން އިތުރު ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ގަލޮޅުދަނޑުގައި ބޭއްވި ހަރަކާތަށް ފަހު، އެދުވަހުގެ ހަރަކާތް ހިނގަމުން ދަނިކޮށް، އެކަން ހުއްޓުވަން ބަޔަކު ހުރަސް އަަޅައި ހަމަނުޖެހުން ހިންގުމުން ފުލުހުން ވަނީ އެ މައްސަލައިގައި 23 މީހަކު ހައްޔަރުކޮށްފައެވެ. ފުލުހުން ބުނީ މި މަހުގެ ދެވަނަ ވަނަ ދުވަހުގައި އެކަކު އަދި ތިންވަނަ ދުވަހު އެކަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އަދި އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭގެ ތެރެއިން އެކެއްގެ ބަންދަށް ހަތް ދުވަސް ޖަހާފައިވާ ކަމަށެވެ. އަދި އަނެއް މީހާގެ ބަންދަށް 30 ދުވަސް ޖަހާފައިވާ ކަމަށެވެ. ޔޯގާ ހަމަނުޖެހުމާ ގުޅިގެން މީގެ ކުރިން ހައްޔަރުކުރި މީހުންގެ ތެރެއިން ބައެއް މީހުން ވަނީ ޝަރުތުތަކަކާއެކު ދޫކޮށްލާފައެެވެ.

ޔޯގާއަކީ އިސްލާމްދީނުގައި ހަރާމްކަމެއް ކަމަށް ބުނެ ރާއްޖޭގެ 100 އަށް ވުރެ ގިނަ އިލްމުވެރިން ސޮއިކޮށް ފަތުވާއެއް ވަނީ ނެރެފައެވެ. ގަލޮޅު ދަނޑުގައި ޔޯގާ ހަރަކާތް ބޭއްވީ ޔޫތު މިނިސްޓްރީއާއި އިންޑިއަން ކަލްޗްރަލް ސެންޓަރު ގުޅިގެންނެވެ. ޔޯގާ ހެދުމަށް އިންޑިއާގެ ސަފީރު މުނޫ މަހާވަރްއާއި ޑިޕްލޮމެޓުންގެ އިތުރުން ދިވެހި ސަރުކާރުގެ އިސްބޭފުޅުންނާއި އާންމުން ތިއްބައި ބަޔަކު ވަނީ ގަލޮޅުދަނޑަށް ގަދަކަމުން ވަދެގަނެ ހަމަނުޖެހުން ހިންގައިފައެވެ.

ޝަހާދަތުގެ ދެކަލިމަ ލިޔެފައިވާ ދިދަ ތަކެއް ހިފައިގެން ތިބި މީހުން ގަލޮޅުދަނޑަށް ވަދެ ޔޯގާ އިވެންޓް ހުއްޓުވުމުގެ އިތުރުން އެ ހަރަކާތުގައި ބައިވެރިވި މީހުންނަށް ވަނީ ހަމަލާ ދީފައެވެ. އޭގެ އިތުރުން އެ ތަނުގައި ހުރި ތަކެއްޗަށް ވެސް ވަނީ ގެއްލުން ދީފައެވެ. އެކަމާ ގުޅިގެން އެ މައްސަލައާ ގުޅޭ ސީރިއަސް ތަހުގީގެއް ހިންގަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.