ގެމެން މޮޑިއުލް މެދުވެރިކޮށް މިހާތަނަށް ވިހާ، މަރުވާ މީހުންގެ 1000އަށް ވުރެ ގިނަ ރިކޯޑް ޕްރޮސެސް ކުރެވިފައިވާކަމަށް މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ އިން ބުނެފިއެވެ.
ގެމެން މޮޑިއުލް އަކީ ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީ އާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީ ގުޅިގެން ކައުންސިލްތަކުގެ އާބާދީގެ ރަޖިސްޓްރީއާއި ގުޅޭ މަސައްކަތްތައް ހަލުވިކޮށް، ރައްކާތެރިކަމާއެކު ޙަރަދުކުޑަކޮށް އިލެކްޓްރޯނިކްކޮށް ބެލެހެއްޓުމަށް ތައްޔާރުކޮށްފައިވާ ޚިދުމަތެކެވެ. ގެމެން މޮޑިއުލް ވަނީ މިއަހަރުގެ ޖުލައި މަހު މާލެ ސިޓީ ކައުންސިލްގައި ލޯންޗްކޮށް ބޭނުންކުރަން ފަށާފައެވެ.
ކައުންސިލްތަކުން އާބާދީއާއި ގުޅޭ މައުލޫމާތު ވަކިވަކިން ކަރުދާހުގައި ބެލެހެއްޓުމުގެ ސަބަބުން ރިކޯޑްތަކުގައި އެކި މައްސަލަތައް ދިމާވުމާއި، މައްސަލަތަކުގައި ހޭދަކުރަންޖެހޭވަގުތާއި ޙަރަދު އިންތިހާއަށް ބޮޑުވުވާމައްސަލައަށް ގެމެން މޮޑިއުލްއިން ހައްލެއް ގެނެވޭނެކަމަށް ޓެކްނޮލޮޖީ މިނިސްޓްރީން ބުނެއެވެ. މުޅި ރާއްޖެއަށް ވިހާ، މަރުވާ މީހުންގެ މައުލޫމާތު އެއް ސިސްޓަމެއްގައި އެއްގޮތަކަށް ބެލެހެއްޓޭނެކމަށް މިނިސްޓްރީން ބުނެއެވެ.

ޓެކްނޮލޮޖީ މިނިސްޓްރީން ބުނީ ސިއްޙީ ޚިދުމަތްދޭ އިދާރާތަކުން ގެމެން ސިސްޓަމް އަށް ވަގުތުން އެޅޭނެހެން ހުރުމުން، މިނިސްޓްރީ އޮފް ހެލްތް އިން މައުލޫމާތު ކަށަވަރުކޮށް ވަގުތުން އިސްލާހުކުރަން ފަސޭހަވާނެކަމަށާއި، ގެމެން މޮޑިއުލް މެދުވެރިކޮށް މިހާތަނަށް 1000އަށް ވުރެ ގިނަ ރިކޯޑް ޕްރޮސެސް ކުރެވިފައިވާކަމަށެވެ. މިއީ ރާއްޖޭގެ ވިހާމަރުވާ ރިކޯޑް ބެލެހެއްޓުމުގެ މަސައްކަތް ޑިޖިޓައިޒް ކުރުމަށް ކުރެވޭ މަސައްކަތުގައި ލިބުނު ވަރަށްވެސް ބޮޑު ކާމިޔާބީއެއްކަމަށްވެސް އެމިނިސްޓްރީން ބުނެއެވެ.
ގެމެން ގެ ސަބަބުން ޑިޕާރޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަންސް އަށް ރާއްޖޭގެ އާބާދީއާއި ގުޅޭ މައުލޫމާތު ވަގުތުން ވަގުތަށް އިނގޭނޭ މަގުފަހިވެފައިވާކަމަށާއި، މިއާއެކު އާބާދީއާއި ގުޅޭ ތަފާސްހިސާބުތައް ބެލެހެއްޓުމަށް ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އަށް ވަނީ ވަރަށް ބޮޑަށް ފަސޭހަވެފައިވާކަމަށްވެސް ޓެކްނޮލޮޖީ މިނިސްޓްރީން ބުނެއެވެ.
ކުރިއަށް އޮތްތަނުގައިވެސް ސަރުކާރުގެ އެހެން އިދާރާތައް ބޭނުންވާ އާބާދީއާއި ގުޅޭ މުހިންމު މައުލޫމާތު ފަސޭހަކަމާއިއެކު ލިބި، ސަރުކާރުގެ މަސައްކަތްތަކުގެ ދުވެލިއާއި ފެންވަރު ގެމެން މޮޑިއުލްގެ އެހީގައި ކުރިއަށް ވުރެން ރަނގަޅުކުރުމަކީ އެމިނިސްޓްރީގެ މަޤްޞަދެއްކަމަށްވެސް ޓެކްނޮލޮޖީ މިނިސްޓްރީން ބުނެއެވެ.
ކޮމެންޓު ފޮނުވާ