އިދިކޮޅު ލީޑަރު ރައީސް ޔާމީންގެ ލީޑަރޝީޕްގައި ޕީޕީއެމްއަށް ހެޔޮ ވެރިކަމެއް ނުކުރެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން ވިދާޅުވެއްޖެއެވެ.
ދާދިދަހުން އެމްޑީޕީއާއި ގުޅިވަޑައިގެންނެވި ސައުދު މިހެން ވިދާޅުވީ ކުރިއަށް އޮތް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އިދިކޮޅު ރިޔާސީ ކެނޑިޑޭޓަކީ ރައީސް ޔާމީންކަމަށް ނިންމައި، ރައީސް ޔާމީން އިންތިޚާބުގައި ވާދަކުރުމަށް ނިންމެވުމާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ.
ސައުދު ވިދާޅުވީ ރައީސް ޔާމީންގެ ލީޑަރޝިޕްގައި ޕީޕީއެމްއަށް ދެން ހެޔޮ ވެރިކަމެއް ނުކުރެވޭނެކަމަށެވެ. ރައީސް ޔާމީން އަނެއްކާވެސް މަސައްކަތް ކުރައްވާނީ ބަދަލު ހިފުމާއި، އަނިޔާވެރިވުމާއި، ކޮރަޕްޝަނާއި ފަސާދައާއި ދިމާލަށްކަމަށް ސައުދު ވިދާޅުވިއެވެ.
ރައީސް ޔާމީންގެ ލީޑަރޝީޕްގައި ޕީޕީއެމްއަށް ހެޔޮ ވެރިކަމެއް ނުކުރެވޭނެ. އަނެއްކާވެސް މިސްރާބު ޖަހާފަވަނީ ކޮރަޕްޝަނާއި، ފަސާދައާއި، އަނިޔާވެރިކަމާއި ދިމާލަށް. 2018 ގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ލީޑަރޝިޕްގައި ދިވެހި ރައްޔިތުން ޤައުމަށް ގެނެސްދީފައިމިވާ ހަމަޖެހުމާއި އަމާންކަން ގެއްލޭކަށް ރައްޔިތުން ބޭނުމެއް ނުވާނެ.
– ސައުދު ވިދާޅުވިއެވެ.
މެމްބަރު ސައުދަކީ ރައީސް ޔަމީންގެ ވެރިކަމުގައި ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައި ހުންނަވަނިކޮށް މަޖިލިސް ތެރެއިން ސަރުކާރާއި ދެކޮޅަށް ނިކުތް 12 މެމްބަރުންގެ ތެރޭގައި ހިމެނި ވަޑައިގަންނަވާ މެމްބަރެކެވެ. އަދި ސައުދަކީ އެދުވަސްވަރު ހިނގި ހަމަނުޖެހުންތަކުގައި ޖަލަށްވެސް ލާފައިވާ ބޭފުޅެކެވެ.
ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކަށް ޔާމީން ހަމަޖެއްސެވި ނަމަވެސް އެމަނިކުފާނުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދެ ދައުވާއެއްގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ދަނީ ހިނގަމުންނެވެ. އެމަނިކުފާނަށް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވޭނެތޯ ކަށަވަރުވާނީ ކޯޓުގެ ހުކުމުންނެވެ.
މަނީ ލޯންޑްރިންގެ ދައުވާ އެމަނިކުފާނުގެ މައްޗަށް ސާބިތުވެއްޖެ ނަމަ އިންތިހާބުގައި ވާދަކުރެއްވުމުގެ ޝަރުތެއް އުނިވާނެ އެވެ. އެކަމަކު، އެ ހާލަތު ނާންނާނެ ކަމަށާއި އެމަނިކުފާނުގެ މައްޗަށް އުފުލާފައި ވަނީ ސިޔާސީ ދައުވާއެއް ކަމަށް ޕީޕީއެމްގެ އިސް ބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ.
ކޮމެންޓު ފޮނުވާ