ރ. އަލިފުށީ ބިން ހިއްކުމާއި އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
ރ. އަލިފުށީގައި ބޭއްވުނު މި ރަސްމިއްޔާތުގައި، މަޝްރޫޢުގެ އަމަލީ މަސައްކަތް އިފްތިތާޙް ކޮށްދެއްވީ އަލިފުށީ ދާއިރާގެ މަޖިލީސް މެމްބަރު މުޙައްމަދު ރަޝީދު ޙުސައިންއެވެ. މި ރަސްމިއްޔާތުގައި އަލިފުށީ ކައުންސިލްގެ ރައީސް އާދަމް
އިމްރާންއާއި، އެމްޓީސީސީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އާދަމް އާޒިމްއާއި އެމްޓީސީސީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
އަލިފުށި ބިންހިއްކުމާއި އެއަރޕޯޓްގެ އަމަލީ މަސައްކަތް އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ އަލިފުށިން ހިއްކާ ބިމަކީ ހަމައެކަނި އެއަރޕޯޓަށް ޚާއްސަކޮށްގެން ހިއްކާ ބިމެއް ނޫންކަމަށާއި ހިއްކި ބިމުން އަލިފުށި ރައްޔިތުންގެ ބޯހިޔާވަހިކަމަށްވެސް ބޭނުންކުރެވޭނެކަމަށެވެ. އާޒިމް ވިދާޅުވީ މި މަޝްރޫއުގެ ސަބަބުން ރައްޔިތުންނަށް ދަތުރުފަތުރުކުރުމަށް އުފުލި ތަކުލީފަށް ނިމުން އަންނާނެކަމަށެވެ.
މި މަޝްރޫޢުއަކީ އެމްޓިސީސީގެ ޙަޔާތުގައިވެސް ހިއްކޭ އެންމެ ބޮޑު އެއް ބިން. މިބިން އަލިފުށީގެ ބިމާ ގުޅާ ލެވިގެންދާނެ. އަލަށް އިތުރުކުރެވޭ ބިމާއެކު އަލިފުށީގެ ބިމުގެ ބޮޑުމިން 96 ހެކްޓަރަށް ބަދަލުވެގެންދާނެ.
– އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވިއެވެ.
A ceremony was held today to inaugurate commencement of physical works of R. Alifushi Land Reclamation and Airport Development Project. In this regard, MP @Bigeym inaugurated the project. #MTCCProjects #RayyithungeKunfuni pic.twitter.com/Ih7utM9RL0
— MTCC Plc (@MTCCPlc) August 2, 2022
ރ. އަލިފުށީ ބިން ހިއްކުމުގެ މަސައްކަތް ނިމުމުން އަލިފުށީ އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަސައްކަތް ފެށިގެންދާނެއެވެ. މި މަޝްރޫޢުގެ ދަށުން، 5.50 ހެކްޓަރުގެ ބިން ހިއްކުމާއި، 2871 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 480 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމާއި، ރަންވޭއަކާއި، އޭޕްރަންއަކާއި، ޓެކްސީވޭއަކާއި ފަޔަރ ޕެޑަކާއި މަގުތައް ހެދުން ހިމެނެއެވެ.
އަދި އެއަރފީލްޑް ލައިޓިންގ ސިސްޓަމެއް ހަރުކުރުމާއި، ނެރު ބައްތި ހަރުކުރުމާއި، އަލިފާން ނިއްވާ އިކުއިޕްމަންޓް ހަރުކުރުމާއި، 655 މީޓަރުގެ ސެކިއުރިޓީ ފެންސެއް ހެދުމުގެ މަސައްކަތް ހިމެނެއެވެ. މި މަޝްރޫއަކީ 61.451 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.