ދިވެހިރާއްޖެއަކީ އަބަދުވެސް އިންޑިއާގެ ހަޤީޤީ އެކުވެރިއެއްގޮތުގައި ދެމިއޮންނާނެ ޤައުމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އިންޑިއާއި ރާއްޖެއާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، އިންޑިއާގެ ހައިދަރުއާބާދު ހައުސްގައި ދެއްވި ޖޮއިންޓް ޕްރެސް ސްޓޭޓްމަންޓުގައެވެ.
މި ޖޮއިންޓް ސްޓޭޓްމަންޓުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ ދެ ޤައުމުގެ ޒަމާންވީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި ދެ ޤައުމުގެ ދެމެދު އެކި ދާއިރާތަކުން މިހާރަށްވުރެ ބޮޑަށް ގުޅުން ބަދަހިކުރުމާއި، އިންޑިއާގެ އެހީގައި ރާއްޖޭގައި ކުރިއަށްދާ މަޝްރޫޢުތަކާ ގުޅޭގޮތުން ދެ ބޭފުޅުންވެސް ވާހަކަފުޅުދެއްކެވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވީ، ގްރޭޓަރ މާލެ ކަނެކްޓިވިޓީ ބްރިޖު ނުވަތަ ތިލަމާލޭ ބްރިޖުގެ މަޝްރޫޢާއި، އިންޑިއާގެ އެހީގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރާ 4000 ސޯޝަލް ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތަކީ ރާއްޖެއާއި އިންޑިއާއާއި ދެމެދު އޮތް ޒަމާންވީ ގުޅުން ރަމްޒުކޮށްދޭ ވަރަށް މުހިއްމު ދެ މަޝްރޫޢުކަމަށެވެ. އަދި މާލެ ސަރަޙައްދުގައި އިތުރު 2000 ސޯޝަލް ހައުސިންގ ޔުނިޓް އެޅުމަށް އިންޑިއާގެ އެގްޒިމް ބޭންކުން 119 މިލިއަން ޑޮލަރުގެ ކްރެޑިޓް ފަންޑިންގ ދިނުމަށް ހަމަޖައްސަވާފައިވާކަން އެމަނިކުފާނު އިޢުލާންކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ ހައްދުންމަތީ ގަމުގައި ކެންސަރު ހޮސްޕިޓަލް އެޅުމަށާއި، ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢު އަވަސްކުރުމުގެގޮތުން އިތުރު މާލީ އެހީ ފޯރުކޮށްދިނުމަށް އިންޑިއާ ސަރުކާރުން ނިންމަވާފައިވާކަން ފާހަގަކުރައްވާ، ރާއްޖޭގައި ޢުމްރާނީ ތަރައްޤީއާއި އިންސާނީ ވަޞީލަތް ތަރައްޤީކުރުމަށް އިންޑިއާ ސަރުކާރުން ކެނޑިނޭޅި ދެއްވަމުން ގެންދަވާ އެއްބާރުލެއްވުމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ކޯވިޑް-19ގެ ބަލިމަޑުކަން ރާއްޖޭގައި މެނޭޖްކުރުމުގައި އިންޑިއާ ސަރުކާރުން ފޯރުކޮށްދެއްވި އެހީތެރިކަން ފާހަގަކުރައްވާ، އެކަމަށްޓަކައި ބޮޑުވަޒީރު މޯދީއަށް ޝުކުރު އަދާކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވީ، މުޅި ދުނިޔެއަށް ކުރިމަތިވި ކޯވިޑް-19ގެ ބަލިމަޑުކަމުން، އިޤްތިޞާދު އެންމެ ސިނާޢަތަކަށް ބަރޯސާވެފައި އޮތުމުގެ ބަދަލުގައި، އެކި ދާއިރާތަކުން ފުޅާކުރުމުގެ މުހިއްމުކަން ވަރަށް ބޮޑަށް ފާހަގަކުރެވުނުކަމަށެވެ. އަދި މި ބަލިމަޑުކަމުގެ ތެރޭގައި ލިބުނު ފިލާވަޅުތަކުގެ މައްޗަށް ރިޢާޔަތްކުރައްވައި، ރާއްޖޭގައި ހުރި އިންވެސްޓްމަންޓުތަކުގެ ބޭނުން ހިފުމަށް އިންޑިއާގެ އިންވެސްޓަރުންނަށް އެމަނިކުފާނު ގޮވާލެއްވެވިއެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ދެއްކެވި ވާހަކަފުޅުގައި ރާއްޖެއާއި އިންޑިއާގެ ގުޅުން މިއިން ޒަމާނަކު ބަދަހިނުވާ މިންވަރަށް ފާއިތުވި އަހަރުތަކުގެ ތެރޭގައި ބަދަހިވެފައިވާކަން ފާހަގަކުރައްވާ، މި ގުޅުން މިހާރަށްވުރެއްވެސް ބޮޑަށް ބަދަހިކުރެއްވުމުގެ ޝަޢުގުވެރިކަން ފާޅުކުރެއްވިއެވެ. އަދި ރާއްޖޭގައި މިވަގުތު ކުރިއަށްގެންދާ ޢުމްރާނީ ތަރައްޤީގެ އެންމެ ބިޔަ މަޝްރޫޢުކަމުގައިވާ ތިލަމާލޭ ބްރިޖު މަޝްރޫޢާއި، ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ހިންގާ 4000 ހައުސިންގ ޔުނިޓް އެޅުމުގެ މަޝްރޫޢަށް ފަންޑުކޮށް، ޢަމަލީ މަސައްކަތުގައި ބައިވެރިވުމުގެ ފުރުޞަތު އިންޑިއާއަށް ލިބުނުކަމީ ލިބުނު ބޮޑު އުފަލެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.
މި ސްޓޭޓްމަންޓުގައި އިންޑިއާގެ ބޮޑުވަޒީރު މޯދީ ވަނީ ތިމާވެށީގެ ދާއިރާއިން ރާއްޖޭން ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވާ، ވަކިން ޚާއްސަކޮށް 2030ގެ ނިޔަލަށް ނެޓް ޒީރޯ ޤައުމަކަށް ރާއްޖެ ހެދުމަށް މި ސަރުކާރުން ހިފާފައިވާ އަމާޒަށް ތަޢުރީފުކުރައްވާ، އެކަމަށް މަރުޚަބާ ވިދާޅުވެފައެވެ. މޯދީގެ ވާހަކަފުޅުގައި ރާއްޖެއަށް އެކި ދާއިރާއިން އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރާ މަސައްކަތުގެ ތެރެއިން، ދިވެހި ޤައުމީ ދިފާޢީ ބާރަށް އިތުރު 24 ޔޫޓިލިޓީ ވެހިކަލާއި، އެއް ނޭވަލް ބޯޓު ހަދިޔާކުރަން ނިންމާފައިވާކަން އިޢުލާންކުރެއްވިއެވެ. އަދި ރާއްޖޭގެ 61 ރަށެއްގައި ފުލުހުންގެ ޚިދުމަތަށް ބޭނުންވާ ތަފާތު އިންފްރާސްޓްރަކްޗަރ ޤާއިމުކުރުމަށް އެހީތެރިވާނެކަމަށް ވިދާޅުވިއެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ވާހަކަފުޅު ނިންމަވާލައްވާފައިވަނީ ރާއްޖެއަށް ބޭނުންޖެހިއްޖެ ކޮންމެ ހިނދެއްގައި އެންމެ ފުރަތަމަ އެހީތެރިކަން ފޯރުކޮށްދޭ ޤައުމަކީ އިންޑިއާކަން ފާހަގަކުރައްވާ، ކުރިއަށްއޮތްތަނުގައިވެސް އެކަން އެގޮތުގައި އެ ޤައުމުން ދަމަހައްޓާނެކަމުގެ ޔަޤީންކަން ދެއްވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު އިންޑިއާއަށް ކުރައްވާ މި ދަތުރުފުޅަކީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ދަޢުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ. މިއީ އެމަނިކުފާނު ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމަށް ވަޑައިގެންނެވުމަށްފަހު އިންޑިއާއަށް ކުރައްވާ ދެވަނަ ރަސްމީ ދަތުރުފުޅެވެ. އެމަނިކުފާނު އެންމެ ފުރަތަމަ އިންޑިއާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފައިވަނީ 2018 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ ތެރޭގައެވެ.