އޭޝިޔާ ޕެސިފިކްގެ 14 ގައުމަކާއެކު މިނިވަން ވިޔަފާރީގެ އެބަސްވުންތަކެއް ވުމަށް އެއްބަސްވެ، ޗައިނާއިން ވަރުގަދަ ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ. މި އެއްބަސްވުމަކީ ތަފާތު މަޝްވަރާތައް ކުރެވި ތައްޔަރީތައް ވަމުންދަތާ 10 ވަރަކަށް އަހަރު ވެފައިވާ އެއްބަސްވުމެކެވެ.
މި ހަފްތާގެ އާދީއްތަ ދުވަހު މި އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ގައުމުތަކުން ނެރުނު ގުޅިފައިވާ ބަޔާނުގައި ވާގޮތުން، "ރީޖަނަލް ކޮމްޕްރިހެންސިވް އިކޮނޮޮމިކް ޕާޓްނާޝިޕް" ވިޔަފާރީގެ މި އެއްބަސްވުމަކީ 15 ގައުމަކުން ބައިވެރިވާ، އަދި ދުނިޔޭގެ މުޅި އާބާދީގެ %30 ކަމުގައިވާ، މިގައުމުތަކަށް ނިސްބަތްވާ 2.2 ބިލިޔަން ރަޔިތުން ތަމްސީލުކޮށްދޭ ވަރުގަދަ އެއްބަސްވުމެކެވެ.
ވިޔަފާރީގެ މިއެއްބަސްވުން ތަމްސީލުކުރާ ގައުމުތަކުގެ ގުޅިފައިވާ ޖީޑީޕީ 26 ޓްރިލިއަން އެމެރިކާ ޑޮލަރަށް އަރައެވެ. އަދި މިއީ 2019 ވަނަ އަހަރުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، މުޅި ދުނިޔޭގެ ވިޔަފާރީގެ %28 ހިއްސާއެވެ.
މިއެއްބަސްވުމުގައި، ޗާއިނާގެ އިތުރުން އޭޝިއާ ޕެސިފިކްގެ ގައުމުތަކުގެ އެންމެ ވަރުގަދަ އިގްތިސާދުތައް ހިމެނޭ ގައުމުތައް ބައިވެރި ވެއެވެ. މީގެ ތެރޭގައި ޖަޕާން، ސަރުތު ކޮރެއާގެ އިތުރުން ނިއުޒިލޭންޑްއާއި އޮސްޓްރޭލިއާވެސް ހިމެނެއެވެ. އަދި ސައުތު އޭޝިއާއަށް ނިސްބަތްވާ ގައުމުތައް ކަމުގައިވާ، އިންޑޮނޭޝިއާ، ތައިލޭންޑްގެ އިތުރުން ވިއެޓްނާމްވެސް މިިއެއްބަސްވުމުގައި ބައިވެރިވެއެވެ.
ދުނިޔޭގެ އެންމެ ބޮޑު "ފްރީ-ޓްރޭޑް ޒޯން" ގާއިމް ކުރުމަށްޓަކާ މިނިވަން ވިޔަފާރީގެ މިއެއްބަސްވުން އެންމެ ފުރަތަމަ ވުޖޫދުވެގެން އައީ 2012 ވަނަ އަހަރުއެވެ.
ޗައިނާއިން އިސްވެ އޮވެ އެކުލަވާލެވުނު މި ފްރީ ޓްރޭޑް އެއްބަސްވުމުގެ ސަބަބުން އެއްބަސްވުމުގައި ބައިވެރިވާ ގައުމުތައް ހިމެނޭ ސަރަހައްދަށާއި އަދި މުޅި ދުނިޔޭގެ އިގްތިސާދަށް އަންނާނީ އިގްތިސާދީ ކިހާވަރެއްގެ ބަދަލެއްކަން އަދި ވަޒަން ކޮށްލަން ދަތިކަމުގައި އިގްތިސާދީ މާހިރުން ގެންދަވަނީ ވިދާޅުވަމުންނެވެ.
އެހެންނަނަމެވްސް، މިނިވަން ވިޔަފާރީގެ މި އެއްބަސްވުމުގައި ސޮއި ކޮށްފައިވާ، 10 ގައުމެއްގެ މައްޗަށް އެކުލެވޭ ގްރޫޕެއް ކަމުގައިވާ 'އެސޯސިއޭޝަން އޮފް ސައުތު އޭޝިއަން ނޭޝަންސް’ގެ ފަރާތުން ހާމަ ކޮށްފައިވާ ގޮތުގައި މި އެގްރީމަންޓުގެ ނަތީޖާއެއްގެ ގޮތުން އެއްބަސްވުމުގައި ބައިވެރިވާ ގައުމުތަކުން އެއްގައުމުން އަނެއް ގައުމަށް އެތެރެކުރާ %60 މުދަލުން ކޯޓާއާއި ޓެރިފް އުނިވެގެން ދާނެއެވެ.
މިއެއްބަސްވުމުގެ ބައިވެރިން ނެރެފައިވާ ގުޅިފައިވާ ބަޔާނުގައި ވަނީ، ކޯވިޑް19 ކާރިސާއަށްފަހު ދުނިޔޭގެ އިގްތިސާދު އަލުން އާރާސްތު ކުރުމަށް ކުރެވެމުންދާ މަސައްކަތަށް މިއެގްރީމަޓްގެ ސަބަބުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމުގައެވެ. އަދި ވަކީން ޚާއްސަކޮށް، އޭޝިޔާ ޕެސިފިކް ރީޖަންގެ އިގްތިސާދު ހުރިހާ ގައުމަކުން ގުޅިގެން އަލުން އާރާސްތުކުރުމަށް ކުރެވެމުންދާ މަސައްކަތުގައި މިއެއްބަސްވުމަކީ މުހިންމު ދައުރެއް އަދާކުރާނެ އެއްޗެއްކަމުގައިވެސް މިބަޔާނުގައި ބުނެފައި ވެއެވެ.
އެހެން ނަމަވެސް، 15 އަހަރުވަންދެން ނޭޝަނަލް ފޮރިންގ ޓްރޭޑް ކައުންސިލްގެ ރައީސްކަން ކޮށްފައިވާ، ސެންޓަރ ފޯ ސްޓަރަޖިކް އެންޑް އެންޑް އިންޓަރނޭޝަނަލް ސްޓަޑީސްގެ ޓްރޭޑް އެކްސްޕާޓެއް ކަމުގައިވާ ވިލިއަމް ރެއިންޗް ވިދާޅުވެފައިވަނީ މިފަދަ އެއްބަސްވުންތަކުގެ ހަގީގީ ފައިދާއަށްވުރެ ބޮޑަށް ފެނިގެންދާނީ ރަމްޒީ ފައިދާތަކެއް ކަމުގައެވެ. އަދި އޭނާ ވިދާޅުވީ، ފާއިތުވެދިޔަ އަހަރު އިންޑިއާއިން މި އެއްބަސްވުމުގައި ބައިވެރި ނުވާން ނިންމާފައިވުމުގެ ނަތީޖާއެއްގެ ގޮތުން މި އެއްބަސްވުމުގެ ވިޔަފާރީގެ ފައިދާ އެތައް ގުނައަކަށް ވަނީ ކުޑަވެގެން ގޮސްފައެވެ.
އޭނާ އިތުރަށް ވިދާޅުވި ގޮތުގައި، ހަމަ މިއާއެކު، ޗައިނާއިން ސައުތު ޗައިނާ ކަނޑުގެ ސަރަހައްދުގައާއި ހޮންގކޮންގ އަދި އެނޫންވެސް ބައެއް ސަރަހައްދުތަކުގައި ގެންގުޅެމުން އަންނަ ވިޔަފާރީގެ ހަރުކަށި އުސޫލުތަކާއެކުވެސް، މިއެއްބަސްވުމުގައި ބައިވެރިވެފައި ވުމުގެ ނަތީޖާއެއްގެ ގޮތުން، ކުރިޔަށް އޮތްތަކުގައި އެއްބަސްވުމުން ދެމެހެއްޓެނިވި ނަތީޖާއެއް ނެރުމުގެ ފުރުސަތު އެބައޮތެވެ.
އިގްތިސާދީ ތަޖުރިބާކާރުން ވިދާލުވާ ގޮތުގައި މިއެއްބަސްވުމުން ރަމްޒު ކޮށްދެނީ ފުޅާވެ ވަރުގަދަވަމުންދާ އޭޝިޔާ ސަރަހައްދުގެ އިގްތިސާދީ ބާރުވެރިކަމެވެ. އަދި މީގެއިން ރަމްޒު ކޮށްދެނީ، ދުނިޔޭގެ އެހެން ބައްރުތައް އިގްތިސާދީ ވަކި ސިޔާސަތަކަށް ބަރޯސާވާން ނުކުޅެދިފައި ވަނިކޮށް، މިސަރަހައްދު މިނިވަން ވިޔަފާރީގެ ސިޔާސަތުތަކާ ދިމާލަށް މިސްރާބު ހިފާފައިވާތަން ކަމުގައެވެ.
މި އެއްބަސްވުމުގެ ސަބަބުން، ދުނިޔޭގެ ވިޔަފާރީގައި އެމެރިކާއާއި ޗައިނާއާ ދެމެދު އުފެދިފައިވާ ވާދަވެރިކަމަށް ކުރާނީ ކިހާވަރެއްގެ ކޮންކަހަލަ އަސަރުތަކެއް އަދި ވަޒަންކުރެވޭ ވަރު ނުވާނެ ކަމަށްވެސް އިގްތިސާދީ މާހިރުން ވިދާޅުވެއެވެ.