ފަހު މެޗުގައި ކުލަބު އީގަލްސް ބަލިކޮށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ އައްޑަނަ ޖެހިޖެހިގެން ތިންވަނަ ފަހަރަށް އުފުލާލައިފިއެވެ.
މާޒިޔާއިން ލީގު ކަށަވަރުކޮށްފައިވަނީ މީގެ ދެ ހަފުތާ ކުރިން ދަ ގްރާންޑޭ ސްޕޯޓްސް ކުލަބު އަތުން ހޯދި މޮޅާއެކުއެވެ. ދަ ގްރާންޑޭ އަތުން މޮޅުވެ ލީގު މާޒިޔާއިން ކަށަވަރުކުރިއިރު އެ ޓީމުން ލީގުގައި ބާކީ ދެ މެޗު ކުޅެން އޮތެވެ.
މިއީ މާޒިޔާއިން ދިވެހި ޕްރިމިއާ ލީގު ކާމިޔާބުކުރި ޖުމްލަ ހަތަރުވަނަ ފަހަރެވެ. މާޒިޔާއިން އެންމެ ފުރަތަމަ ލީގު ކާމިޔާބުކުރީ 2016 ވަނަ އަހަރު އަލީ ސުޒޭނުގެ އިރުޝާދުގެ ދަށުންނެވެ. އަދި މިއީ 2015 ވަނަ އަހަރު ދިވެހި ޕްރިމިއާ ލީގަށް މި މުބާރާތް ރީބްރޭންޑް ކުރި ފަހުން، ކުލަބަކުން ޖެހިޖެހިގެން ތިން ފަހަރު ލީގު ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ.
މި ފަހަރުގެ ލީގުގެ ފަހު މެޗުގައި ހޯމަ ދުވަހުގެރޭ މާޒިޔާއިން ވަނީ ފަސޭހަކަމާއެކު 5-0 ގެ ނަތީޖާއަކުން އީގަލްސް ބަލިކޮށްފައެވެ. ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މެޗުގެ 15 ވަނަ މިނެޓުގައި މާޒިޔާއަށް ލީޑު ނަގައިދިން ލަނޑު ކާމިޔާބުކޮށްދިނީ އިބްރާހީމް ވަހީދު ހަސަން (އިއްބެ) އެވެ. އޭގެ ފަހުން މެޗުގެ 23 ވަނަ މިނެޓުގައި ނާއިޒް ހަސަން (ދާދު) ވަނީ ލަނޑެއް ޖަހައި، މާޒިޔާގެ ލީޑު ފުޅާކޮށްދީފައެވެ.
މި މެޗުގެ 43 ވަނަ މިނެޓުގައި މާޒިޔާގެ ތިންވަނަ ލަނޑު ޖަހައިދިނީ ކެޕްޓަން އަސަދުއެވެ. އަދި މެޗުގެ ދެވަނަ ހާފުގައި އަސަދު އިތުރު ލަނޑެއް ޖެހިއިރު، މާޒިޔާގެ ފަސްވަނަ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ހަމްޒާ މުހައްމަދު (ހަމްޕު) އެވެ.
މި މޮޅާއެކު މާޒިޔާއިން ލީގު ނިންމާލީ ކުޅުނު 21 މެޗުން، ޖުމްލަ 60 ޕޮއިންޓާއެކުއެވެ. ތިން ބުރަކަށް ބަހާލައިގެން މި ފަހަރުގެ ލީގު ކުރިއަށްދިޔައިރު، މާޒިޔާ ބަލިވީ ދެވަނަ ބުރުގެ ފުރަތަމަ މެޗުން އީގަލްސް އަތުން އެކަންޏެވެ. އަނެއް 20 މެޗުން މާޒިޔާ ވަނީ މޮޅުވެފައެވެ. މީގެ އިތުރުން އީގަލްސްއިން ލީގު ނިންމާލީ 46 ޕޮއިންޓާއެކު ތާވަލުގެ ދެވަނައިގައި އޮވެގެންނެވެ. އެހެންކަމުން މާޒިޔާއިން ޗެމްޕިއަންކަން ހޯދާފައިވަނީ 14 ޕޮއިންޓުގެ ފަރަގަކާއެކުއެވެ.
ހޯމަ ދުވަހުގެރޭ ކުޅުނު މެޗަށްފަހު މާޒިޔާއަށް ލީގުގެ އައްޑަނަ ހަވާލުކޮށްދެއްވީ މި މެޗުގެ ޝަރަފުވެރި މެހެމާނި އަދި މުބާރާތުގެ މެއިން ސްޕޮންސަރުން ކަމަށްވާ އުރީދޫ މޯލްޑިވްސްގެ ސީއީއޯ ޚާލިދު އަލް ހަމާދީއެވެ.