ރައީސް ޔާމީނަށް ލިބޭނެކަމަށް އަންދާޒާ ކުރެވެނީ %20 ވޯޓު: އިކްރާމް

ރައީސް ޔާމީނަށް ލިބޭނެކަމަށް އަންދާޒާ ކުރެވެނީ %20 ވޯޓު: އިކްރާމް

Author
މުޙައްމަދު ޝަޒައިމް
01 އޮގަސްޓް 2022 03:55
0

އަންނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އިދިކޮޅު ކެނޑިޑޭޓް ރައީސް ޔާމީނަށް ލިބިލައްވާނެކަމަށް އަންދާޒާ ކުރެވެނީ 20 އިންސައްތަ ވޯޓު ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން ވިދާޅުވެއްޖެއެވެ.

އިކްރާމް މިހެން ވިދާޅުވީ ރައީސް ޔާމީނަށް ޕީޕީއެމް ޕީއެންސީގެ ރިޔާސީ ޓިކެޓް ދިނުމާއި ގުޅިގެން އޭނާ އަންދާޒާ ކުރެއްވި ހިސާބުތަކެއްގައެވެ. އިކްރާމް ވިދާޅުވީ، ރައީސް ޔާމީނަށް ވެރިކަމުގައި ހުންނަވައިގެން ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ލިބިވަޑައިގެންނެވީ 40 އިންސައްތަ ވޯޓު ކަމަށެވެ. މިހާރު ހުންނެވީ އިދިކޮޅު ކަމުގައި ކަމަށްވުމުން މިހާރު ރައީސް ޔާމީނަށް ލިބޭނެކަމަށް އަންދާޒާ ކުރެވެނީ 20 އިންސައްތަ ވޯޓުކަމަށް އިކްރާމް ވިދާޅުވިއެވެ.

ރައީސް ޔާމީނަށް ވެރިކަމުގައި ހުންނަވާ އާރާއި ބާރުގެ ބޭނުން ކުރައްވައިގެން ލިބިލެއްވީ %40 ވޯޓު. ވެރިކަމުގަ ނެތި ލިބިލައްވާނެ ކަމަށް އަންދާޒާ ކުރެވެނީ ގިނަވެގެން %20 ވޯޓު.

– އިކްރާމް ވިދާޅުވިއެވެ.

ނިމިދިޔަ ރިޔާސީ އިންތިޚާބު ރައީސް އިބްރާޙީމް މުޙައްމަދު ޞޯލިޙު ކާމިޔާބު ކުރައްވާފައިވަނީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، ރައީސް ޔާމީން ޢަބްދުލްޤައްޔޫމާ ވާދަކުރައްވައެވެ. މިއިންތިޚާބުގެ ދެވަނަ ބުރުގައި ރައީސް ޞޯލިޙަށް ލިބިވަޑައިގެންފައި ވަނީ 134616 (އެއްލައްކަ ތިރީސް ހަތަރުހާސް ހަސަތޭކަ ސޯޅަ) ވޯޓެވެ. ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، ރައީސް ޢަބްދުﷲ ޔާމީނަށް ލިބިވަޑައިގެންފައި ވަނީ 96132 (ނުވަދިހަ ހަހާސް އެއްސަތޭކަ ތިރީސް ދޭއް) ވޯޓެވެ.

މިނަތީޖާއަށް ބަލާއިރު ރައީސް ޔާމީން ރިޔާސީ އިންތިޚާބުގެ ފަހު ބުރުގައި ވާދަކޮށްފައިވަނީ، ގިނި ކަންޏާއެވެ. ނަމަވެސް ރައީސް ޞާލިހު ވާދަ ކުރައްވާފައިވަނީ ބޮޑު ކޯލިޝަނެއްގެ ތެރެއިންނެވެ. ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި މިހާތަނަށް ވާދަކުރައްވާނެކަން އިއުލާން ކުރައްވާފައިވާ ބޭފުޅުންނަށް ބަލާއިރު، މިއިންތިޚާބުގެ ފުރަތަބުރަކީ ވާދަވެރި ބުރަކަށް ވެގެންދާނެ ކަމަށް ބެލެވެއެވެ.

ރައީސް ޔާމީނަށް ރިޔާސީ ޓިކެޓް ދިނުމަށް ރޭ އިދިކޮޅު ކޯލިޝަނުން ނިންމާފައިވާއިރު، ރައީސް ޔާމީނަށް އިންތިޚާބުގައި ވާދަ ކުރެވިދާނެތޯ ބައެއް ފަރާތްތަކުން ދަނީ ސުވާލު އުފައްދަމުންނެވެ. އެއީ މިހާރުވެސް އެމަނިކުފާނުގެ ދެ ޝަރީއަތެއް ކޯޓުގައި ކުރިއަށް ދާތީއެެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.