އަންނަ އަހަރު ނިމޭއިރު 82.8 ބިލިއަން ރުފިޔާގެ ދަރަނި ދިވެހިންގެ ބޮލުގައި އެޅެނީ ސަރުކާރުގައި ލޯންގްޓާމް ޕްލޭނެއް ނެތުމުން ކަމަށް ވިދާޅުވެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ޢުމަރު ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ބަހުސްގައި ވާހަކަ ދައްކަވަމުން މެންބަރު އާދަމް ޝަރީފް ވިދާޅުވީ މި ދަނޑިވަޅުގައި ހުށައަޅާ ބަޖެޓެއް ވާންޖެހޭނީ އިޤުތިޞާދު ހަމަޔަކަށް އެޅުވޭނެ އަދި އިންވެސްޓަރުންގެ އިތުބާރު އުފެއްދޭނެ ބަޖެޓަކަށް ކަމަށެވެ. ނަމަވެސް އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށައަޅާފައިވާ ދައުލަތުގެ ބަޖެޓަކީ އެފަދަ ބަޖެޓެއް ނޫން ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
". 34.7 ބިލިއަންގެ ބަޖެޓުގެ ލިބޭ އާމްދަނީއަކީ 17.8 ބިލިއަން ރުފިޔާ. 15.5 ބިލިއަން ރުފިޔާއަކީ ދަރަނި. ލިބޭ އާމްދަނީއާއި އެހީއަށްވުރެ، ބަޖެޓް ދެގުނަ ބޮޑު. ދެބައިކުޅަ އެއްބަޔަކީ ދަރަނި. މިއީ "ދަރަނިބޯ" ބަޖެޓެއް."
– އާދަމް ޝަރީފް
އާދަމް ޝަރީފް ވިދާޅުވީ ދިވެހި ފައިސާގެ އަގު ހިފެހެއްޓުމަށާއި ހީނަރުވަމުންދާ އިޤުތިޞާދު ކޮޅަށް ޖެހުމަށް ބަޖެޓްގައި އިސްކަން ދީފައެއް ނުވާކަމަށެވެ. އަދި މިއީ ސިޔާސީގޮތުން، ލޯކަލް ކައުންސިލް އިންތިޚާބަށް ނުފޫޒު ފޯރުވުމަށް ރާވާފައި އޮތް ދަރަނިބަޖެޓެއް ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
"ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވާ އެއްޗަކަށް ބަޖެޓް ހެދުމުން ގެއްލުންވާނީ މުޅި ޤައުމަށް"
– އާދަމް ޝަރީފް
ދައުލަތުގެ އާމްދަނީ ލަފާކޮށްފައިވަނީ ކޮން މިންގަނޑެއްގެ މައްޗަށް ބިނާކޮށްކަމާއި އެއީ ޙަޤީޤީ މިންގަނޑެއްތޯ އާއި ލަފާކުރިވަރަށް އާމްދަނީ ނުލިބި، އިތުރަށް ޑެފިސިޓް ބޮޑުވާގޮތް ދިމާވެއްޖެނަމަ ހޯދާނެ ފަރުވާއަކީ ނުވަތަ އެކަން ޙައްލު ކުރާނެގޮތަކީ ކޮބައިކަން ބަޖެޓަކުން ސާފުވާން ނެތް ކަމަށް މެމްބަރު އާދަމް ޝަރީފް ވިދާޅުވިއެވެ.
"މިބަޖެޓްގެ ސަބަބުން ރާއްޖޭގެ އިޤުތިޞާދު ހަމަޔަކަށް ނޭޅި، ރަތް ކާޑު ދައްކާ ދަނޑުން ބޭރު ކުރަންޖެހޭނެ. އިތުރަށް ދިވެހިން ދަރަނިވެރިވާނެ. ބޭރުގެ އިންވެސްޓަރުންނެއް ނާންނާނެ."
– އާދަމް ޝަރީފް
މަޖިލީހަށް ހުށައަޅާފައިވާ ބަޖެޓުން، ޤައުމުގެ އިޤުތިޞާދު ހަމަމަގަށް އެޅުވޭފަދަ އިޤުތިޞާދީ ސިޔާސަތެއް، ސަރުކާރުގައި ނެތް ކަން އެނގޭ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. އަދި ޤައުމުގެ އިޤުތިޞާދު ސަލާމަތް ކުރުމަށް، ޕީ.އެސް.އައި.ޕީ މަދުނުކޮށް، ސަރުކާރުގެ ރިކަރެންޓް ޚަރަދު ކުޑަކޮށް، ދަރަނި ކުޑަ ކުރުމަށްޓަކައި 25 ބިލިއަނަށް ބަޖެޓް ކުޑަކުރުމަށް އާދަމް ޝަރީފް ގޮވާލެއްވިއެވެ.
އަންނަ އަހަރު ހިންގުމަށް ސަރުކާރުން ނިންމާފައިވާ މަޝްރޫޢުތަކަކީ އިޤްތިޞާދީ ޙާލަތުގައި ނުބައްދަލު ބޮޑެތި މަޝްރޫޢުތަކެއްކަމަށްވުމުން، ކޯވިޑް-19 ގެ ސަބަބުން އަންދާޒާކުރިވަރަށް ދައުލަތަށް އާމްދަނީ ނުލިބިއްޖެނަމަ ކޭޝްފްލޯ މެނޭޖްމަންޓް ދަތިވެ މަޝްރޫޢުތައް ނުހިންގުން އެކަށީގެންވާކަމަށް މަރުކަޒީ ބޭންކު އެމްއެމްއޭގެ ގަވަރުނަރު ޢަލީ ޙާޝިމް ވެސް ވަނީ ވިދާޅުވެފައެވެ.