ކުރީގެ ނާއިބުރައީސް ޑރ. ޖަމީލް އެކި މީހުންނަށް ކިޔަމުންދާ ފާޑުކިޔުންތަކަކީ ބޮޑު އަރަތަކަށް ވެއްޖެކަމަށް ޓްރޭޑް ޔޫނިއަންގެ ނައިބް ރައީސް އަދި ކުރީގެ ގްރޭޓަރ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް ކުންފުނީގެ ބޯޑުގެ ޗެއަރމަން ސައުދުﷲ އަހުމަދު ވިދާޅުވެއްޖެއެވެ.
ސައުދު މިއަދު ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވަނީ، އަދާލަތަށް ބަވަންވީމަ، ޑރ. ޖަމީލަކީ ދީނީ އިލްމުވެރިއެއް ކަމަށާއި، ޔާމީނަށް ބަވަންވީމަ އިކޮނުމިސްޓަކައްވެ، ޔާމީނަށް ސަނާކިޔަންވީމާ ކިޔަމަންތެރި ޚާދިމަކަށް ވާ ކަމަށެވެ. އަދި ނަޝީދަށް ސަނާ ކިޔަންވީމަ ޖަމީލް ވަރުގެ ރިފޯމިސްޓެއް ނުހުންނަ ކަމަށެވެ. އޭގެ އިތުރުން ނަޝީދަށް ބަވަންވީމަ ޑރ. ޖަމީލް ފިލޯސަފަރަކަށް ވާކަމަށާއި، މިވަރު އަރަތަކާ ދިމާނުވާ ކަމުގައި ސައުދު ކުރެއްވި ޓުވީޓުގައި ވިދާޅުވެފައި ވެއެވެ.
ސައުދު ޖަމީލަށް ފާޑު ވިދާޅުވެފައިވަނީ އެހެން ސިޔާސީ ލީޑަރުންނަށް ފާޑު ކިޔާންވީމާ އެކަން އަދާލަތު ޕާޓީއަށް އެންމެ ރަގަޅުތޯ ވިދާޅުވެ ޖަމީލް ދައްކަވާފައިވާ ވާހަކަ ފުޅަކަށް ރައްދު ދެއްވަމުންނެވެ.
https://t.co/IlkZTaqzyvއަދާލަތަށް ބަވަންވީމަ، އަޅުގަނޑުގެ އަޚް ޖަމީލަކީ ދީނީ އިލްމުވެރިއެއް. ޔާމީނަށް ބަވަންވީމަ އިކޮނުމިސްޓެއް.ޔާމީނަށް ސަނާކިޔަންވީމާ ކިޔަމަންތެރި ޚާދިމެއް. ނަޝީދަށް ސަނާ ކިޔަންވީމަ ރިފޯމިސްޓެއް.. ނަޝީދަށް ބަވަންވީމަ ފިލޯސަފަރެއް.. މިވަރު އަރަތަކާ ދިމައެއްނުވޭ
— Saudulla Ahmed (@saudullaahmed1) July 31, 2022
ޑރ. ޖަމީލު ޝެއިޚް އިމްރާނަށް ފާޑު ވިދާޅުވެފައިވާއިރު، އޭނާ ފާހަގަ ކުރެވިފައިވަނީ ރައީސް ޔާމިންގެ ވެރިކަން ނިމުމަކަށް ގެނައުމަށް އެންމެ އިސްކޮށް މަސައްކަތް ކުރެއްވި، އަދި ރައީސް ޔާމިނަށް އެންމެ ގިނައިން ވަގަށް ގޮވި އެއް ބޭފުޅެއްގެ ގޮތުގައިއެވެ. އަދި ރައީސް ޔާމިންގެ ވާހަކަފުޅުތައް އެންމެ ވައްތަރީ ފިރުއައުނު ދެއްކި ޒާތުގެ ވާހަކަފުޅުތަކާ ކަމަށްވެސް އޭރު ޖަމީލް ވިދާޅުވެފައި ވެއެވެ.
އެހެންނަމަވެސް، މިހާރު ވިދާޅުވަމުން ގެންދަވަނީ، ރައީސް ޔާމިންއަކީ ތަރައްގީގެ ބާނީ ކަމަށާއި، ރައީސް ޔާމިންގެ މައްޗަށް ކުރަމުންދަނީ ދޮގު ތުހުމަތުތަކެއް ކަމުގައެވެ.
ކޮމެންޓު ފޮނުވާ