ހުޅަނގު މޫސުމުގެ ބާރު ގަދަވެފައިވުމުގެ ސަބަބުން މޫސުމަށް ސަމާލުވުމަށް މެޓު އޮފީހުން އިލްތިމާސްކޮށްފިއެވެ.
މެޓު އޮފީހުން ބުނީ ރާއްޖެއަށް މިހާރު ކުރަމުން ދަނީ ހުޅުނގު މޫސުމުގެ ވިއްސާރަކަމަށާ، ކުރިއަށް އޮތް 3 ދުވަހުވެސް ރާއްޖެގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރުމާއެކު ގުގުރާނެކަމަށް ލަފާކުރެވޭކަމަށެވެ. މި ވިއްސާރައިގައި ޚާއްސަކޮށް މެދުރާއްޖެތެރެއާއި އުތުރު އަތޮޅުތަކުގައި ވައިގަދަވެ ކަނޑުތައް ވަރަށް ބޮޑަށް ގަދަވުމާއެކު ބައެއް ރަށްތަކަށް އުދައެރުން އެކަށީގެންވާކަމަށްވެސް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުންޏެވެ.
އެހެންކަމަުން ހުރިހާ ފަރާތްތަކުން ޚާއްސަކޮށް ކަނޑުދަތުރުކުރާ މީހުން މޫސުމަށް ވަރަށް ބޮޑަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ގަދަވަޔާއެކު ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކުން ސަލާމަތްވުމަށާއި ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކުރެއެވެ.
މިއަދާއި މާދަމާގެ މޫސުމަށް ބަލާއިރު ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަ ކުރާނެއެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަަށީގެންވެއެވެ. އަދި ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާ، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވުން އެކަށީގެންވާކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކުރައްވައެވެ. އަދި ކނަޑު ގަދަވާނެކަމަށާއި ރާޅުގެ އުސްމިނުގައި 4 ފޫޓާއި 7 ފޫޓް ހުންނާނެކަމަށް ލަފާކުރެވޭކަމަށްވެސް އެ އިދާރާއިން ބުންޏެވެ.
މި ދުވަސްވަރަކީ މޫސުން ގޯސް އަދި ކަނޑުތައްވެސް ގަދަ ދުވަސްވަރަކަށް ވުމާއެކު ދަތުރުފަތުރު ކުރުމުގައި ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއި ކަނޑުދަތުރުފަތުރުކުރުމުގެ ގަވާއިދުތަކާ އެއްގޮތަށް އަަމަލުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
ކަނޑު އުޅަނދުފަހަރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އުޅަނދުތައް ބަލައި ފާސްކުރުމާއި މައުލޫމާތު ދިނުމުގެ ޕްރޮގްރާމްތައް ފުލުހުން ސިލްސިލާކޮށް ކުރިއަށް ގެންދެއެވެ. އެހެންނަމަވެސް ކަނޑު އުޅަނދުފަހަރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ އުޅަނދު ދުއްވާ ފަރާތްތަކުންވެސް ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމެއްކަން ފުލުހުން ބުނެއެވެ.