ޗެލްސީން ގެންނަން މަސައްކަތްކުރި، ކޫންޑޭ ބާސާއަށް

ޗެލްސީން ގެންނަން މަސައްކަތްކުރި، ކޫންޑޭ ބާސާއަށް

ސެވިއްޔާ އަށް ކުޅެމުން އަންނަ ފްރާންސްގެ ޑިފެންޑަރު، ޖޫލްސް ކޫންޑޭގެ ސޮއި ހޯދުމުގެ ރޭހުގައި ޗެލްސީއާ ވާދަކޮށް ބާސެލޯނާ އިން ކާމިޔާބު ހޯދުމާ ގާތަށް ޖެހިލައިފިއެވެ.

ޗެލްސީން ކޫންޑޭ ގަންނަން ތިން ބިޑެއް ކުރިއެވެ. އެންމެ ފަހުން ކުރީ 65 މިލިއަން ޑޮލަރުގެ ހުށަހެޅުމެކެވެ. އެ ޑީލަށް ސެވިއްޔާގެ ރުހުން ލިބުނު ނަމަވެސް ފަހު ވަގުތު ބާސެލޯނާ އިން ވަނީ ކޫންޑޭއާ މަޝްވަރާކޮށް ޓްރާންސްފާ ކަންކަން ނިމުމަކާ ހަމައަށް ގެންގޮސްފައެވެ.

ބާސެލޯނާ އިން ކޫންޑޭގެ ސޮއި ހޯދަން ހަރަދުކުރާނެ ފައިސާގެ އަދަދެއް އަދި ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ. އެކަމަކު، ރިޕޯޓްތައް ބުނާގޮތުން ބާސެލޯނާ އިން ކޫންޑޭގެ ސޮއި ހޯދަން ކުރާނީ ޗެލްސީން އެންމެ ފަހުން ހުށަހެޅި ވަރުގެ ބިޑެކެވެ.

ފްރާންސްގެ ބޯޑޯ ދޫކޮށް 2019 ވަނަ އަހަރު ސެވިއްޔާ އަށް ބަދަލުވި ކޫންޑޭ އަކީ ފަހަކަށް އައިސް އެއް ލެވަލެއްގައި ކުޅެމުން އަންނަ މަދު ޑިފެންޑަރުންގެ ތެރެއިން އެއް ކުޅުންތެރިއެކެވެ. ކޫންޑޭ ގަންނަން އެ ފަހަރު ސެވިއްޔާ އިން 27 މިލިއަން ޑޮލަރު ހަރަދުކުރިއެވެ. މީގެ ކުރިން ކޫންޑޭ ގަންނަން މެންޗެސްޓާ ޔުނައިޓެޑުން ވެސް މަސައްކަތް ކޮށްފައިވެއެވެ. އެކަމަކު، ޔުނައިޓެޑްގެ އާ ކޯޗު އެރިކް ޓެން ހާގް ބޭނުންވި ގޮތަށް އެ ޓީމުން ވަނީ އަޔަކްސް އަށް ކުޅެމުން އައި އާޖެންޓީނާގެ ޑިފެންޑަރު، ލިސަންދްރޯ މާޓީނޭޒްގެ ޓްރާންސްފާ ނިންމައިފައެވެ.

ފްރާންސްގެ ގައުމީ ޓީމަށް މިހާތަނަށް 11 މެޗު ކުޅެދީފައިވާ ކޫންޑޭ ގެންދިއުމަށް އިނގިރޭސި ޕްރިމިއާ ލީގުގެ ޗެލްސީންވެސް ވަނީ މަސައްކަތް ކޮށްފައެވެ. 2019 ވަނަ އަހަރު ފްރެންޗް ލީގުގެ ބޯޑޯއިން ސެވިއްޔާއަށް ބަދަލުވި ފަހުން ކޫންޑޭ ވަނީ މިހާތަނަށް 133 މެޗު ކުޅެދީފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *