ޔޯގާގެ ޙަރަކާތްތަކާއި ޢަމަލުތަކުގެ އަސްލަކީ ހިންދޫ ދީނުގެ ކަމެއްކަން ސާފުކޮށް އެނގޭކަމަށާއި، ޖުުމްހޫރު އިލްމުވެރިންގެ ރައުޔަކީ ޔޯގާ ހެދުމުގައި ބައިވެރިވުމަކީ މުސްލިމުންނަށް ހުއްދަ ކަމެއް ނޫން ކަމަށް އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުން ބުނެފިއެވެ.
"އިސްލާމީ ފިގުހުވެރިންގެ މީޒާނުގައި "ޔޯގާ" މިނަމުގައި އަދާލަތުގެ އިލްމުވެރިންގެ މަޖިލީހުން މިއަދު އާންމުކުރި ކަރުދާހުގައި ވަނީ ޔޯގާ އާއި ގުޅޭ މައިގަނޑު ތިން ރަޢުޔެއް އޮތްކަމަށެވެ. އޭގެތެރެއިން 2 ރަޢުޔަކީ ޔޯގާ ހަރާމްކަމަށްނިންމާފައިވާ ރަޢުޔުކަމަށާއި، އަނެއް ރައުޔުގައިވާ ޝަރުތުތަކާ އެކު ޔޯގާ ހަދާނަމަ ހަގީގަތުގައި ޔޯގާއަށް ނުވާނެކަމަށް ޢިލްމުވެރިންގެ މަޖިލީހުގެ ކަރުދާހުގައިވެއެވެ.
@AdhaalathOffice ilmuveringe majileehuge masahkaiypulhugai maaiy Allah barakaaiy lahvaashi. V rangalhu ilmee masahkatheh. https://t.co/ny6w0Dg49X
— Imran Abdulla (@ShimranAb) July 25, 2022
މައްސަލައިގެ ތިން ރައުޔަށް ނަޒަރު ހިންގާލާ ވިސްނާލުމުން ފާހަގަވާ ކަންކަންކަމަށް މި ކަރުދާހުގައި ބަޔާންކޮށްފައިވާ ކަންކަމަކީ:
- ޔޯގާގެ އަސްލު ކަމުގައި ހިންދޫ ދީނުގެ މަފްހޫމުގައި ވާ ޔޯގާ ހެދުން މުސްލިމަކަށް ހުއްދަ ނުވާނެކަމާއި އެއީ ކަންޑައެޅިގެން އިސްލާމްދީނާ ޚިލާފު ކަމެއްކަމަށް ހުރިހާ ޢިލްމުވެރިން އިއްތިފާޤުވެއެވެ.
- ތިންވަނަ ރައުޔުގައިވާ ޤައިދު ނުވަތަ ޝަރުޠުތައް ގެނައުމުން ޔޯގާގެ އަސްލު ގެއްލި އެއީ ޔޯގާގެ މާނައިން ބޭރުގެ ހަރަކާތްތަކެއްކަމަށް ވެދެއެވެ. އަދި ޔޯގާ ހުއްދަވަނީ ކަމުގައި ބުނުމަށްވުރެ ޔޯގާގެ ނަމުގައިވާ ހަރަކާތްތަތަކެއް ހުއްދަ ވަނީ ކަމުގައި އެނގިގެންދެއެވެ. މިރައުޔުގެ ނަތީޖާއަކީ ހިންދޫދީނުގެ މަފްހޫމުގެ ޔޯގާއާއި ހުޅަނގުގެ މަފްހޫމުގެ ޔޯގާވެސް ހުއްދަ ނުވުމުވެ. އެހެންކަމުން ފުރަތަމަ ރައުޔާއި ތިންވަނަ ރައުޔުގެ ނަތީޖާގައި ތަފާތެއް ނެތްކަން އެނގިގެންދެއެވެ.
- މައްސަލައިގެ މަޙައްލުއް ނިޒާއަކީ (އިޚްތިލާފުވާ ނުކުތާއަކީ) ހިންދޫ ދީނުގެ މަފްހޫމާއި އިޢުތިޤާދުން ބޭރުވެ ހުޅަނގުގެ މަފްހޫމުގައިވާ ޔޯގާ ހެދުން މުސްލިމަކަށް ހުއްދަވޭތޯ ނުވަތަ ނުވޭތޯއެވެ؟
ޔޯގާ ހެދުން ނުވަތަ ހެދުމުގައި ބައިވެރިވުން ހުއްދަނުވާނެ ސަބަބުތައްކަމަށް ޢިލްމުވެރިންފާހަގަކޮށްފައިވާ އެންމެ މުހިންމު އެއްކަމަކީ އެ ޢަމަލުގެ ތެރޭގައި ޝިރުކުގެ ޢަމަލު ހިމެނޭތީއެވެ.
ޔޯގާގެ ޙަރަކާތްތަކާއި ޢަމަލުތަކުގެ ތެރޭގައި އިސްލާމީ ޢަޤީދާއާ ފުށުއަރާ، ކަނޑައެޅިގެން ޝިރުކުގެ ޢަމަލު ހިމެނެއެވެ. އެހެނީ އޭގައި އިރުގެ ނަންތައް ކިޔާ، އިރަށް ތަޢުޡީމުކޮށް ކުރުނީސްކުރުމުން، މާތް ﷲ ފިޔަވާ އެހެން ފަރާތެއް އަޅުކަން ކުރުމުގައި ބައިވެރި ކުރެވެއެވެ. އަދި ހިންދޫ ކަލާނގެއަށް ދެންނެވުމާއި ހިންދޫ ކަލާނގެ މަތިވެރި ކުރުން ހިމެނެއެވެ. އެވެސް ޝައްކެތްނެތްގޮތުގައި މާތްﷲ އާ އެހެން މަޚުލޫޤަކާއި ބައިވެރިކުރުން ނުވަތަ އެއްފަދަ ކުރުމަކީ ޝިރުކުގެ ޢަމަލެކެވެ. އަދި ބާޠިލް ކަލާނގެއެއް މަތިވެރި ކުރުމަކީ ޝިރުކުގެ ތެރެއިން ވާކަމެކެވެ. އަދި އިރަށް ބޯލަނބާ މާތްﷲއަށް ދޭ ޤަދަރު ދިނުމަކީވެސް ޝިރުކެވެ. މިހުރިހާ ކަމެއް ޔޯގާގެ ތެރޭގައި ހިމެނިގެން ވެއެވެ. މާތްﷲ ވަނީ އެއިލާހަށް ޝިރުކު ކުރުން ވަރުގަދައަށް މަނާކުރައްވާ ނަހީކުރައްފައެވެ. އަދި ޝިރުކު ކުރާ މީހާގެ އެންމެހާ ޢަމަލުތައް ބާޠިލުވާނެކަމަށް އަންގަވާފައެވެ.
– ޔޯގާއާއި ގުޅޭގޮތުން އަދާލަތުގެ ޢިލްމުވެރިން އެކުލަވާލި ކަރުދާހުގައިވެއެވެ.
މީގެ އިތުރުން ޔޯގާއަކީ ހިންދޫ ދީނުގެ އަޅުކަމެއްކަށް އެއްވެސް ޝައްކެތްނެތް މިންވަރަށް ޔަޤީންވާކަމަށާއި، އަދި ހިންދޫން ފިޔަވާ އެހެން މީހުންނަށްވެސް މިކަން ތަޢާރަފް ވެފައިވަނީ ހިންދޫންގެ ފަރާތުންކަމަށް ބުނެފައިވެއެވެ. އެހެންކަމުން ޔޯގާ ހެދުން ވެގެންދަނީ ހިންދޫ ދީނުގެ ތެރެއިންކަމަށާއި، ނުވަތަ ހިންދޫ ދީނަށް އަޅުކަން ކުރާ މީހުންނާއި އެއްގޮތްވުންތަކެއް ހިމެނޭ ކަމެއްގެ ގޮތުގައިކަމަށް މި ކަރުދާހުގައިވެއެވެ. މި ދެކަންތައްވެސް ވަނީ އިސްލާމްދީނުގައި ވަރުގަދައަށް މަނާކުރައްވާ ޙަރާމް ކުރައްވާފައިކަމަށް ޢިލްމުވެރިން ވިދާޅުވެފައިވެއެވެ.
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. (مَنْ تَشَبَّهَ بِقَوْمٍ فَهُوَ مِنْهُمْ ) [14] މާނައަކީ: “ބަޔަކު މީހުންނާއި އެއްގޮތް ވެގަންފި މީހަކީ އެބައިމީހުންގެ ތެރެއިންވާ މީހެކެވެ.”
– އަދާލަތުގެ އިލްމުވެރިންގެ ކަރުދާހުގައި ވެއެވެ.
ވަރަށް ތަފްސީލީ ގޮތެއްގައި ޢިލްމުވެރިންގެ ރަޢުޔުތަކާއި ދެޭގޮތްތައް ބަޔާންކޮށް ނެރެފައިވާ މި ކަރުދާހުގެ ނިންމުމުގައި ވަނީ، މާތްﷲ އިންސާނިއްޔަތައްޓަކައި އެންމެ ފުރިހަމަ ނިޒާމްކަމުގައި އިސްލާމްދީން ލައްވާ ފުރިހަމަކޮށްދެއްވާ އަދި އެ ދީނާމެދު ރުހިވޮޑިގެންވާކަން ބާޔާންކުރައްވާފައިވާކަމަށެވެ. އަދި އެ ދީން ފިޔަވައި އެހެން ދީނެއް ނުވަތަ އެހެންދީނެއްގެ އަޅުކަމެއް ޤަބޫލުވެވިގެން ނުވާކަން އަންގަވާފައިވާކަމަށާއި، ވީމާ ބަވަނަވެފައިވާ މިއަދުގެ ދުނިޔޭގައި އެކި ދީންތަކާއި ޤައުމުތަކުގެ ޘަޤާފަތްތައް އެއް ގައުމުން އަނެއް ގައުމަށް އަންނަމުންދާ ހިނދު އަޅުގަނޑުމެން ފަދަ ސައްތައިން ސައްތަ މުސްލިމު މުޖުތަމަޢަށް އަންނަ އާދަކާދަތަކާއި ޘަޤާފަތްތަކަކީ އިސްލާމްދީނާ ފުށުއަރާ ކަމެއްކަމުގައި ވިޔަދީގެން ނުވާނެކަމަށް ބަޔާންކޮށްފައިވެއެވެ.
ދެދުނިޔޭގެ ބާއްޖަވެރިކަން ލިބިގަތުމަށްޓަކައި މާތްﷲގެ އެއްކައުވަންތަކަމަށް ފުށުއަރާ ކޮންމެ ކަމަކުން މުސްލިމުން ދުރުހެލިވުން ވާޖިބުވެގެންވެއެވެ. އަދި އެފަދަ ކަންކަމަށް މަގުފަހިވެދާނޭ އެންމެހާ ކަންކަމަށްވެސް މުސްލިމުން ސަމާލުވެ ދުރުހެލިވާން ޖެހެއެވެ. މި ދިރާސާގެ އަލީގައި ޔޯގާގެ ޙަރަކާތްތަކާއި ޢަމަލުތަކުގެ އަސްލަކީ ހިންދޫ ދީނުގެ ކަމެއްކަން ސާފުވެ ބަޔާންވެގެން ދިޔަހިނދު، އިސްލާމީ ދިވެހި މި ދީބުގައި މިފަދަ ކަމެއް ފެތުރި އާއްމުވެ ދިޔަނުދިނުމަށް އިންތިހާއަށް ސަމާލުވާންޖެހެއެވެ. އެހެންކަމުން މިކަންކަމަށް ސަމާލުވެ އިސްލާމީ އަސާސްތަކާއި އުސޫލުތައް ހިފަހައްޓާ ނެގެހެއްޓުމަށް ދިވެހި ރާއްޖޭގެ ޢިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާއަށާއި ކަމާ ގުޅުންހުރި އެންމެހާ މުއައްސަސާތަކަށާއި ދިވެހި ލޮބުވެތި ރައްޔިތުންނަށް ނަސޭހަތްތެރިވެ އިލްތިމާސް ކުރަމެވެ.
– އަދާލަތުގެ ޢިލްމުވެރިން ލިޔުއްވާފައިވެއެވެ.
ޔޯގާއާއި ގުޅޭގޮތުން އަދާލަތުގެ ޢިލްމުވެރިންގެ މަޖިލީހުން ދިރާސީ ކަރުދާހެއް ނެރެފައިމިވަނީ ބައިނަލްއަޤްވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް މިދިޔަ މަހުގެ 21ގައި ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތަށް ހުރަސް އަޅައި ހަމަނުޖެހުން ހިންގިކަމުގެ ތުހުމަތުގައި ބަޔަކު ހައްޔަރކޮށްފައިވަނިކޮށެވެ. އެ ހަރަކާތަށް ހުރަސްއެޅިކަމުގެ ތުހުމަތުގައި 21 މީހަކު ހައްޔަރުކުރިއެވެ. އޭގެތެރޭގައި ދީނީ ބައެއް ޢިލްމުވެރިންވެސް ހިމެނެއެވެ.
މިއާއެކު ހޯމް މިނިސްޓަރ އަދި އަދާލަތު ޕާޓިގެ ރައީސް ޢިމްރާން ޢަބްދުﷲއަށް ޢިލްމުވެރިންނާއި އާންމުންގެ ގިނަ ފާޑުކިޔުންތަކެއް އަމާޒުވިއެވެ. ޔޯގާ ހަރަކާތާއި ގުޅޭގޮތުން އަދާލަތު ޕާޓީގެ ޢިލްމުވެރިންގެ ދިރާސީ ކަރުދާހެއް އެކުލަވާލުމާއި ގުޅިގެން ޢިމްރާން ވިދާޅުވެފައިވަނީ އެއީ ވަރަށް ރަނގަޅު ޢިލްމީ މަސައްކަތެއްކަމަށެވެ.
One Response
ތިހުރިހާ ވާހަަކައެއް އަަހަރެމެންނަށް އެނގޭ. އެއާއެކު ޢިމްރާނާއި ޒާހިރު،، ޔޯގާ ދުވަސް ފާހަގަކުރުމުގެ ހަރަކާތާއި ދެކޮޅަށް ހަރަކާތްތެރިވި އަހަރުމެންގެ މުސްލިމު އަޚުންނާއި މެދު ދެމުން ގެންދާ އަނިޔާގައި އަދާލަތު ޕާޓީގެ ބައެއް އިސްބޭފުޅުން ވާގިވެރިވާކަމަށް އެތައް ބަޔަކު ތުހުމަތުކުރާއިރުވެސް އެކަމުން ބަރީއަނުވެވިގެން އުޅެނީ ކީއްވެތޯ ސާފުކޮށް ނުދެވިގެން އުޅެނީ ކީއްވެތޯ؟