މިއަދަކީ ދިވެހިރާއްޖޭގެ ފަޚުރުވެރި މިނިވަން ދުވަހެވެ. ދިވެހިރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބިގެން ދިޔައީ 1965 ވަނަ އަހަރުގެ ޖުލައިމަހުގެ 26ވަނަ ދުވަހުއެވެ. ސިލޯނުގެ ކޮޅުބުގައި ހުންނަ އިނގިރޭސި ހައިކޮމިޝަނުގައި، މިނިވަންކަމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު އޮތީ ރާއްޖޭ ގަޑިން ހެނދުނު 10:00ގައެވެ. ތާރީޚީ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އޭރުގެ ބޮޑުވަޒީރު އިބްރާޙިމް ނާސިރުއެވެ. އިނގިރޭސި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ސިލޯނުގައި ހުންނަވާ އިނގިރޭސި ހައިކޮމިޝަނަރ ސަރ މައިކަލް ވޯކަރއެވެ.
ފަޚުރުވެރިކަމާއެކު، މިތާރީޚި މުނާސަބާ ކޮންމެ އަހަރަކުވެސް ދިވެހީން ފާހަގަ ކުރަނީ، އިނގރޭސިންގެ އަތްތަށުން އިބުރާހިމް ނާސިރުގެ ވެރިކަމުގައި ދިވެހިރާއްޖެއަށް މިނިވަންކަންލިބުނު މިފަޚުރުވެރި މުނާސަބާ ފާހަގަކުރުމުގެ ގޮތުންނެވެ.
އިނގިރޭސީންގެ އަޅުވެތިކަމުގައި 77 އަހަރު ހޭދަ ކުރުމަށްފަހު، ދިވެހިރާއްޖެއަކީ މިނިވަން ދައުލަތެއްކަމުގައި ކަނޑައެޅި، އަމިއްލައަށް ވެރިކަން ކުރުމުގެ ބާރާއި، ދިވެހިންގެ މުސްތަގުބަލް ކަޑައަޅާ ގޮތް ކިޔުމުގެ ފުރިހަމަ އިޚްތިޔާރާއި ބާރު ދިވެހީންނަށް ލިބިދިންތާ 57 އަހަރު ފުރިގެން ދާއިރު، ފާއިތުވީ ދިގުނޫން މާޒީގައި ކަނޑިބަޑީގެ ބާރުން އެއްވެސް ބަޔަކަށް މި މިނިވަން ނިގުޅައިގަނެވިފައެއް ނުވެއެވެ.
އެހެންނަމަވެސް، ދިވެހިން ފާއިތު ކޮށްފައިވާ މިނިވަންކަމުގެ މި ބައި ގަރުނުގެ ތެރޭގައި ދިވެހިރާއްޖޭގެ މިނިވަންކަމާއި އެތައް ގޮތަކުން އެތައްބަޔަކު ތޮޅިފައިވެއެވެ. އަދި މިއިން ކޮންމެ ފަހަރަކުވެސް، ދިވެހީންގެ މިނިވަންކަމާ ބަޔަކު މީހުން ތޮޅިފައިވަނީ، ކޮންމެ ތޮޅުމެއްގެ ފަހަތުގައިވެސް ދިވެހީންގެ ބަޔަކު ތިބެގެންކަން ފާހަގަ ކޮށް،ލެވެއެވެ.
މީގެތެެރެއިން އެންމެ ބޮޑަށް ފާހަގަ ކޮށްލަން ޖެހެނީ، 1988ވަނަ އަހަރު، ރައީސް މައުމޫނުގެ ވެރިކަމުގައި، ރާއްޖެއަށް އަމާޒުވެގެންދިޔަ ތަމަޅަޓައިގަރުންގެ އުދުވާނީ ހަމަލައެވެ. މިއުދުވާނީ ހަމަލާއަކީ، ރައީސް މައުމޫނުގެ ވެރިކަން ބަޢާވާތަކުން ފުރޮޅާލުމަށް ދިވެހިންގެ ބަޔަކު އަޑީގައި ތިބެގެން، ހަތިޔާރާއެކު މާލެއަށް އަރާ، 19 ދިވެހިން ޝަހީދު ކޮށްލުމަށްފަހު، ދިވެހި ދައުލަތާ ދެކޮޅަށް ގެންނަން މަސައްކަތް ކޮށްފައިވާ އުދުވާނީ ބަޢާވާތެކެވެ.
އެހެންނަމަވެސް، އޭރުވެސް ދިވެހިރާއްޖޭގެ އަސްކަރީ ގާބިލްކަމެއް ނެތެއްކަމަކު، އަދި މުޅި ދައުލަތަކުގެ ބަލިކަށިކަމާއި އެކީވެސް، ދުޝަމަނުންނަށް މީގެ 33 އަހަރުކުރިންވެސް ދިވެހިންގެ މިނިވަންކަން ނިގުޅައިގަނެވިފައެއް ނުވެއެވެ.
އިގިރޭސިންގެ އަތްދަށުން ދިވެހިންނަށް މިނިވަންކަން ލިބިގެން ދިއުމަށްފަހު، މި ނޫން ތާރީޚެއްގައި، ހަތިޔާރުގެ ބޭނުން ކޮށްގެން، ދިވެހި ވެރިކަމާ ތޮޅި، ރާއްޖެ އަޅުވެތި ކުރުމަށް ބޭރުގެ އެއްވެސް ބާރަކުން މަސައްކަތް ކޮށްފައެއް ނުވެއެވެ.
ޒަމާން ބަދަލުވެއްޖެ! އެތެރެއާއި ބޭރުންވެސް ގައުމަށް އެތައް ގޮންޖެހުމެއް!
އަދުގެ ބަވަނަ ވެފައިވާ ދުނިޔޭގައި، މިއަދު ކަނޑިއާއި ބަޑި ހިފައިގެން މި ކުޑަކުޑަ ދިވެހިރާއްޖޭގެ މިނިވަންކަމާއި ތޮޅެން ބޭރުގެ ބާރެއް ގައުމުގެ މައްޗަށް ވެރިވެގެންފައެއް ނުވެއެވެ.
އަދި ދިވެހިރާއްޖެ ހިމެނިގެން ގޮސްގައިވަނީ، ދުނިޔޭގެ އެހެން ގިނަ ގައުމުތަކާއި ޚިލާފަށް، ދިވެހިންގެ މައްޗަށް ބޭރުގެ ބާރަކަށް އަތްގަދަ ކުރެވިފައި ނުވާފަދައިން، ދިވެހިންގެ ދީނަށްވެސް ބުރުލެއް އަރުވާ ލެވިފައި ނުވާ، އެއްބަހަކުން ވާހަކަ ދައްކާ، އެއް ނަސްލެއްގެވެރި، އެއް ގައުމެއްގެ ގޮތުގައެވެ. މިއި މިއަދު ދިވެހީންނަށް ލިބިފައިވާ މިނިވަންކަމުގެ ހަގީގީ ބިންގާ ކަމުގައިވެސް ގަބޫލުކުރަން ޖެހެއެވެ.
އެހެންނަމަވެސް މި ފަޚުރުވެރި ތާރީޚު މިގޮތުގައި ބައިގަރުނު ފާއިތު ކޮށްފައި ވިނަމަވެސް، މިއަދު ގަބޫލު ކުރަންޖެހިފައިވާ އެއް ހަގީގަތަކީ، ކަނޑިއާއި ބަޑިން ދިވެހިންގެ މިނިވަންކަމާއި ތޮޅޭން ބަޔަކު ގައުމުގެ މައްޗަށް ވެރިވެގެންފައި ނުވިނަމަވެސް، ގައުމުގެ މިނިވަންކަމަށް ބުރޫ އަރައިގެން ހިގައިދާނޭފަދަ އެތައް ނުފޫޒެއް ދިވެހީންގެ މައްޗަށް ވެރިވެފައި ވަކަމެވެ. އަމިއްލަ ފަސްގަޑުގައި އެއްބައިންވަންތަކަމެއް ނެތްކަމެވެ. އިޖުތިމާއީ މަސްލަހަތެއް ނެތްތާގައި، ފާއިތުވެދިޔަ އައްސަތޭކައެއްހާ އަހަރު ދުވަހުގެ ތެރޭގައި ދިވެހީން އެއްބައިވަންތަ ކުރުވި، ދީނީ އެއްބައިވަންތަކަންވެސް މުޖުތަމަޢުގެ ތެރެއިން ނެތިގެން ގޮސްފައިވާ ކަމެވެ.
ހަމަ އެފަދައިން ދީނީގޮތުންނާއި ސަގާފީގޮތުންވެސް ނުހަނު ރިވެތި އާދަތަކެއްގެ މަތީގައި ދެމިތިބި ދިވެހީންގެ މެދަށް މިއަދު މިވަނީ ނުބައިކަންބޮޑު ފާހިޝް އެތައް ބަލިމަޑުކަމެއް ވެރިވެފައެވެ. ލާދީނިއްޔަތު ގައުމުގައި ފެތުރި، ދިވެހިންގެ ގައުމިއްޔަތުގެ ބިންގާ ކަމުގައިވާ މާތްވެގެންވާ އިސްލާމް ދީނަށް މިފަސްގަޑުގައި މިއަދު މިވަނީ އެތައް ގޮންޖެހުމަކާއި ކުރިމަތިލާން ޖެހިފައެވެ.
ދިވެހިންގެ ދީނީ އަގީދާއާއި، ސަގާފަތާއި ބީރައްޓެހި އެތައް ކަމެއް މުޖުތަމަޢުގައި ފެތުރި، އޭގެ މޫތައް މިވަނީ ދައުލަތުގެ މުވައްސަސާތަކުގެ ތެރެއަށް ފެތުރިގެންފައެވެ. ރައްޔިތުންގެ މަޖިލީހުން ފެށިގެން ވެރިކަން ކުރުމުގެ ބާރާއި ޝަރުއީ ނިޒާމުގެ ތެރެއަށް މިފަރާތްތަކުގެ ނުފޫޒު މިވަނީ ވަރަށްވެ މަތީ ދަރަޖައަކަށް ފޯރާފައެވެ.
ނަތީޖާއެއްގެ ގޮތުން، މިނިވަންކަމާއި އިޖުތިމާޢީ އަދާތަލާއި ހަމަހަމަ ކަމުގެ ނަމުގައި މިފަރާތްތަކުން މިވަނީ، ގާނޫނުތައް ބަދަލު ކޮށްގެން ނަމަވެސް، ދިވެހީންގެ މިނިވަންކަމުގެ ބިންގާ ފުނޑުފުނޑު ކޮށްލުމުގެ މަސައްކަތުގައި ދޫނުދީ ދެމިތިބުމަށް އަޒުމު ކަނޑައަޅާފައެވެ. އެހެންކަމުން މިހާލަތުގައި، މި ލޮބުވެތި ވަތަނުގެ މިނިވަންކަމުގެ ދިފާއުގައި އަމަލާއި ބަހުން، ދުލާއި ގަލަމުން އަދި އެނޫން ގޮތަކުން ނަމަވެސް ވާންޖެހުން ކޮންމެ ގުރުބާނީއެއް ވުމަށް ކަމަރު ބަނުމަކީ މިއަދު ހަމަ ކޮންމެ ރައްޔިތެއްގެވެސް މައްޗަށް އޮތް ގައުމީ ވާޖިބެއް ކަމީ ކަށަވަރުވެ ޔަގީވާން އޮތް ކަމެކެވެ.
ސިޔާސީ ހަމަނުޖެހުން، ގައުމުގެ މިނިވަންކަމަށް އޮތް ބޮޑު ނުރައްކަލެއް!
އަދުގެ ދުނިޔޭގެ ގިނަ ގައުމުތަކަށް ނަޒަރެއް ހިންގާލާއިރު ފާހަގަވާން އޮތް އެއްކަމަކީ، ގިނަ ގައުމުތަކުގެ މިނިވަންކަން އަދުގެ މިޒަމާނުގައި ގެއްލިގެން ގޮސްފައިވަނީ ގައުމުތަކުގެ އެތެރޭގެ ކޯޅުންތަކުގެ ނަތީޖާއެއްގެ ގޮތުން ކަމެވެ. އެގައުމުތަކުގެ އެތެރޭގައި އޮތް ސިޔާސީ ހަމަނުޖެހުންތަކާއި ދީނީ ބައިބައި ވުންތަކުގެ ނަތިޖާއެއްގެ ގޮތުން ކަމެވެ.
މީގެ ދިރިހުރި މިސާލުތައް ދުނިޔޭގެ އެކި ކަންކޮޅުތަކުން، ވަކީން ޚާއްސަކޮށް އަރަބި އިސްލާމީ ގައުމުތަކުން މިއަދު ފެންނާން އެބަހުއްޓެވެ. ސީރިއާއިން ފެށިގެން ގޮސް، އިރާގާއި، ލުބުނާނާއި، ޔަމަނާއި، އަފްއާނިސްތާނަކީ އެގައުމުތަކުގެ ދާޚިލީ ހަމަނުޖެހުންތަކުގެ ފައިދާ ނަގާ، ބޭރުގެ ބާރުތަކުން މިގައުމުތަކާއި ގައުމުތަކުގެ ވަސީލަތްތަކުގެ މައްޗަށް އެކި ގޮތްގޮތުން ވެރިވެގެންފައިވާ ގައުމުތަކެވެ.
ސީރިއާ އޮތީ ރަޝިއާގެ ނުފޫޒުގެ ދަށުގައެވެ. އިރާގު އޮތީ އެމެރިކާގެ ނުފޫޒުގެ ދަށުވެފައެވެ. ލުބުނާނު އޮތީ އަވައްޓެރި އިސްރާއީލުގެ ޓެރަރިސްޓް ހަމަލާތަކުގެ ޝިކާރައަކަށް ވެފައެވެ. އަފްއާނިސްތާނު އޮތީ އެތައް އަހަރެއްވީ އަހުލީ ހަގުރާމައިގައި ހަފުސްވެ ބަޑަށް ޖެހިފައެވެ. މިބީދައިން ބަލާއިރު، އަބަރި އިސްލާމީ ގައުމުތައް ނޫނަސް، މިއަދު ވަރުގަދަ ހަގުރާމައެއް ހިގަމުންދާ ޔޫކުރެއިންއަށްވެސް ކުރިމަތިލާން ޖެހިފައިވާ ހާލަތަށް ވިސްނާލުމުންވެސް ފެންނާން އޮތީ ހަމަ މިހަގީގަތެވެ.
ދުނިޔޭގެ ބާރުތަކުގެ މެދުގައި ތާށިވެ، އެގައުމުގެ މިނިވަންކަން ނިގުޅައިގަނެވި، އިގްތިސާދު ފުނޑުފުނޑުވެ، ގައުމު އޮތީ ބޮޑު ހަނގުރާމައެއްގެ ޝިކާރައަކަށް ވެފައެވެ.
މިހުރިހާ ގައުމަކަށްވެސް މިހާލަތު ކުރިމަތިވާން މެދުވެރިވީ ހަމަ އެންމެ ސަބަބަކާ ހެދިއެވެ. ގައުމުގެ އެތެރޭގެ މަސްލަހަތު ގެއްލި، ގައުމުގެ މައްޗަށް އަތްގަދަ ކޮށްގެން ތިބި ވެރީންނަށް އެމީހުންގެ ވެރިކަމުގެ ހިމާޔަތުގައި މިނިވަންކަން ގުރުބާން ކުރަން މަޖުބޫރު ވެގެން ދިޔައިއެވެ.
އެހެންކަމުން، އަޅުގަޑުމެންގެ މި ކުޑަކުޑަ ދިވެހިރާއްޖެ މިކަންކަމުން އިބުރަތެއް ހާސިލްކޮށް، ގައުމުގެ އެތެރޭގަ އޮތް ސިޔާސީ ހަސަދައާއި ބައިބައިވުންތަކަށް ހައްލު ހޯދާ، ގައުމު އިސްކުރަން އެބަޖެހެއެވެ. އެހެން ނޫންނަމަ، މި ބަލިކަށިކަމުގެ ފައިދާ ބޭރުގެ ބާރުތަކުން ނަގާ، ދިވެހިންގެ ގައުމީ ކަންކަމުގެ ތެރެއަށް އަތްބާނާ، އަމިއްލަ މިނިވަންކަން އެކީ ބީވެދިއުން އޮންނާނީ ވަރަށްވެސް ކައިރީގައެވެ.
One Response
އަޑިނޭގޭ އެއްބަސްވުންތަކުގެ ސަބަބުން ޤައުމުގެ މިނިވަންކަމާ ދޭތެރޭ އެއްވެސް ޔަޤިންކަމެއްނެތުން.