މިމަހުގެ 26ވަނަ ދުވަހު ހުޅުމާލޭ ހޮސްޕިޓަލްގެ ލިފްޓުގައި މާބަނޑު އަންހެނަކު ވިހެއި މައްސަލައެއް ބަލަމުން އަންނަ ކަމުގައި އެ ހޮސްޕިޓަލުން ބުނެފިއެވެ.
މިމަހުގެ 16ވަނަ ދުވަހުގެ ރޭ ހުޅުމާލޭ ހޮސްޕިޓަލްގެ ލިފްޓް ތެރެއަށް މާބަނޑު އަންހެނަކު ވިހެއުމާއި ގުޅޭގޮތުން ސޯޝަލް މިޑިއާގައި ދެކެވެމުންދާ ވާހަކަތަކާއި ގުޅިގެން އެ ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިމައްސަލަ ހޮސްޕިޓަލުގެ ކޮލިޓީ އެޝުއަރެންސް ޑިޕާޓްމަންޓުން ބަލަމުން ގެންދާ ކަމުގައެވެ.
އަދި މިމައްސަލަ ބެލުމަށްފަހު، ބަލިމީނުންނަށް ދެވޭ ޚިދުމަތަކީ އެންމެ ހަރުދަނާ ޚިދުމަތަކަށް ހެދުމަށްޓަކާ ހޮސްޕިޓަލުގެ ޕޭޝަންޓް ކެއަރ ރަގަޅު ކުރުމަށް ކުރާންޖެހޭ ކަމެއް ވާނަމަ އެކަމެއް ކުރުމުގައި ހޮޕިޓަލުން ފަސްނުޖެހޭނެކަމަށް މި ބަޔާނުގައި ބުނެފައި ވެއެވެ.
މި ބަޔާނުގައި އިތުރަށް ބުނެފައިވަނީ ހުޅުމާލޭ ހޮސްޕިޓަލުގެ އަބަދުގެވެސް އަމާޒަކީ ބަލި މީހުންނަށް ރައްކާތެރިކަން ކަށަވަރު ކޮށްދީ، ހޮސްޕިޓަލުން ދެވޭ ޚިދުމަތަކީ ރައްޔިތުން ބަލައިގަންނަ ފަދަ ހަރުދަނާ ފުރިހަމަ ޚިދުމަތަކަށް ހެދުން ކަމުގައެވެ.
ހުޅުމާލޭ ހޮސްޕިޓަލުގެ ލިފްޓް ތެރެއަށް މާބަނޑު އަންހެނަކު ވިހެއުމުގެ މައްސަލައެއް ފެންމަތި ވެފައިވާއިރު، ހަމަ އެ ހޮސްޕިޓަލުގެ އިހުމާލުން މާބަނޑު މީހެއްގެ ބަނޑަށް ދަރިއަކު މަރުވިކަމަށް ބުނާ މައްސަލައެއްވެސް ބަލަމުން އަންނަކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.
އަށް މަހުގައި އަންހެން މީހާގެ ބަނޑަށް ދަރިފުޅު މަރުވި ކަމަށް ބެލެވެނީ ހޮސްޕިޓަލުން ދޭންޖެހޭ މައުލޫމާތު ނުދީ އަދި އީދު ޗުއްޓީއާ ދިމާކޮށް ޕަބްލިކް ހެލްތު ޔުނިޓާއި މާބަނޑު މީހުންގެ ކްލިނިކް ބަންދުވުމާ ގުޅިގެންކަމަށް އާއިލާއިން ބުނެފައިވެއެވެ.
އެ އަންހެން މީހާ އަށް 14 އަހަރު ފަހުން ލިބުނު ދަރިފުޅު މިކަހަލަ ގޮތަކަށް މަރުވުމުގެ ސަބަބުން އަންހެން މީހާ އާއި އާއިލާ ވަރަށް ބޮޑަށް ނަފްސާނީވެފައިވާކަމަށް އާއިލާއިން ބުނެފައިވެއެވެ.
ކޮމެންޓު ފޮނުވާ