މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ދަތުރުގޮސް ހިތްހަމަޖައްސާލުމަށްޓަކައި، ސަރުކާރުން ތަރައްޤީ ކުރަމުން އަންނަ ކުޑަގިރި ޕިކްނިކް އައިލެންޑް ރަސްމީކޮށް ހުޅުވުން ފަސްކޮށްފިއެވެ.
ސަރުކާރުން މީގެ ކުރިން ނިންމާފައި ވަނީ މާދަމާ ފާހަގަކުރާ ރާއްޖޭގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެރަށް ރަސްމީކޮށް ހުޅުވުމަށެވެ.
ނަމަވެސް ޕްލޭނިން މިނިސްޓްރީން ބުނީ އެ ރަށުގައި އަދިވެސް ފުރިހަމަކުރަންޖެހޭ ކަންތައްތައް ހުރުމުން ޕިކްނިކް އައިލެންޑް ހުޅުވުން ވަކި މުއްދަތެއް ނެތްގޮތަށް ފަސްކޮށްފައި ވާކަމަށެވެ. އެގޮތުން އެރަށްފެހި ކުރުމާއި ފެސިލިޓީތައް ފުރިހަމަކުރުން މި ކަންކަމުގެ ތެރޭގައި ހިމެނޭކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.
މިހާރު ނުނިމި ހުރި މަސައްކަތްތައް ނިންމާނުލައި ރަށް ހުޅުވައިފި ނަމަ ދަތުރުދާ މީހުނަށް ބައެއް ދަތިތަކާ ދިމާވާނެކަން ވެސް މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ. އެހެންކަމުން މިނިސްޓްރީން ބުނީ މިހާރު ކުރަމުންދާ މަސައްކަތްތައް ނިމި ރަށް ހުުވަން ކައިރިވުމުން ހުޅުވާނެ ދުވަސް އާންމުކުރާނެ ކަމަށެވެ.
މާލެ ކައިރީގައި، އާންމު ރައްޔިތުން ޗުއްޓީ ހޭދަކޮށްލާނެ ޚާއްސަ ރަށެއް ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ތަރައްގީ ކުރުމަމީ ރައީސް ސާލިހުގެ ރިޔާސީ ވައުދެކެވެ.
މާލޭގައި ދިރިއުޅޭ މީހުން ދަތުރުދިއުމަށް އެންމެ ކުރީއްސުރެ ބޭނުން ކުރަމުން އައިސްފައި ވަނީ ކުޑަ ބަނޑޮހެވެ. ނަމަވެސް ރިސޯޓެއް ހެދުމަށް އެރަށް ބަންދުކޮށްފައިވަނީ 2013 ވަނަ އަހަރުއެވެ. ކުޑަބަނޑޮހަށް ދަތުރުދިއުން ޢާއްމުންނަށް ބަންދުވުމާއެކު މާލޭގައި ދިރިއުޅޭ މީހުން ހިތްހަމަ ޖައްސާލައި ދަތުރުދިޔުމަށް އޮތް ހަމައެކަނި ފުރުސަތު ވަނީ ބަންދުވެފައެވެ. މިހާރު ގިނަ ބަޔަކު އާއިލާއާއެކު މޫދަށްގޮސްލާ ހަދަން ބޭނުންވާނަމަ ދާންޖެހެނީ ހުޅުމާލެ ނުވަތަ ވިލިމާލެއަށެވެ. ނޫނީ ފިނޮޅުތަކަށެވެ.
އެހެންނަމަވެސް މިހާރު ތަރައްޤީ ކުރަމުން އަންނަ ކުޑަގިރި ޕިކްނިކް އައިލެންޑާއިއެކު މާލެ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުން ހިތްހަމަޖައްސާލުމަށް ދަތުރުދާނެ ރަށެއް ނެތުމުގެ ޝަކުވާއަށް ނިމުމެއް އަންނާނެއެވެ. ކުޑަގިރީގެ މަސައްކަތް ނިމިގެންދާއިރު، އާއިލާއާއެކު ދަތުރުގޮސްލާ، ހިތްހަމަޖައްސާލުމަށް ވަރަށް ހިތްގައިމު މަންޒިލަކަށް މިތަން ވެގެންދާނެކަމަށް ކުޑަގިރި ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުން އަންނަ އެމްޓީސީސީން ބުނެއެވެ.
ޕިކްނިކް އައިލެންޑްގެ މާސްޓަރ ޕްލޭން ތައްޔާރުކޮށްފައިވަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީންނެވެ.
One Response
ކުޑަގިރީގެ ބަދަލުގައި ސަރުކާރުން ހުޅުވީ އަލަމްގިރި.