ބައިނަލްއަޤްވާމީ ޔޯގާ ދުވަހުގެ ހަރަކާތްތަކަށް ހުރައެޅިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދީނީ ޢިލްމުވެރިޔާ ޝައިޚް އާދަމް ނިޝާން ބިން ޢަލީ އާދަމް އަނިޔާވެރި ޢަމަލުތަކަށް ތާޢީދުކުރައްވާނެކަމަށް ޤަބޫލު ނުކުރެއްވޭކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ އަދި އިސްލާމީ ޔުނިވާސިޓީގެ ކުރީގެ ޗާންސެލަރ ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ޔޯގާ ދުވަހުގެ ހަމަނުޖެހުންތަކާއި ގުޅިގެން ޝައިޚް ނިޝާންގެ އިތުރުން ޝައިޚް ފަޒްލޫން ބިން މުޙައްމަދު ވެސް ހައްޔަރުކޮށްފައިވެއެވެ. ނަމަވެސް މަހެއްހާ ދުވަހު ޖަލުގައި ބެހެއްޓުމަށްފަހު ޝައިޚް ފަޒްލޫން މިހާރު ވަނޫީ ދޫކޮށްލާފައެވެ. ނަމަވެސް ޝައިޚް ނިޝާން މިހާތަނަށް ދޫކޮށްލާފައި ނުވެއެވެ.
ޝައިޚް ނިޝާނާއި ގުޅޭގޮތުން ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، ޝައިޚު އާދަމް ނިޝާނަކީ، ވަކިން ޖަމާޢަތް ހަދައިގެން ނަމާދުކޮށް އުޅުނު ފަރާތްތައް އިޞްލާޙުކޮށް ޢިލްމީ ގޮތުން އެފަރާތްތަކަށް ޙައްޤުގޮތް ބުނެދެއްވުމަށް މަސައްކަތް ކުރައްވައި ނަތީޖާ ވެސް ނެރުއްވި ބޭފުޅެއްކަމަށެވެ. އަދި އަނިޔާވެެެރި ޢަމަލަކަށް އޭނާ ތާއިދުކުރައްވާނެކަމަށް ޤަބޫލެއް ނުކުރެވޭކަަމަށާއި، ޝައިޚު ނިޝާން މިނިވަންކުރަންޖެހޭކަމަށް ޝަހީމް ވިދާޅުވިއެވެ.
ޝަހީމް ވިދާޅުވީ، ޤާނޫނާ ޚިލާފުކަމެއް ކުރިކަން ސާބިތު ނުވާހާ ހިނދަކު، ދީނީ ގޮތުން ކަމެއްގައި މީހަކު ދެކޭ ރައުޔެއް ހާމަކުރުމަކީ ހައްޔަރުކޮށްގެން ގެންގުޅެން ޖެހޭ ސަބަބެއްނޫންކަމަށެވެ.
ޝައިޚު އާދަމް ނިޝާނަކީ، ވަކިން ޖަމާޢަތް ހަދައިގެން ނަމާދުކޮށް އުޅުނު ފަރާތްތައް އިޞްލާޙުކޮށް ޢިލްމީ ގޮތުން އެފަރާތްތަކަށް ޙައްޤުގޮތް ބުނެދެއްވުމަށް މަސައްކަތް ކުރައްވައި ނަތީޖާ ވެސް ނެރުއްވި ބޭފުޅެއް.
— Mohamed Shaheem Ali Saeed (@Mohamedshaheem1) July 22, 2022
ޔޯގާ ދުވަހުގެ ހަމަނުޖެހުންތަކާއި ގުޅިގެން 21 މީހަކު ހައްުޔަރުކުރިއެވެ. ނަމަވެސް އޭގެ ތެރެއިން ބައެއް މީހުން މިހާރު ވަނީ ދޫކޮށްލާފައެވެ.
ޝައިޚުން ހައްޔަރުކުރުމަށްފަހު ދީނީ ތަޤުރީރުކުރުމާއި ވަޢުޡު ބުނުމާއި ދީނީ އިރުޝާދު ދިނުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީއިން ވަނީ ހިފަހައްޓާފައެވެ. ހަމަނުޖެހުންތަކަށް ޝައިޚު ނިޝާންއާއި ފަޒްލޫން ހިތްވަރު ދިންކަމަށް ތުހުމަތުކުރިނަމަވެސް، އެދުވަހުގެ ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށް ޝައިޚު ނިޝާން ހަރަކާތްތެރިވާ ވީޑިއޯއެއް އާންމުވެފައިވެއެވެ.
އެވީޑިއޯގައި ގިނަ އަދަދެއްގެ މީހުން ހަމަނުޖެހުން ހިންގުމަށް ފުލުހުންގެ ބެރިކޭޑް ފަޅާލާފައި ދާން އުޅުމުން ނިޝާންވަނީ އެއްވި މީހުން ކޮންޓްރޯލްކޮށް ހަމަނުޖެހުން ހިންގުން ކޮންޓްރޯލް ކުުރުމަށް މަސައްކަތް ކޮށްފައެވެ.