ނަޝީދު ރަސްމީ ދަތުރުފުޅެއްގައި ސީޝެލްސްއަށް ވަޑައިގަންނަވަނީ

ނަޝީދު ރަސްމީ ދަތުރުފުޅެއްގައި ސީޝެލްސްއަށް ވަޑައިގަންނަވަނީ

ސީޝެލްސްގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް، މރ. ރޮޖަރ މަންސިއެންގެ ދަޢުވަތަކަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ސީޝެލްއަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ. ރައްޔިތުންގެ މަޖިލީހުން ހާމަ ކުރައްވާފައިވާ ގޮތުގައި ނަޝިދު ސީޝެލްއަށް ވަޑައިގަންނަވާނީ މިހިނގާ ޖުލައި މަހުގެ 22 އިން 28 އަށެވެ.

މި ދަތުރުފުޅުގައި މިއަދުގެ ވަގުތެއްގައި ނަޝީދު ފުރާވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

މަޖިލިސް ރައީސް މުހައްމަދު ނަޝީދުގެ މިދަތުރުފުޅުގައި ސީޝެލްސްގެ ޤާނޫނުހަދާ މަޖިލީހަށް ޒިޔާރަތްކުރައްވާ، ސީޝެލްސްގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސްއާއެކު ރަސްމީ ބައްދަލުކުރެއްވުމެއް ބާއްވަވާނެއެވެ. މިބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ކުރިއެރުމަށް އެކުއެކީގައި މަސައްކަތްކުރެއްވޭނެ ގޮތްތަކަކީ ކޮބައިތޯ ބައްލަވައި އެކަންކަމާމެދު މަޝްވަރާތައް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށްވެސް ރައްޔިތުންގެ މަޖިލީހުން ހާމަ ކޮށްފައި ވެއެވެ.

މަޖިލީހުން ވިދާޅުވެފައިވާ ގޮތުގައި، ސީޝެލްއަށް ވަޑައިގަތުމަށް ދައުވަތު ދެއްވާ، ސީޝެލްސްގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސްގެ ދަޢުވަތު ސިޓީފުޅުގައި، ދިވެހިރާއްޖެއާއި ސީޝެލްސް އަކީ ދާދި އެއްގޮތަކަށް އިންޑިއާ ކަނޑުގައި އުފެދިފައިވާ ދެ ޤައުމުކަމާއި އަދި ދެޤައުމަށް ދިމާވެފައިވާ ގޮންޖެހުންތަކާއި ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑިތަކަކީވެސް ދާދި އެއްގޮތް ކަންތައްތަކެއްކަން ފާހަގަކުރައްވާފައިވެއެވެ. އެހެންކަމުން، ދެޤައުމުގެ ދެމެދުގައިވާ ގުޅުން ބަދަހިކޮށް އެކުއެކީގައި މަސައްކަތްކުރުމުގެ މުހިންމުކަން ވެސް މި ސިޓީގައި ސީޝެލްސްގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ފާހަގަ ކުރައްވާފައި ވާކަމަށް މަޖިލިހުން ވިދާޅުވެފައި ވެއެވެ.

މީގެ އިތުރުން ދެ ޤައުމުގެ ޤާނޫހަދާ މަޖިލީހުގެ ގުޅުން މުސްތަޤްބަލުގައި އިތުރަށް ބަދަހިކުރުމާއި އަދި ދެ ޤައުމުން ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުއައްސަސާތަކުގެ އެހީގައި ދެޤައުމުގެ ކުރިއެރުމަށް އިތުރަށް މަސައްކަތްކުރުމުގެ ފުރުޞަތުތައް ފަހިކުރުމުގެ މުހިންމުކަންވެސް ސީޝެލްގެ ގާނޫނުހަދާ މަޖިލިހުގެ ރައީސްގެ ސިޓީފުޅުގައި ފާހަގަ ކުރައްވާފައިވާކަމަށް މަޖިލިހުން ހާމަ ކޮށްފައި ވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *