ކުރިއަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވާނެކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ބުނެފިއެވެ.
މެޓު އޮފީހުން ވަނީ މޫސުން ރާއްޖޭގެ ބޮޑު ބަޔަކަށް ގޯސްވާނެކަމަށް ބުނެ ހުދު ސަމާލުވެސް ނެރެފައެވެ. ހއ. އަތޮޅުން ފެށިގެން ލ. އަތޮޅާއި ހަމައަށް މި ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 10:45 އިން ހަވީރު 16:15 އާއި ހަމައަށެވެ. ސަމާލު ނެރެފައިވާ ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށް މެޓް އޮފީހުން ބުންޏެވެ.
Alert White extended pic.twitter.com/AOtjt9AGZL
— Maldives Meteorology (@MetMaldives) July 21, 2022
ކުރިއަށް އޮތް 24 ގަޑިއިރު ލަފާކުރާގޮތަށް ބަލާއިރު އެކިހިސާބަށް ވިއްސާރަކޮށް، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާކަމަށް މެޓް އޮފީހުން ލަފާކުރެއެވެ. އަދި ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 45 ބާރުމިނަށް ވައިގަދަވުން އެކަށީގެންވާކަމަށްވެސް އެ އިދާރާއިން ބުންޏެވެ. ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށާއި، ރާޅުގެ އުސްމިނުގައި 4 ފޫޓާއި 6 ފޫޓު ހުންނާނެކަމަށްވެސް މެޓް އޮފީހުން ބުންޏެވެ.
މި ދުވަސްވަރަކީ މޫސުން ގޯސް އަދި ކަނޑުތައްވެސް ގަދަ ދުވަސްވަރަކަށް ވުމާއެކު ދަތުރުފަތުރު ކުރުމުގައި ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއި ކަނޑުދަތުރުފަތުރު ކުރުމުގެ ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް އަަމަލުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.