ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް އުފުލާފައިވާ ދެ ދަޢުވާއެއްގެ އަޑުއެހުން ބުދަދުވަހު ބޭއްވުމަށް ކްރިމިނަލް ކޯޓުގައި ތަޢާވަލުކޮށްފިއެވެ.
ބުދަދުވަހު ބޭއްވުމަށް ތަޢާވަލުކޮށްފައިވަނީ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީލޯންޑަރިންގެ ކުށުގެ ދަޢުވާއާއި، ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ ދަޢުވާއެވެ. މިދަޢުވާތަކަކީ ޓޫރިޒަމް މިނިސްޓްރީއާއި އެމްއެމްޕީއާރުސީ މެދުވެރިކޮށް ރިސޯޓެއްގެ ގޮތުގައި ތަރައްޤީކުރުމަށް ދޫކޮށްފައިވާ ރ.އަތޮޅު ފުށިގިރި ކުއްޔަށް ދޫކުރުމުގެ މުޢާމަލާތާއި ގުޅިގެންނެވެ. އެޝަރީޢަތުގެ އަޑުއެހުން ތަޢާވަލުކޮށްފައިވަނީ ބުދަދުވަހުގެ މެންދުރު 13:30 އަށެވެ.
ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާގައި ބުނެފައިވަނީ، ނުފޫޒު ބޭނުންކޮށްގެން މއ. ކުރިކީލަހިޔާ އަޙްމަދު ކުރިކް ރިޒާ މެދުވެރިކޮށް ރިޝްވަގުތެ ގޮތުގައި 1،117،000 ޑޮލަރު ހޯދައި، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އާއި ސަން އިންވެސްޓްމެންޓް ބޭނުންކޮށްގެން އެ ފައިސާ ލޯންޑާކުރުމަށްޓަކައި ފަށަލަކޮށްފައިވާކަމުގެ ކުށުގެ ދަޢުވާއެވެ.
މިމައްސަލާގެ ކުށުގައި ހިމެނޭ ފައިސާގެ ގޮތުގައި 1،349،885 ޑޮލަރާއި ކުށުގެ އަމަލުން ހޯދި ފައިސާއާ އެއްކޮށްފައިވާ 2،295،250 ޑޮލަރާއި ޖޫރިމަނާގެ ގޮތުގައި 34،689،425 ޑޮލަރު ދައުލަތަށް އަނބުރާ ހޯދުމަށް މަސައްކަތް ކުރާނެކަމށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވަނީ ބުނެފައެވެ.
ރައީސް ޔާމީން މިހާރުވެސް ގެންދަވަނީ ފަސް އަހަރު ދުވަހުގެ ޖަލު ޙުކުމެއް ތަންފީޒްކުރައްވަމުންނެވެ. އަދި އެމައްސަލައިގެ އިސްތިއުނާފްގެ ޝަރިޢަތްތައް ހައިކޯޓުގައި ދަނީ ހިނގަމުންނެވެ. އެމައްސަލާގައި ދެން އޮންނާނީ ޙުކުމް އިއްވުމެވެ.
ކޮމެންޓު ފޮނުވާ