ބައިނަލްއަޤްވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތަށް ހުރަސްއެޅިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދެ ޝެއިޚުންގެ ބަންދަށް އިތުރު 16 ދުވަސްޖަހައިފިއެވެ.
ބަންދުގެ މުއްދަތު އިތުރުކުރުމަށް ކްރިމިނަލްކޯޓަށް ޙާޒިރުކުރުމުން 16 ދުވަސް އިތުރުކޮށްދީފައިވަނީ، ޝައިޚް އާދަމް ނިޝާނާއި ޝައިޚް މުޙައްމަދު ފަޟްލޫނުގެއެވެ. ދީނީ ޢިލްމުވެރިން ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހާތީ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކޮށް، ސަރުކާރަށް ފާޑުކިޔަމުންނެވެ. ޝައިޚް އާދަމް ނިޝާނާއި ޝައިޚް މުޙައްމަދު ފަޟްލޫންގެ ބަންދު އިތުރުކުރި މައްސަލަ ވަނީ ހައިކޯޓުގައި އިއްޔެ އިސްތިއުނާފްކޮށްފައެވެ.
މީގެ އިތުރުން ޔޯގާ ހަމަނުޖެހުމާއި ގުޅިގެން ހައްޔަރުކުރި 21 މީހުންގެ ތެރެއިން 6 މީހަކު އިއްޔެ ވަނީ ދޫކޮށްލާފައެވެ.
ޔޯގާ ހަރަކާތަށް ހުރަސްއެޅިކަމުގެ ތުހުމަތުގައި ދީނީ އިލްމުވެރިޔާ އައްޝައިޚް އާދަމް ނިޝާން ބިން ޢަލީ އާދަމާއި އައްޝައިޚް ފަޒްލޫން ބިން މުޙައްމަދު ހައްޔަރު ކޮށްފައިވަނީ މިދިޔަމަހުގެ 22ގައެވެ. އަދި އެ ޢިލްމުވެރިންގެ ބަންދަށް ވަނީ ދެމަސް ދުވަހުގެ މުއްދަތެއް ޖަހާފައެވެ. ދެ ޝެއިޚުން ބަންދުކޮށް މުއްދަތު އިތުރު ކުރުމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ އަމުރު އިސްތިއުނާފު ކުރުމަށް އިއްޔެ ވަނީ ހައި ކޯޓަށް ހުށަހަޅާފައެވެ. ނަމަވެސް ހައި ކޯޓުން އެ މައްސަލަ ބަލައިގަތުމާ ގުޅޭ ގޮތުން އަދި ގޮތެއް ނުނިންމައެވެ.
ދެ ޝައިޚުންގެ ބަންދުގެ މުއްދަތު މީގެ ކުރިން އިތުރުކޮށްދީފައިވަނީ ފުލުހުން ބުނެފައިވާގޮތުގައި އެ ދެ ބޭފުޅުންނާ ދެކޮޅަށް ވެސް ހެކި ހުރުމުންނެވެ.
ގަލޮޅު ދަނޑުގައި ޔޯގާ ހަރަކާތް ބޭއްވީ ޔޫތު މިނިސްޓްރީއާއި އިންޑިއަން ކަލްޗްރަލް ސެންޓަރު ގުޅިގެންނެވެ. މި ހަމަނުޖެހުން ހިނގިވަގުތު އެތަނުގައި އިންޑިއާ ސަފީރާއި، ޔޫތު މިނިސްޓަރ މަޚްލޫފާއި، އެނޫންވެސް ބޭރުގެ ޑިޕްލޮމޭޓުން ތިއްބެވެ. މިކަން ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން ދަނީ ބަލަމުންނެވެ.
އަދި މި މައްސަލަ ބެލުމަށް ވަޒީރުންގެ މަޖިލީހުގެ ސަބް ކޮމިޓީއެއް ރައީސް އުފައްދަވާފައިވެއެވެ. އަދި ރައީސްވެސް ވަނީ އެ ހަމަނުޖެހުން ކުށްވެރިކުރައްވާފައެވެ.
ދީނީ ޢިލްމުވެރިން ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހާފައިވާއިރު، އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުކުރެވޭ މީހުން ބަންދު ނުކޮށް ދޫކޮށްލާފައިވާ މައްސަލާގައި ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރާ ހޯމް މިނިސްޓަރަށް ވަނީ އަމާޒުވެފައެވެ.
ކޮމެންޓު ފޮނުވާ