ބަޔާން މިއުނިކްގެ ތަރި ރޮބަޓް ލެވަންޑޯސްކީ ވިއްކާލަން އެންމެ ފަހުން އެއްބަސްވުމާ ގުޅިގެން ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އޭނާ ބާސެލޯނާ އަށް ސޮއިކުރަން ނިންމައިފިއެވެ.
އުމުރުން 33 އަހަރުގެ ލެވަންޑޯސްކީއަކީ ބާސެލޯނާ އިން މިވަގުތު އެންމެ ބޭނުންވާ އެއް ކުޅުންތެރިޔާއެވެ. ލެވަންޑޯސްކީ، ބަޔާންއާ އެކު ހަދާފައިވާ އެއްބަސްވުން އަންނަ އަހަރުގެ ހޫނު މޫސުމުގައި ހަމަވެއެވެ. އޭނާ ވަނީ ބަޔާންއާއެކުގައި އާ ކޮންޓްރެކްޓެއްގައި ސޮއި ކުރަން ދެކޮޅު ހަދައިފައެވެ.
ލެވަންޑޯސްކީ ދާދި ފަހުން ވަނީ ބަޔާންއާއެކު ލިޔަމުން ދިޔަ ސަފުހާތައް ނިމުމަކަށް އައިސްފައިވާ ކަމަށް ބުނެފައެވެ. އެގޮތުން ބަޔާންގެ ފަރާތުން ފުރިހަމަ އެއްބާރުލުން ބޭނުންވާކަން ފާހަގަކޮށް އޭނާ ބުނީ، މިވަގުތު އެންމެ ބޮޑަށް ބޭނުން ވަނީ އާ ކްލަބަކާ ގުޅި އެ ކްލަބަށް ކާމިޔާބު ހޯދައި ދިނުމަށް ކަމަށެވެ.
މިދިޔަ ދެ އަހަރު ފީފާގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދި ލެވަންޑޯސްކީ، މިއަދުގެ ވަގުތެއްގައި ބާސެލޯނާގެ މެޑިކަލް ފުރިހަމަކުރުމަށް ފަހު އެ ކްލަބާ އެކު ތިން އަހަރުގެ ކޮންޓްރެކްޓެއްގައި ސޮއިކުރާނެއެވެ. އަދި އެ އެއްބަސްވުމުގައި ބާސެލޯނާ އިން ބޭނުންނަމަ އިތުރު އެއް އަހަރަށް ލެވަންޑޯސްކީ މަޑުކުރެވޭ ގޮތަށް ހިމަނާނެއެވެ.
ބަޔާނުން ލެވަންޑޯސްކީ ވިއްކާލަން ނިންމި އެންމެ ބޮޑު އެއް ސަބަބަކީ ޔުވެންޓަސް އިން ނެދަލެންޑްސްގެ ޑިފެންޑަރު މަތައިސް ޑި ލިޓް ގަންނަން ފަންޑް ހޯދުމަށެވެ. ޔުވެންޓަސް އިން ޑި ލިޓް ދޫކޮށްލަން އެންމެ ކުޑަކޮށް ކިޔާ އަގު ވެސް އުޅެނީ 90 މިލިއަން ޑޮލަރުގައެވެ.
ބަޔާނަށް 375 މެޗު ކުޅެދީ 344 ގޯލް ޖެހި ލެވަންޑޯސްކީ ބްރޫޝިއާ ޑޯޓްމަންޑްގައި ކާމިޔާބު ހަތަރު ސީޒަން ހޭދަކުރުމަށްފަހު 2014 ވަނަ އަހަރުގެ ސީޒަނުގައި ބަޔާންއަށް ބަދަލުވި ލެވަންޑޯސްކީ ވަނީ ބަޔާންގައި މިހާތަނަށް ހޭދަކުރި 8 އަހަރު ތެރޭގައި ގިނަ ކާމިޔާބީތައް ހޯދާފައެވެ.
މިގޮތުން 8 ލީގު ތަށި، ތިން ޖަރުމަން ކަޕް، އެއް ޔުއެފާ ޗެމްޕިއަންސް ލީގު، އެއް ޔުއެފާ ސުޕަ ކަޕް އަދި އެއް ޔުއެފާ ކްލަބް ވޯލްޑް ކަޕް އޭނާ ވަނީ ބަޔާންއާއެކު ކާމިޔާބުކޮށްފައެވެ.