ވެރިކަން ކުރާ މައި ޕަޓީ އެމްޑީޕީން އެމްއެމްޕީއާރުސީގެ ޚިޔާނާތަކީ އިންތިޚާބުތައް ކާމިޔާބު ކުރަން ބޭނުންކުރާ ސްލޯގަނަކަށް ހަދާފައިވާކަމަށް އިދިކޮޅު ޕީއެންސީގެ ނައިބް ރައީސް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ ވެރިކަމަށް ވދައިގަތުމަށްވެސް މިސަރުކާރުން އެންމެ ބޮޑަށް ދެއްކި އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައަށް އިންސާފެއް ނުލިބި، ގެއްލުނު އެންމެ ރުފިޔާއެއްވެސް ސަރުކާރަށް ހޯދިފައި ނުވާތީ އެކަމަށް ފާޑުކިޔައި ކުރެއްވި ޓުވީޓެއްގައެވެ.
އާދަމް ޝަރީފް ވިދާޅުވީ ވެރިކަމަށް މިސަރުކާރުން އައީސްވެސް އެމްއެމްޕީއާރުސީގެ ކޮރަޕްޝަނަށް އިންސާފު ހޯދައިދޭނެކަމަށް ވައުދުވެގެން ކަމަށެވެ. މިއަދު މި ބޮޑު ކޮރަޕްޝަންގެ އެންމެ ފައިސާ ފޮއްޗެއްވެސް ހޯދުފައި ނުވާއިރު، އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ ވާހަކައަކީ މިސަރުކާރުން އިންތިޚާބުތައް ކާމިޔާބު ކުރަން ބޭނުންކުރާ ސްލޯގަންއަކަށް ހަދާފައިވާކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
ކޮރަޕްޝަނަށް ޒީރޯ ޓޮލަރެންސް ކަމަށް ބުނި މީހުން ވެރިކަމަށް އައުމުން ކޮރަޕްޝަންވީ ގިނަ. ރައްޔިތުންގެ ގެއްލިފައިވާ ފައިސާ ނުހޯދުނު! އެމްއެމްޕީއާރުސީ ޚިޔާނާތުގެ ސައްޚަ ލިސްޓު ހާމަކުރާނެ ވާހަކަ އަކީ އެމްޑީޕީން އިންތިޚާބުތައް ކާމިޔާބު ކުރުމަށް ދެ ފެކްޝަނުންވެސް ބޭނުން ކުރާ ސްލޯގަނަކަށް ހަދައިފި.
– އާދަމް ޝަރީފް ވިދާޅުވިއެވެ.
ނިމިގެންދިޔަ އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބުގައި މިލިސްޓު އޮތްކަމަށް ވިދާޅުވެ ރައީސް ނަޝީދު ވާހަކަ ދެއްކެވި ނަމަވެސް މިހާތަނަށްވެސް ލިސްޓު ހާމަ ކުރަން ނުކެރުނުކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. މިލިސްޓު ހާމަ ކުރަން ނުކެރެނީ ލިސްޓުގައި ދެ ފެކްޝަންގެ ބޭފުޅުންވެސް ހިމެނޭތީތޯ އާދަމް ޝަރީގް ވަނީ ސުވާލު ކުރައްވާފައެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ސައްޚަ ލިސްޓު ހާމަ ނުކުރަނީ އެމްޑީޕީ ދެ ފެކްޝަންގެ މީހުންވެސް އެ ލިސްޓުގައި ހިމެނޭތީތޯ؟ އެމްޑީޕީގެ ޗެއާޕާސަން ހޮވުމުގެ އިންތިޚާބުގައި ބުނި ލިސްޓު އަވަހަށް ހާމަކުރުމަށް. އެ ލިސްޓު ހާމަ ނުކުރަނީސް ރައްޔިތުން އިތުބާރެއް ނުކުރާނެ.
– އާދަމް ޝަރީފް ވިދާޅުވިއެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބުގެ ތެރޭގައި މިސަރުކާރުން އުފެއްދި ރިޔާސީ ކޮމިޝަން، އެސެޓް ރިކަވަރީ ކޮމިޝަނުން އެމްއެމްޕީއާރުސީގެ ކޮރަޕްޝަނާ ގުޅޭ ރިޕޯޓް އެމަނިކުފާނުގެ އަތްޕުޅުގައި އެބައޮތްކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ. ރައީސް ނަޝީދު ވަނީ އެމްއެމްޕީއާރުސީގެ ރިޕޯޓް އެމަނިކުފާނުގެ އަތްޕުޅުގައި އެބައޮތް ކަމަށް ވިދާޅުވެފައެވެ. އަދި އެ ރިޕޯޓް ހިއްސާ ކުރައްވަން ޖެހިދާނެ ކަަމަށް ވިދާޅުވިއެވެ. އެއަށްފަހު ވިދާޅުވީ، އެ ރިޕޯޓަކީ އެސެޓްރިކަވަރީ ކޮމިޝަނުން ހަދާ ރައީސް އޮފީހަށް ފޮނުވާފައިވާ ރިޕޯޓެއް ކަމަށެވެ. ނަމަވެސް އެ ރިޕޯޓް ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި ގޮތެއް ވިދާޅެއް ނުވިއެވެ.
ދައުލަތުން ގެއްލިފައިވާ ފައިސާއާއި މުދާ ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި ރިޔާސީ ކޮމިޝަން (އެސެޓް ރިކަވަރީ ކޮމިޝަން)އަށް ފާއިތުވެދިޔަ އަހަރު ނިމިގެންދިޔައިރު 10 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާކަންވެސް ވަނީ މީގެކުރިން ހާމަވެގެން ގޮސްފައެވެ.
ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ އެ ރިޔާސީ ކޮމިޝަންގެ ޚަރަދުތަކާއި ބެހޭ މަޢުލޫމާތު ހޯދުމަށް އަމިއްލަ ފަރާތަކުން، ފާއިތުވެދިޔަ އަހަރު ވަނީ، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޤާނޫނުގެ ދަށުން އެދިފައެވެ. އަދި އެ ކޮމިޝަނުން މިކަމާއި ގުޅިގެން ހިއްސާކޮށްފައިވާ މަޢުލޫމާތަށް ބެލިއިރު އެ ކޮމިޝަނުން އެންމެ ބޮޑު ޚަރަދެއް ކޮށްފައިވަނީ 2019ވަނަ އަހަރެވެ. އެ އަހަރު އެކަނިވެސް 4.0 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ.
އެގޮތުން މުސާރައާ އެލަވެންސްއަށް 3.3 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، އޮފީސް ހިންގުމުގެ ބޭނުމަށް ހޯދާ ތަކެތީގެ ޚަރަށް 2،548.57 ރުފިޔާ އަދި އޮފީސް ހިންގުމަށް ބޭނުންވާ ހިދުމަތުގެ ހަރަދުގެ އަދަދަށް 61،919.54 ރުފިޔާ ޚަރަދުކޮޮށްފައިވެއެވެ. އަދިހަރުމުދާ ހޯދަން 556،777.34 ރުފިޔާ ޚަރަދުކޮށްފައިވެއެވެ.
ކޮމެންޓު ފޮނުވާ