އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީގެ ފޯވާޑް ރަހީމް ސްޓާލިން ވާދަވެރި ޗެލްސީއަށް ސޮއިކޮށްފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ސްޓާލިން ޗެލްސީއަށް ސޮއިކޮށްފައިވަނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ޗެލްސީން ސްޓާލިންގެ ސޮއި ހޯދާފައިވަނީ 50 މިލިޔަން ޕައުންޑުގެ ޓްރާންސްފާ ފީއެއް ދެއްކުމަށްފަހުއެވެ. މީގެ ކުރިން ސިޓީން 2015 ވަނަ އަހަރު ސްޓާލިން އެ ކުލަބަށް ގެންދިޔައީ ލިވަޕޫލަށް 49 މިލިޔން ޕައުންޑް ދެއްކުމަށްފަހުއެވެ. އިންގްލަންޑުގެ ގައުމީ ޓީމަށް މިހާތަނަށް 77 މެޗު ކުޅެދީފައިވާ ސްޓާލިން އަކީ ޓޮޑް ބޮއެހްލީ އިސްވެހުރެ ޗެލްސީ ގަތް ފަހުން އެ ކުލަބުން ސޮއިކުރި މިފަދަ ފުރަތަމަ ކުޅުންތެރިޔާއެވެ.
ޗެލްސީއަށް ސޮއިކުރުމަށްފަހު ވާހަކަ ދައްކަމުން ސްޓާލިން ބުނީ އޭނާގެ ކެރިއަރުގައި މިހާތަނަށް ވަރަށް ގިނަ ކަންތައްތަކެއް ހާސިލުކުރެވިއްޖެ ކަމަށާއި، ނަމަވެސް އަދިވެސް ވަރަށް ގިނަ ކަންކަން ހާސިލުކުރަން ބާކީ އެބައޮތް ކަމަށެވެ. އަދި ޗެލްސީއާއެކު އިތުރު ކާމިޔާބީތައް ހާސިލުކުރަން އުއްމީދުކުރާ ކަމަށްވެސް ބުންޏެވެ.
ސްޓާލިން ބުނީ ލަންޑަނަކީ އޭނާގެ ރަށް ކަމަށާއި، އެއީ އޭނާގެ ކުޅުން ފެށުނު ތަން ކަމަށެވެ. އެހެންކަމުން ކޮންމެ ދުވަހަކު އޭނާގެ ގާތް ރައްޓެހިންނާއި އާއިލާގެ މީހުން ކުރިމަތީ ކުޅުމުގެ ފުރުސަތު ލިބިގެންދިއުމުން ވަރަށް ހިތްހަމަޖެހޭ ކަމަށްވެސް ބުންޏެވެ. އަދި ޗެލްސީގެ ސަޕޯޓަރުންނާއި ވަރަށް އަވަހަށް ދިމާވުމަށް އުއްމީދު ކުރާކަމަށްވެސް ވަނީ ބުނެފައެވެ.
ސްޓާލިން މިހާރު ވަނީ އެމެރިކާގެ ލޮސް އެންޖަލިސްގައި ފަރިތަކުރުންތައް ފުރިހަމަކުރަމުންދާ ޗެލްސީ ޓީމާ ގުޅުމަށްޓަކައި އެ ސިޓީއަށް ގޮސްފައެވެ.