ސްރީލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ ފިއްލަވައިގެން ރާއްޖެއައީ ރައީސްކަމުގެ މަޤާމުން އިސްތިއުފާދެއްވުމުގެ ސިޓީ ހަވާލުކޮށްދޭނެ ތަޖުރިބާހުރި މީހުން ރާއްޖޭގައި ތިބުމުންކަމަށް ބުނެ ޤައުމީ އެއަރލައިން މޯލްޑިވިއަންގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އައިޝަތު ޖެނިފާ ފާޑުވިދާޅުވެއްޖެއެވެ.
ޖެނިފާ މިފަދައިން ފާޑުވިދާޅުވެފައިމިވަނީ، ކުރީގެ ރައީސް މުޙައްމަދު ނަޝީދު 2012 ވަނަ އަހަރު ވެރިކަމުން އިސްތިއުފާދެއްވުމުގެ ސިޓީ، ރާއްޖޭގެ ސަލާމަތީ ޚިދުމަތްތަކުގެ އިސް ބައެއް ބޭފުޅުން މަޖިލީހުގެ ރައީސްއަށް ހަވާލުކޮށްދެއްވިކަމަށް ބުނާ މައްސަލައަށް އިޝާރާތްކުރައްވައެވެ. ޖެނިފާ ވިދާޅުވީ ލަންކާގެ ރައީސް ރާއްޖެ އައީ ސިޓީ ހަވާލުކުރަންކަމަށެވެ. އިސްތިއުފާގެ ސިޓީ ހަވާލުކޮށްދޭ އެކަމުގެ ތަޖުރިބާ ލިބިފައިތިބި މީހުން މި ޤައުމުގައި ތިބީމައިކަމަށް އޭނާ ވިދާޅުވިއެވެ.
ލަންކާގެ ހާލަތު ގޯސްވެ ރައްޔިތުން ރުޅިގަދަވެ ކުރަމުންދާ މުޒާހަރާތަކާއި ގުޅިގެން، ގޮތަބަޔާ ވަނީ އިއްޔެ އިސްތިއުފާދެއްވާނެކަމަށް ކުރިން ވިދާޅުވެފައެވެ. ނަމަވެސް ފިއްލަވައިގެން ރާއްޖެ ވަޑައިގެންނވިނަމަވެސް މިހާތަނަށް އިސްތިއުފާދެއްވާފައެއް ނުވެއެވެ.
ސްރީލަންކާގެ އިޤްތިޞާދީ ހާލަތާ ގުޅިގެން ވެރިރަށް ކޮލަމްބޯގައި ފެށި މުޒާހަރާތަކުގެ ބައިވެރިން ރިޔާސީ ގަނޑުވަރަށް ވަދެ އެ ތަން ހިސާރު ކުރުމާ ގުޅިގެން ރާޖަޕަކްސަ ވަނީ އިސްތިޢުފާ ދެއްވައި، އައު ސަރުކާރެއް އެކުލަވައިލުމަށް ފުރުޞަތު ދެއްވާނެ ކަމުގައި ވިދާޅުވެފައެވެ. ނަމަވެސް، އޭގާ ކުރިން، އޭނާ މި ވަނީ ފިއްލަވައިގެން ފުރާވަޑައިގަންނަވާފައެވެ. އޭނާއާއެކު އަނބިކަނބަލުންނާއި ދެ ހަށިފާރަވެރިން ދަތުރު ކުރި ކަމުގައި ރޮއިޓަރސްއިން ބުނެފައިވެއެވެ.
ސްރީލަންކާގެ ބޭރު ފައިސާގެ ރިޒާވް ހުސްވެ، އެ ޤައުމުގެ އިޤްތިޞާދު ފުން ވަޅުގަނޑަކަށް ވެއްޓިފައި މި ވަނީ ރާޖަޕަކްސަގެ ޢާއިލީ ވެރިކަމުގެ ނާގާބިލު ކަމުން ކަމުގައި ސްރީލަންކާގެ ގިނަ ރައްޔިތުން ދެކެއެވެ. އެ ޤައުމުން ތެލާއި ކާބޯތަކެތީގެ ބާވަތްތައް ހުސްވެ، އެ ތަކެތި ހޯދުމަށް އެ ޤައުމުގެ ރައްޔިތުން ދަނީ ބޮޑެތި ތަކުލީފުތަކެއް އުފުލަމުންނެވެ. މިކަމާ ގުޅިގެން ހުކުރު ދުވަހު ފެށި ސިލްސިލާ މުޒާހަރާތަކާ އެކު މުޒާހަރާގެ ބައިވެރިން ވަނީ ރިޔާސީ ގަނޑުވަރާއި ބޮޑުވަޒީރުގެ ގެކޮޅަށް ވެސް ވަދެ އެ ތަންތަން ހިސާރު ކޮށްފައެވެ.
ސްރީލަންކާގެ ހާލަތު ގޯސްވެ ކުރިމަތިވި ފާޑުކިޔުންތަކާއި މުޒާހަރާތަކާ ގުޅިގެން ރައީސް ގޮތަބަޔާ ރާޖަޕަކްސްގެ ބޭބޭފުޅު މަހިންދަ ރާޖަޕަކްސް ވަނީ މޭ މަހުގެ ތެރޭގައި ބޮޑުވަޒީރުގެ މަޤާމުން އިސްތިޢުފާ ދެއްވާފައެވެ. އޭނާ މި ވަގުތު ހުންނެވީ ކޮލަމްބޯގައެވެ. އަދި، ކުރީގެ މާލީ ވަޒީރު ކަމުގައިވާ ބަސިލް ރާޖަޕަކްސަ ފިއްލަވައިގެން ޤައުމު ދޫކޮށް ވަޑައިގަންނަވަން އުޅެނިކޮށް ވަނީ ހުއްޓުވާފައެވެ.