ސިއްރުން ރާއްޖެ ވަޑައިގެންނެވި ސްރީލަންކާގެ ރައީސް ގޮތާބަޔަ ރާޖަޕަކްސަ ސިންގަޕޫރުގެ ހިމާޔަތް ހޯއްދަވައިގެން މިއަދު ސިންގަޕޫރަށް ވަޑައިގަތުމަށް ހަމަޖެހިފައިވާކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.
ލަންކާގެ ނިއުސްކަޓާ ނޫހުން ރާއްޖޭގެ މަސްދަރުތަކަކާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި ގޮތަބަޔަ ފުރާވަޑައިގަންނަވަނީ މިރޭ 11:25 ގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ނައްޓާލައިގެން ސިންގަޕޫރަށް ދާން ތާވަލުކޮށްފައިވާ ފްލައިޓު SQ437 ގައެވެ. އެ ނޫހުން ރިޕޯޓުކޮށްފައިވަނީ ގޮތަބަޔައަށް ސިންގަޕޫރުން ހިމާޔަތް ދީފައިވާ ކަމަށެވެ. ނަމަވެސް މި މައުލޫމާތު އަދި ކަށަވަރެއް ނޫނެވެ.
ސިއްރުން ރާއްޖެ ވަޑައިގެންނެވި ސްރީލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ މިވަގުތު ހުންނެވީ ރާއްޖޭގެ ރިސޯޓެއް ކަމަށްވާ އިތާފުށި ރިސޯޓްގައެވެ. ލަންކާގައި ސަރުކާރާއި ދެކޮޅަށް ކުރަމުންދާ ސިލްސިލާ މުޒާހަރާތައް ވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ. އެ ގައުމުގެ އާއްމު ހާލަތު ގޯސްވެފައި ވަނީ ގައުމު ބަނގުރޫޓުވެ، ވަރަށް ބޮޑު ކާރިސާއެއްގެ ތެރެއަށް ގައުމު ވަނީ ވެއްޓިފައެވެ.
ލަންކާގެ ހާލަތު ގޯސްވެފައި ވަނިކޮށް، އެންމެ ފަހުން މުޒާހަރާގެ ބައިވެރިން ގޮތަބަޔާގެ ގެކޮޅަށް ވެސް ރައްޔިތުން ވަނެވެ. އަދި އޭގެ ފަހުން އެމަނިކުފާނު އުޅުއްވަމުން ގެންދެވީ ފިއްލަވައިގެންނެވެ. އަދި ޕްރެޝަރުތަކާ ހެދި އިސްތިއުފާ ދެއްވަން ވެސް ވަނީ ނިންމަވައިފައެވެ.
ނަމަވެސް މިއަދު އިސްތިއުފާ ނުދެއްވައި ވަނީ ބާރުތައް ބޮޑުވަޒީރު ރަނިލްއާއު ހަވާލުކޮށްފައެވެ. މިއާއިއެކު ލަންކާގައި އިތުރަށް މަސްރަހު ހޫނުވެ މުޒާހަރާތައް ވަނީ ވަރުގަދަކޮށްފައެވެ. މިއާއިއެކު ލަންކާގައިވަނީ ކުއްލި ހާލަތު އިއުލާންވެސް ކޮށްފައެވެ.