ޕްރިމިއަ ލީގުގެ ގިނަ ކުލަބުތަކަކުން ޝައުގުވެރިކަން ފާޅުކުރި ލީޑްސް ޔުނައިޓެޑްގެ ބްރެޒިލް ވިންގާ ރަފީނިއާ، އެންމެ ފަހުން ބާސެލޯނާ އަށް ވިއްކާލަން ލީޑްސް ޔުނައިޓެޑް އެއްބަސްވެއްޖެ ކަމަށް ރިޕޯޓް ކޮށްފިއެވެ.
މީޑިއާތަކުން ބުނާ ގޮތުން ބާސެލޯނާ އިން ރަފީނިއާ ގެންދަނީ ލީޑްސް ޔުނައިޓެޑަށް 58.1 މިލިއަން ޑޮލަރުގެ އަގެއް ދީފައެވެ. އަދި އަދި އެޑޯންސް އާ އެކު، މި އެއްބަސްވުމުގެ ޖުމްލަ އަގު 67.2 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.
ރަފީނިއާ، ލީޑްސް ދޫކޮށްލާނެ ކަަމަށް ބަލައި، އެ ޓީމުން މިދިޔަ މަހު ވަނީ ފެޔަނޫޑްގެ ލުއިސް ސިނިސްޓޭރާގެ ސޮއި ހޯދައިފައެވެ. އަދި ލީޑްސް އިން ޕްރީ ސީޒަނުގައި އޮސްްޓްރޭލިއާ ޓުއާ އަށް ފުރިއިރު ރަފީނިއާ ޓީމާ އެކު ނުގެންދެއެވެ.
އާސެނަލުން ގިނަ ހަފްތާތަކެއް ވަންދެން ރަފީނިއާއާ މަޝްވަރާ ކުރަނިކޮށް މިދިޔަ މަހު ފަހުކޮޅު ޗެލްސީން އެ ޑީލް ހައިޖެކްކުރީ ލީޑްސް އިން ބޭނުންވާ އަގުގަ އެވެ. އެ ގޮތުން ރަފީނިއާ ގަންނަން ޗެލްސީން ފުރަތަމަ 65 މިލިއަން ޑޮލަރު ދައްކަން އެއްބަސްވިއެވެ. އަދި ޗެލްސީގައި ރަފީނިއާ ދައްކާ ކުޅުމަށް ބަލާފައި އިތުރު 15-20 މިލިއަން ޑޮލަރު ދޭން ވެސް އެއްބަސްވުމުގައި ހިމަނަން ނިންމި ނަމަވެސް ފަހު ވަގުތު ރަފީނިއާ ނިންމީ ޗެލްސީ އަށް ނުދާށެވެ.
ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ރަފީނިއާ މަޑުކުރީ ބާސެލޯނާއާ ގުޅުމަށެވެ. ކުރިން ޕޯޗުގަލްގެ ސްޕޯޓިން ލިޒްބަން އާއި ފްރާންސްގެ ރެނެސް އަށް ކުޅުނު ރަފީނިއާގެ އޭޖެންޓަކީ ޕޯޗުގަލް ގައުމީ ޓީމަށް ކުރިން ކުޅުނު ޑެކޯއެވެ. ޑެކޯ އަކީ ކްލަބް ކެރިއަރުގައި ބާސެލޯނާ އާއި ޗެލްސީ އަށް ކުޅެފައިވާ ކުޅުންތެރިއެކެވެ.
ބާސާ އިން ރަފީނިއާ ގެންދިޔުމާ އެކު، ބެޔާން މިއުނިކަށް ކުޅޭ ޖަރުމަން ވިންގާ ސާޖް ގްނަބްރީ ހޯދަން ޗެލްސީން މަސައްކަތް ފަށައިފި ކަމަށް ވެސް މީޑީއާ ރިޕޯޓްތައް ބުނެ އެވެ. ބެޔާނަށް ކުޅޭ ޕޮލެންޑު ފޯވާޑް ރޮބާޓް ލެވަންޑޯސްކީ ހޯދަން ވެސް ޗެލްސީން ޝައުގުވެރިކަން ފާޅު ކޮށްފައި ވެއެވެ. ނަމަވެސް ލެވަންޑޯސްކީ ބޭނުންވަނީ ބާސާ އަށް ބަދަލުވާށެވެ.