މިބަޖެޓަކީ 2019ގެ ޑިސެމްބަރުގައި އޮތް ހާލަތަށް ދިއުމަށް ހުށަހެޅި ބަޖެޓެއް: އަމީރު

މިބަޖެޓަކީ 2019ގެ ޑިސެމްބަރުގައި އޮތް ހާލަތަށް ދިއުމަށް ހުށަހެޅި ބަޖެޓެއް: އަމީރު

Author
މުޙައްމަދު ޝަޒައިމް
16 ނޮވެމްބަރ 2020 11:35
0

އަންނަ އަހަރަށް ދައުލަތުން ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓަކީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައި ރާއްޖޭގެ އިޤްތިޞާދީ ހާލަތު އޮތް ހާލަތަށް ދިއުމަށް ހުށަހަޅާފައިވާ އުންމީދީ ބަޖެޓެއް ކަމުގައި ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު ކުރިއަށްދާ ބަޖެޓް ބަހުސްގައި މެމްބަރުން ދެއްކެވި ވާހަތަކަށް އިޝާރާތް ކުރައްވައި މަޖިލީހުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އަމީރު ވިދާޅުވީ އަންނަ އަހަރަށް 37 ބިލިޔަން ރުފިޔާގެ ބަޖެޓެއް ހުށަހަޅާފައިވަނީ މިހާރު އޮތް އިޤްތިޞާދީ ހާލަތުން އަރައިގަނެ އިޤްތިޞާދު ކޮޅަށް ޖެހުމުގެ މަޤްސަދުގައި ކަމަށެވެ. ބަޖެޓުގައި އެންމެ ބޮޑު އިސްކަމެއް ދެއްވާފައިވާނީ ވީހާވެސް އަވަހަކަށް މި އަޑި ގުދަންތަކުން އަރައިގެނެ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައި ރާއްޖޭގެ އިޤްތިޞާދު އޮތް ހާލަތަށް ދިއުންކަމުގައި މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

މިއަދު އަޅުގަނޑުމެންގެ އިޤްތިޞާދު މިދިޔަ އަހަރުގެ ޑިސެމްބަރާއި އަޅާބަލައިރު މިވަނީ 85 ބިލިޔަން 54 ބިލިޔަން ރުފިޔާއަށް ވަނީ ކުޑަވެފަ. ލިބޭ އާމްދަނީ އެއްވަރަށް ޚަރަދު ކުޑަކޮށްފިނަމަ އަޅުގަނޑުމެންނަށް މި އަދަވަޅުން އަރައި ނުގަނެވޭ. ހަމައެކަނި ލިބޭ މިންވަރަކުން ޚަރަދުކޮށް އާމްދަނީ އިތުރުނުކޮށް ކުރިއަށް ނުދެވޭނެ. އަޅުގަނޑުމެންގެ އަމާޒަކީ ވީހާވެސް އަވަހަށް 2019 ޑިސެމްބަރުގައި ތިބި ހާލަތަށް ދިއުން.

– ފިނޭންސް މިނިސްޓަރ ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓަރ ވިދާޅުވީ އަންނަ އަހަރަށް ދައުލަތުން ހުށަހަޅާފައިވާ ބަޖެޓްގައި ހިމަނާފައިވާ ބޮޑެތި ތަރައްޤީގެ މަޝްރޫޢުތަކަކީ ބަޖެޓް ހުށަހެޅުމުގެ ކުރިންވެސް ފައިސާގެ ޔަގީންކަން ލިބިފައިވާ މަޝްރޫޢުތަކެއްކަމަށެވެ. އެގޮތުން މާލެ ސަރަހައްދުގައި އެޅުމަށް ހަމަޖެހިފައިވާ ޕޯޓާއި، ބްރިޖު މަޝްރޫޢަށް ބޭނުންވާ ފައިސާ ހަމަޖެހިފައިވާކަމަށެވެ. މިފައިސާއަކީ މިހާތަނަށް ދައުލަތުން އެންމެ ކުޑަ އިންޓަރެސްޓުގައި ލިބިފައިވާ ލޯނު އެއްބަސްވުންތަކެއްކަމަށް އަމީރު ވިދާޅުވިއެވެ.

ބްރިޖް މަޝްރޫޢަށްވަނީ ބަޖެޓް ހަމަޖެހިފަ، ޕޯޓަށް ވަނީ ހަމަޖެހިފަ، މި މަޝްރޫޢުތަކަށް ލޯނު ލިބިފައިވަނީ މިހާތަނަށް ދައުލަތުން ނުނަގާވަރުގެ ކުދަ އިންޓަރެސްޓުގަ. މިއީ ފަންޑް ލިބިފައިވާ ބަޖެޓުން ހިންގާ ޚަރަދުތަކެއް.

– އަމީރު ވިދާޅުވިއެވެ.

އަންނަ އަހަރު ހިންގުމަށް ސަރުކާރުން ނިންމާފައިވާ މަޝްރޫޢުތަކަކީ އިޤްތިޞާދީ ޙާލަތުގައި ނުބައްދަލު ބޮޑެތި މަޝްރޫޢުތަކެއްކަމަށްވުމުން، ކޯވިޑް-19 ގެ ސަބަބުން އަންދާޒާކުރިވަރަށް ދައުލަތަށް އާމްދަނީ ނުލިބިއްޖެނަމަ ކޭޝްފްލޯ މެނޭޖްމަންޓް ދަތިވެ މަޝްރޫޢުތައް ނުހިންގުން އެކަށީގެންވާކަމަށް މަރުކަޒީ ބޭންކު އެމްއެމްއޭގެ ގަވަރުނަރު ޢަލީ ޙާޝިމް ވަނީ އިއްޔެ ވިދާޅުވެފައެވެ.

މަޖިލީހުގެ ބަޖެޓް ދިރާސާކުރާ ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން އެމްއެމްއޭގެ ގަވަރުނަރު ޢަލީ ޙާޝިމް ވިދާޅުވީ، އަންނަ އަހަރު ބަޖެޓްގައި ހިމަނާފައިވާ ކެޕިޓަލް ޚަރަދުގެ ތެރެއިން ޕީއެސްއައިޕީ މަޝްރޫޢުތައް ހިންގުމަށް މައިގަނޑުގޮތެއްގައި ރޭވިފައިވަނީ ލޯނާ ދައުލަތުގެ އާންމު ބަޖެޓުންކަމަށެވެ. ނަމަވެސް ދައުލަތަށް ލިބޭ ހިލޭއެހީއާއި އާމްދަނީން ރިކަރަންޓް ޚަރަދު ފޫބެއްދުމަށް އަންދާޒާ ކުރެވިފައިވާއިރު، ކެޕިޓަލް ޚަރަދު ހިންގޭނީ އެކަމަށްބޭނުންވާ ފައިނޭންސިންވެސް ކަށަވަރުކުރެވިގެންކަމަށްވެސް ގަވަރުނަރު ފާހަގަކުރެއްވިއެވެ.

ގަވަރުނަރު ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓްގައި ދައުލަތަށް ލިބޭނެކަމަށް ލަފާކޮށްފައިވާ އާމްދަނީއަކީ ދައުލަތުގެ ޖުމްލަ ޚަރަދުގެ ދެބައިކުޅަ އެއްބައިކަމަށެވެ. އަދި ރާއްޖޭގެ އިޤްތިޞާދު އަޑިއަރާފައިވާ ގޮތަށް ބަލާ، އަންނަ އަހަރު މަޝްރޫޢުތައް ނުހިންގި ދައުލަތުގެ ދަރަނި ވަރަށްބޮޑަށް އިތުރުވެދާނެކަމަށް ލަފާކުރެވޭކަމަށްވެސް އެމްއެމްއޭގެ ގަވަރުނަރު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.